ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަމާގަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކުރީގެ ޑިރެކްޓަރު ފަތުހުﷲ ޖަމީލް އަދި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަސްމާ ޝަފީއު މިއަދު އައްޔަންކުރައްވައިފިއެވެ.

ފަތުހުﷲ އަދި އަސްމާ މަގާމަށް އައްޔަންކުރައްވާފައި ވަނީ މިއަދު މެންދުރުފަހު އެކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ފަތުހުﷲ ޖަމީލަކީ ޓެކްސް އަދި އޮޑިޓާ ގުޅޭ އެކި މަގާމުތަކުގައި 2003 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން އަދާކުރައްވާފައިވަނީ ދިރާގުގެ މެނޭޖާ ޓެކްސް، ރިސްކް އެންޑް ކޮމްޕްލަޔަންސްގެ މަގާމެވެ.

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަސްމާ ޝަފީއު އައްޔަންކުރުން --- ފޮޓޯ: ރައީސް އޮފީސް

އޭނާ ވަނީ އޮކްސްފޮޑް ބްރޫކްސް ޔުނިވާސިޓީގައި އެޕްލައިޑް އެކައުންޓިންގެ ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލްކުރައްވައިފައެވެ. މީގެ އިތުރުން ފަތުހުﷲ އަކީ ފެލޯ ޗާޓަޑް ސާޓިފައިޑް އެކައުންޓަންޓްސް (އެފްސީސީއޭ)ގެ އިތުރުން އެސޯސިއޭޝަން އޮފް ޗާޓަޑް އެކައުންޓަންޓްސް (އޭސީސީއޭ)ގެ މެމްބަރެކެވެ.

ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރެއްވި އަސްމާ ޝަފީއު ވަނީ 1999 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި އޮޑިޓާއި އެކައުންޓިންއާއި ގުޅޭ އެކި މަގާމުތަކުގައި ހިދުމަތް ކުރައްވައިފައެވެ.

ޓެކްސް ކޮމިޝަނަރަކަށް ފަތުހުﷲ އަދި ޑެޕިއުޓީއަކަށް އަސްމާ އައްޔަންކުރުން --- ފޮޓޯ: ރައީސް އޮފީސް

އެގޮތުން އަސްމާ އެންމެ ފަހުން އަދާކުރައްވާފައިވަނީ މީރާގެ ޑިރެކްޓާ ޖެނެރަލް، ޕްލޭނިންގް އެންޑް ޑިވެލޮޕްމަންޓުގެ މަގާމެވެ. އޭނާ ވަނީ އޮކްސްފޮޑް ބްރޫކްސް ޔުނިވާސިޓީގައި އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލްކުރައްވައިފައެވެ.

ފަތުހުﷲ އަދި އަސްމާއަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވާފައި ވަނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހަކާ އެކު އެވެ.

އޭރު އެ މަގާމުގައި ހުންނެވީ ޔަޒީދު މުހައްމަދެވެ. ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވީ ހަސަން ޒަރީރެވެ.