އެކައުންޓްގައި ފައިސާނެތި ބައިލައްކަ ރުފިޔާގެ ޗެކެއް ދޫކޮށްފައިވާތީ ޓްރާންސް ޕޯޓް މިނިސްޓްރީގެ ރަޖިސްޓާ ޖެނެރަލް އޮފް ޝިޕިން ހއ. ދިއްދޫ ޖަރީމާގޭ އާދަމް ނަސީރުގެ މައްޗަށް ދައުލަތުން ދައުވާކޮށްފި އެވެ. މިއަދު ވަނީ އެ ދައުވާގެ ޝަރީއަތް ވެސް ފަށައިފަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ ވަކީލު ވިދާޅުވީ މާޗު 31، 2011ގައި އާދަމް ނަސީރު، މާލޭ ދަފްތަރު 4074 އާދަން ރަފީއުއަށް 50،000ރ. ގެ ޗެކެއް ދޫކުރައްވާފައިވާ ކަމަށެވެ. އަދި އެ ޗެކް ހިފައިގެން ރަފީއު ބޭންކް އޮފް މޯލްޑިވްސްއަށް ދިޔުމުން އެކައުންޓްގައި ފައިސާނެތި ޗެކް ބައުންސްވެފައިވާ ކަމަށެވެ. އަދި ބުނީ ހަފުތާއެއްގެ ތެރޭގައި އެ ފައިސާ ދައްކަން ލިޔުމަކުން ރަފީއު އެންގުމުން ވެސް ނަސީރު ފައިސާ ދައްކާފައި ނުވާ ކަމަށެވެ.

ނަސީރުގެ މައްޗަށް ދައުވާކޮށްފައިވަނީ ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާއި ބެހޭ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުންނެވެ.

ޝަރީއަތުގައި ނަސީރު ވިދާޅުވީ އޭނާ ރަފީއުއަށް ޗެކެއް ދެއްވި ކަމަށާއި ނަމަވެސް އެ ޗެކްގައި ތާރީޚާއި ފައިސާގެ އަދަދު ޖަހާފައި ނުވާނެ ކަމަށާއި ޗެކެއް ދެއްވީ ހަމައެކަނި ސޮއި ކުރެއްވުމަށްފަހު ކަމަށެވެ. އޭނާގެ އެކައުންޓްގައި ފައިސާ ނެތް ކަމަށް ދައުލަތުން ދައްކާ ވާހަކަތަކަކީ ދޮގެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އެކައުންޓްގައި ފައިސާ ހުންނާނެ، އެ ޗެކްގައި ޖެހިގެން އުޅޭ މައްސަލައަކީ ސޮއި ދިމާ ނުވުމުގެ މައްސަލަ،" ޝަރީއަތުގައި ނަސީރު ވިދާޅުވި އެވެ.

އެ ޗެކްގައި ސޮއި ދިމާނުވާކަމަށް ބޭންކުން ބުނި ކަމަށް ފަހުން ދައުލަތުން ވެސް ކޯޓުގައި މިއަދު ބުންޏެވެ.

ނަސީރު ވިދާޅުވީ އެ 50،000ރ. އަކީ އޭނާގެ ދެ ރައްޓެހިންގެ މެދުގައި ކުރެވިފައިވާ ފައިސާގެ މުއާމަލާތެއް ކަމަށާއި އެއީ ވިޔަފާރީގެ މުއާމަލާތެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެ ފައިސާއަކީ ތިން މީހުން ތައިލޭންޑަށްދާން ހޯދި ފައިސާއެއް ކަމަށާއި، އޭގެތެރެއިން 9،000ރ. ރަފީއުއަށް ދައްކާފައިވާ ކަމަށެވެ.

ތިން ފަރާތެއްގެ މެދުގައި ހިނގި މުއާމަލާތުގައި އޭނާ ދައްކަންޖެހޭ ފައިސާގެ އަދު އެނގިވަޑައި ނުގަންނަވާކަމަށާއި ދައްކަންޖެހޭ ފައިސާގެ އަދަދަ ސާފުވިހާ އަވަހަކަށް ފައިސާ ދައްކާ ނިންމަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ތިން ފަރާތެއްގެ މެދުގައި އެ މުއާމަލާތް ބެހިގެންވަނީ. އަޅުގަނޑަކަށް ނޭގެ އެ ފައިސާގެ ތެރެއިން އަޅުގަނޑު ދައްކަންޖެހޭ ފައިސާގެ އަދަދެއް. އެކަން ސާފުވީމަ އަޅުގަނޑަށް އެ ފައިސާ ދެއްކޭނީ. ރަފީއުއަކީ އަޅުގަނޑުގެ ރައްޓެއްސެއް،" ނަސީރު ވިދާޅުވި އެވެ.