31 Oct 2019, 17:04
އިލެކްޝަންސް ކޮމިޝަނުން ހުސްވާ މަގާމަށް އައްޔަނުކުރުމަށް ފެންނަ ނަންތަކުގެ ލިސްޓުގެ އެންމެ ކުރީގައި އެ ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގުގެ ނަން ހިމަނައި، އެ ކޮމިޝަނަށް ހުށަހަޅަން ފެންނަ ބޭފުޅުންގެ ނަންތައް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެ ކޮމިޝަނުގެ މިހާރުގެ ނައިބު ރައީސް އަމްޖަދު މުސްތަފާގެ ދައުރު އަންނަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހަށް ހަމަވާތީއެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލާން ރައީށް އޮފީހުން ހުޅުވާލި އިރު، އެކަމަށް 10 ބޭފުޅަކު ކުރިމަތިލެއްވިއެވެ. އޭގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑައިގަންނަވާ ހަތަރު ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވިއެވެ.
އެ ހަތަރު ބޭފުޅުންގެ ނަން ދިރާސާކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިހާރު ނިންމާފައިވާ އިރު، އެ ކޮމިޓީން ނިންމާފައިވަނީ ތިން ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވާށެވެ.
އެ ތިން ބޭފުޅުންނަކީ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް މއ. ތަޅަމުދިގޭ ފުއާދު ތައުފީގާއި، އިލެކްޝަންސް ކޮމިޝަނުގެ މިހާރުގެ ނައިބު ރައީސް ގއ. މާމެންދޫ އަލިވާގޭ އަމްޖަދު މުސްތަފާ އަދި ގާނޫނީ ވަކީލާ ހއ. ކެލާ އަނބުގަސްދޮށުގޭ މަރިޔަމް ހަނީފާ ޚާލިދެވެ.
ހަތަރު ބޭފުޅުންގެ ތެރެއިން ލިސްޓުގައި ހިމަނާފައި ނުވަނީ ހ. ގާޑެނިޔާ ހަސަން ނާޒިމްގެ ނަމެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މި ބޭފުޅުންނަށް ވޯޓަށް އަހާނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ރިޕޯޓުގައި ހުށަހަޅާފައިވާ ތަރުތީބުންނެވެ.