ދުނިޔެ ހޫނުވުމުން ސަލާމަތްކުރަން ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ކުރައްވާ މަސައްކަތް ދައްކުވައިދޭ ފިލްމް "ދަ އައިލެންޑް ޕްރެޒިޑެންޓް" ގެ ޓިކެޓް ރާއްޖޭގައި ވިއްކަން ފަށައިފި އެވެ.

ރައީސް ނަޝީދު ތިމާވެއްޓަށް ކުރައްވާ މަސައްކަތްތައް ދައްކުވައިދޭ ފިލްމުގެ ރަސްމީ ވެބްސައިޓް ބުނާ ގޮތުން ރާއްޖޭގައި އެ ފިލްމް ޕްރިމިއާކުރާނީ މިމަހުގެ 23 ވަނަ ދުވަހު ރޭގަ އެވެ. ޕްރިމިއާ ކުރުމުގެ ހަފްލާ ބާއްވާނީ ދަރުބާރުގޭގަ އެވެ. ޕްރިމިއާ ކުރުމަށް އަންނަ ބުރާސްފަތި ދުވަހުގެ ރޭ އެ ފިލްމުގެ ދެ ޝޯއެއް މާލޭގެ އެތީނާ ސިނަމާގައި ދައްކާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ރޭން ފެށިގެން ހެންވޭރު ރާޅު ގަނޑު ސަރަހައްދުންނާއި އެތީނާއިން ފިލްމުގެ ޓިކެޓްވަނީ ވިއްކަން ފަށާފަ އެވެ.

ޓޮރޮންޓޯ ފިލްމް ފެސްޓިވަލްގައި ޕްރިމިއާ ކުރިފަހުން ފާޑު ކިޔުންތައް އަމާޒުވެ، ތައުރީފު ވެސް އޮހިފައިވާ ދަ އައިލެންޑް ޕްރެސިޑެންޓުގެ ޑައިރެކްޓަރު ޖޯން ޝެންކާއި ފިލްމުގެ އެއް ޕްރޮޑިއުސަރު ރިޗަޑް ބާގް ރާއްޖޭގެ ޕްރިމިއާ ނައިޓްގައި ބައިވެރިވާއިރު އެ ޝޯގެ ޓިކެޓުގެ އަގަކީ 80ރ. އެވެ. އަދި ބުރާސްފަތި ދުވަހުގެ ދައްކާ ޝޯތަކުގެ ޓިކެޓުގެ އަގަކީ 50ރ. އެވެ.

ކާމިޔާބު ފިލްމުތަކެއް އުފައްދާފައިވާ އެކްޗުއަލް ފިލްމްސްގެ، ދަ އައިލެންޑް ޕްރެސިޑެންޓް ރާއްޖެއަށްފަހު ދެން ގެންދާނީ އިންޑިޔާގެ ގޯއާގައި ބާއްވާ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލަށެވެ.