31 Oct 2019, 21:23
ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންތައް، އެމަނިކުފާނު އިސްކަން ދެއްވި ތަރުތީބަށް ބަދަލެއް ނުގެނެސް މަޖިލީހުގެ ތަޅުމަށް ހުށަހަޅާން ނިންމައިފިއެވެ.
ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް އައްޔަނުކުރަން އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހަތަރު ނަމެކެވެ. އެ ހަތަރު ނަމުގެ ލިސްޓުގެ އެންމެ ކުރީގައި ހިމަނާފައިވަނީ ޖޭއެސްސީގެ ކުރީގެ މެމްބަރު ޝުއައިބު އަބްދުއްރަހުމާނެވެ.
ނަންތައް ދިރާސާކުރި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ރައީސް ފޮނުއްވި ހަތަރު ނަމުގެ ތެރެއިން އެއް ނަން އުނިކޮށްފައެވެ. އުނިކުރީ ރައީސް ފޮނުއްވި ލިސްޓުގެ ހަތަރުވަނައަށް އޮތް ގ. ތުޑިވެލި ހައްވާ ލީޝާގެ ނަމެވެ.
ކޮމިޓީން ނިންމާފައިވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅާނީ:
ޝުއައިބު އަބްދުއްރަހުމާން، ދަފްތަރު ރސ. 1188
- ކާނަލް (ރޓޑ) އަހްމަދު ޖިހާދު، ވ. ދިވެހި
- ޑރ. މަރިޔަމް ޝަހުނީޒާ ނަސީރު، ތިލަދޫ ހއ. ދިއްދޫ
ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލާން ދެ ފަހަރެއްގެ މަތިން ހުޅުވާލި އިރު، ކުރިމަތިލީ 26 ބޭފުޅެއްގެ ނަން ކޮމިޓީން ދިރާސާކޮށްފައި ތަޅުމަށް ހުށަހެޅިއެވެ. ނަމަވެސް އެ ރިޕޯޓު ކޮމިޓީއަށް އަނބުރާ ފޮނުވާލީއެވެ.
އެންއައިސީގެ ގާނޫނު ބުނާ ގޮތުން ފަސް މެމްބަރުން ހިމެނޭ އެންއައިސީގެ މެމްބަރުންގެ ދައުރަކީ، ފަސް އަހަރެވެ. މިހާރު ކޮމިޝަންގައި ހިމެނޭ ހަތަރު މެމްބަރުންނަކީ، ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނާއި ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު ހަދީޖާ އަބްދުﷲ އަދި އަހުމަދު އަމީނެވެ.
ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް، އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.