31 Oct 2019, 22:53
ޕާކިސްތާނުގެ ކަރާޗީއިން ރާވަލްޕިންޑީއަށް ދަތުރުކުރަމުން ދިޔަ ރޭލެއްގައި ރޯވެ 73 މީހަކު މަރުވި ހާދިސާއާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު އިމްރާން ހާންއަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން ބުނެފައިވަނީ އިމްރާން ހާނަށް ރައީސް ސޯލިހު ފޮނުއްވި ތައުޒިޔާގައި ރޭލުގައި ރޯވެ ހިނގި ހިތާމަވެރި ހާދިސާއާއި ގުޅިގެން ޕާކިސްތާނަށް ކުރިމަތިވި ހިތާމައިގެ ދަނޑިވަޅުގައި، އެމަނިކުފާނުގެ ނަންފުޅުގައި ޕާކިސްތާނުގެ ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވާ ކަމަށެވެ.
ރޭލުގައި ރޯވި ހާދިސާގައި 73 މީހަކު މަރުވި އިރު އިތުރު 40 މީހަކަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ. އެ މީހުންނަށް މިހާރު ފަރުވާ ދެމުން ދާ ކަަމަށް ޕާކިސްތާނުގެ މީޑިއާތަކުން ބުނެއެވެ.
މިއަދު އެ ހާދިސާ ހިނގާފައިވަނީ ރޭލުގެ ތެރޭގައި ދެ ގޭސް އުނދުނަކުން ކައްކަން އުޅެނިކޮށް ގޭސް ފުޅިއެއް ގޮވުމުގެ ސަބަބުންނެވެ. އަދި އޭރު އެތަނުގައި ތެޔޮ ފުޅިތައް ވެސް ހުރުމުން އަލިފާން ގަދަޔަށް ރޯވި އެވެ.