31 Oct 2019, 22:09
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާކަން ފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.
އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފުލުހުން ބަލަން ފެށީ މިމަހު ތިންވަނަ ދުވަހުއެވެ. އެ މައްސަލަ ބަލައި ނިމެންދެން ޔޫތު މިނިސްޓްރީން އޭރު އެ ޖަމިއްޔާ ސަސްޕެންޑް ކުރިއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ތިން ދީނީ އިލްމުވެރިންގެ ދިރާސީ ރިޕޯޓެއް އެކުލަވާލާފައިވާއިރު، މިރޭ ފުލުހުން ބުނީ، އެ ރިޕޯޓާ ގުޅީގެން ހެދި އިނިޝިއަލް އެސެސްމަންޓުން އެ ރިޕޯޓުގައި އިސްލާމް ދީނަށް ތައުހީނުކުރުމުގެ ގޮތުން ފާޑު ކިޔާފައިވާކަން އެނގޭ ކަމަށެވެ. އަދި އެ ރިޕޯޓުން އިސްލާމްދީނަށާއި ކީރިތި ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމައަށް ފުރައްސާރަކޮށްފައިވާކަންވެސް ފެންނަން އޮތް ކަމަށެވެ.
އެކަން މިހާރު ޖަމިއްޔާތަކާ ބެހޭ މިނިސްޓްރީ ކަމުގައިވާ ޔޫތު އެންޑް ސްޕޯޓްސް، ކޮމިއުނިޓީ އެމްޕަވާމަންޓަށް އަންގާފައިވާކަމަށް ފުލުހުން ބުންޏެވެ.
އެމްޑީއެންއިން 2016 ވަނަ އަހަރު ނެރުނު އެ ރިޕޯޓަކީ، ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި އެ ޖަމިއްޔާއިން ކުރި ދިރާސާއެއްގެ މައްޗަށް ނެރުނު ރިޕޯޓެކެވެ. ރިޕޯޓުގައި، އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާތީވެ، އެމްޑީއެން އުވާލުމަށް ގޮވައި ޝޯޝަލް މީޑިއާގައި ދަނީ ބޮޑު ކެމްޕެއިންނެއް ހިންގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ އެ ޖަމިއްޔާއާ ދެކޮޅަށް އަޑުފުލަމުނެވެ.
އެމްޑީއެން ރިޕޯޓު ސަރުކާރުން މީގެ ކުރިން ކުއްވެރިކޮށްފައިވާއިރު، އެކަމާ ގުޅިގެން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ، އެ މައްލަ ބެލުމަށްފަހު އެ ޖަމިއްޔާއާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.