31 Oct 2019, 18:49
އިންކަމް ޓެކުހުން ހެޔޮ ބަދަލެއް ހޯދަން އެންމެ މުހިންމު އެއްކަމަކީ ދައުލަތުން ފަހަށް ރައްކާކުރާ މިންވަރު އިތުރު ކުރުން ކަމަށް ތަޖުރިބާކާރު ވިޔަފާރިވެރިޔާ އިބްރާހިމް ސަލީމް (ބަންދު ސަލީމް) ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ނެރޭ އިގްތިސާދީ ޖާނަލް "މޯލްޑިވްސް އިކޮނޮމިކް ރިވިއު"އިން އިންކަމް ޓެކްސްއާ ގުޅޭ ގޮތުން ބޭއްވި ޑިސްކަޝަން ސީރީޒްގައި ވާހަކަދައްކަވަމުން، ސޮލަރެލް އިންޝުއަރަންސް ކުންފުނީގެ ޗެއާމަން ބަންދު ސަލީމް ވިދާޅުވީ ޓެކްސް އާމްދަނީ އެންމެ އުފެއްދުންތެރި ގޮތަކަށް ބޭނުންކުރެވޭނީ ޑިވެލޮޕްމަންޓް ބޭންކެއް ހަދައިގެން ކަމަށެވެ.
އަދި ކުދި ވިޔަފާރިތަކަށާއި މަސްވެރިންނަށްވެސް އޭގެ ފައިދާ ކުރާނީ އެގޮތަށް ހެދުމުން ކަމަށް ސަލީމް ވިދާޅުވިއެވެ.
"ސޭވިންގްސް ނެތް ތަނެއްގައި، ކޮންތާކުތޯ އިންވެސްޓް ކުރާނީ؟ ސޭވިންގްސް ބޭންކެއް، އިންވެސްޓްމަންޓް ބޭންކެއް ހަދައިގެން ނޫނީ މަސްވެރިންނަށް ދޯންޏެއް ނުލިބޭނެ. އައިސް ޕްލާންޓެއް ނުލިބޭނެ. މިހާރު ހުރިހާ ކަމެއް ސަރުކާރުން ކުރާތީ، އޭގެ ބުރަ އުފުލަން މި ޖެހެނީ ޓެކްސްގެ ތެރެއިން. އެ ޓެކްސް ޕްރޮޑަކްޓިވް ގޮތުގައި ބޭނުންކުރާނީ ފަހަށް ރައްކާކުރާ ބައި ބޮޑުކޮށްގެން. ބޭނުން ހިފޭ ބޮޑެތި ކުދި ލޯނުތަކުގެ އެހީ ދީގެން. އެކަން ކުރަން ބޭނުމިއްޔާ މަސްވެރިންނަށާއި ސްމޯލް ސްކޭލް ބިޒްނަސްތަކަށް ލޯންގް ޓާމް އިންވެސްޓްމަންޓެއް ބޭންކެއް ނުހަދާ ސަލާމަތެއް ނުވާނެ،" ސަރުކާރުގެ ގިނަ ކުންފުނިތަކެއް މީގެ ކުރިން ހިންގެވި ބަންދު ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ޓެކްސްގެ ނިޒާމު ހަރުދަނާކުރާއިރު، ފަހަށް ރައްކާ ކުރުން ވެސް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ. އަދި ފަހަށް ރައްކާ ނުކުރާ ކަމަށް ވާނަމަ، ދެން ވެސް ތަރައްޤީއަށް ބޭނުންކުރާ ފައިސާ ހޯދަން ޖެހޭނީ ދަރަންޏަށް ކަމަށް ސަލީމް ވިދާޅުވި އެވެ.
އިއްޔެ އޮތް މި ޕެނަލް ޑިސްކަޝަނުގައި ރާއްޖެއަށް ތައާރަފުކުރާ އިންކަމް ޓެކްސް ޕޮލިސީއާ ބެހޭގޮތުން މުހިންމު ވާހަކަތަކެއް ދެކެވުނެވެ.
އިއްޔެގެ ޕެނަލްގައި ބައިވެރިވި ޕެނަލިސްޓުންނަކީ ބަންދު ސަލީމްގެ އިތުރުން ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު އިނާޒް، ފިނޭންސް މިނިސްޓްރީގެ ޓެކްސް ޕޮލިސީ ކޮންސަލްޓަންޓް އަރުޝަދު ޖަމީލް އަދި ވިޔަފާރި ނޫސްވެރިޔާ ފާތިމަތު ޝަނާ މުހައްމަދެވެ.
ޕެނަލް މޮޑަރޭޓުކުރެއްވީ މޯލްޑިވްސް އިކޮނޮމިކް ރިވިއު ޖާނަލްގެ އެޑިޓަރުން އިބްރާހިމް އާތިފް ޝަކޫރާއި ޑރ. ފަޒީލް ނަޖީބެވެ.