31 Oct 2019, 16:10
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ރާއްޖެޓީވީގެ ކުރީގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ މިއަދު އައްޔަންކޮށްފިއެވެ.
ފިޔާޒް އެ މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ރައީސް ސޯލިހު އޭނާއާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ފިޔާޒް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
ފިޔާޒު މޫސާއަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިފަައި ހުންނެވި ފަރާތެކެވެ.
އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރު، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ކުރީގެ މެމްބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު އެ މަގާމަށް އައްޔަން ކުރީ 2014 ޖުލައި 22 ގައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ މި އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު އޭނާގެ ފަސް އަހަރުގެ ދައުރު ހަމަވުމުންނެވެ.