31 Oct 2019, 14:51
އާސަންދަ ކުންފުނިން އެކުންފުނިން ހިންގާ އެކި ބީލަންތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމުގެ ގޮތުން، އޯޕަން ޕްރޮކިއުމަންޓް ވެބްސައިޓެއް ލޯންޗްކޮށްފި އެވެ.
މިއީ ޓްރާންސްޕޭރަންސީ މޯލްޑިވްސް ޖަމިއްޔާގެ އެހީތެރިކަމާ އެކު ލޯންޗްކުރި ވެބްސައިޓެެއް ކަަމަށް އާސަންދަ ކުންފުނިން ބުންޏެވެ.
ދެ ސްޓޭޖަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ވެބްސައިޓްގެ އަދި ފެށީ ފުރަތަމަ ސްޓޭޖެވެ. ފުރަތަމަ ސްޓޭޖުގެ ފޯކަސްއަކީ ބޮޑެތި ޕްރޮޖެކްޓްތަކުގެ ޓެންޑަރސް ޓްރާންސްޕޭރެންޓްކޮށް ކުރިއަށް ގެންދިޔުމެވެ. އެގޮތުން، މީގެ ފަހުން، -25،000 ރުފިޔާއަށް ވުރެ މަތީގެ އަގުތަކުގެ އެއްޗިހި ގަތުމަށް ކުރާ ޓެންޑާ އިޢުލާނުތަކުގެ ހުރިހާ މަޢުލޫމާތެއް އެ ވެބްސައިޓް މެދުވެރިކޮށް ފެންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ޓެންޑާ އިޢުލާނު ވެބްސައިޓަށް އަޕްލޯޑް ކުރުމުންފެށިގެން، މަޢުލޫމާތު ކަރުދާހާއި، މަޢުލޫމާތު ސެޝަނަށް ހާޒިރުވާ މީހުންގެ މަޢުލޫމާތާއި، ބިޑް ސަބްމިޓް ކުރާ މީހުންގެ މަޢުލޫމާތާއި، އިވެލުއޭޝަން ޝީޓާއި އަދި ޓެންޑާ އެވޯޑް ކުރި ނަމަ، އެވޯޑް ކުރިކަމުގެ ލިޔުމާ މުޅި ޓެންޑާ ޕްރޮސެސްގެ، ހުރިހާ މައުލޫމާތެއް، ވެބްސައިޓުން ފެންނާނެކަމަށް އެ ކުންފުނިން ބުންްޏެވެ.
ދެވަނަ ސްޓޭޖްގައި، ހުރިހާ ވެންޑާސް ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީވާން ހުޅުވާލެވޭނެ އެވެ. އޭރުން އެ ވެންޑާއަކާ ގުޅޭ ދާއިރާއަކުން ޓެންޑާއެއް އަޕްލޯޑްކޮށްފި ނަމަ ވެންޑަރއަށް ނޮޓިފިކޭޝަނެއް ދާނެކަމަށް ވެސް އާސަންދަ ކުންފުނިން ބުންޏެވެ.
ދެވަނަ ސްޓޭޖް ނިމޭ އިރު ޕްރޮކިއުމަންޓްގެ އެންމެ ކުދި މުއާމަލާތްތަކުގެ މަޢުލޫމާތު ވެސް ވެބްސައިޓަށް އަޕްލޯޑްކުރާނެ އެވެ. އޭރުން އެ ކުންފުނިން ގަންނަ ހުރިހާ އެއްޗެއްގެ އަދި ކުންފުނީގެ ބޭނުމަށް ހޯދާ ހުރިހާ ހިދުމަތެއްގެ، ޖުމުލަކޮށް ދަންނަވާ ނަމަ ޕްރޮކިއުމަންޓްގެ ހުރިހާ ޓްރާންސެކްޝަނެއްގެ ހުރިހާ ލިޔެކިޔުންތައް ވެބްސައިޓުން ފެންނާނެ އެވެ.
އޯޕަން ޕްރޮކިއުމަންޓް ލޯންޗުކުރުމުގެ އެންމެ ބޮޑު މަގުސަދަކީ، ޒީރޯ-ޓޮލަރެންސްގެ ދަށުން، ވީހާ ވެސް ޓްރާންސްޕޭރެންޓްކޮށް ޕްރޮކިއުމަންޓްގެ މަސައްކަތްތައް ކުރިއަށް ގެންދިޔުން ކަމަށް އާސަންދަ ކުންފުނިން ބުންޏެވެ.