ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ މައްޗަށް ތުހުމަތު ކުރެވޭ ސުލޫކީ މައްސަލައިގައި އޭނާގެ ފަރާތުން ވަކާލާތު ކުރުމަށް ވަކީލަކު ހަމަ ޖެއްސުމަށް ފަހު ފުރުސަތު ދީ އަންނަ ހަފްތާގެ ހޯމަ ދުވަހު އިތުރު އަޑުއެހުމަށް ބޭއްވުމަށް ނިންމައިފި އެވެ.

ފަނޑިޔާރު އާދަމަ މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލަ ބެލުމަށް އެކުލަވާލި ކޮމެޓީގެ ރިޔާސަތު ބަލަހައްޓަވަނީ ޖޭއެސްސީގެ ނައިބް ރައީސް މަސްތޫރު ހުސްނީ އާއި އޭޓާނީ ޖެނަރަލް އިބްރާހިމް ރިއްފަތު އާއި ހިސާން ހުސައިންގެ އިތުރުން އަބްދުލް މާނިއު ހުސައިން އަދި ޑރ. އަލީ ޝަމީމް އެވެ.

އިއްޔެ ބޭއްވި އެ ކޮމެޓީއަށް ފަނޑިޔާރު އާދަމް މުހައްމަދު ވަޑައިގަތީ ދެ ވަކީލުންގެ ހާޒިރުގަ އެވެ. އެއީ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އާއި ޖުޑީޝަލް އެކަޑަމީގެ ކުރީގެ ޗާންސެލަރު އަހްމަދު މާޖިދު އެވެ. ނަމަވެސް އެ ކޮމެޓީން ވަނީ ފަނޑިޔާރު އާދަމް މުހައްމަދުގެ ވަކީލަކަށް ޑރ، ޖަމީލް ހަމަ ނުޖެއްސާނެ ކަމަށް ނިންމައިފި އެވެ. ސަބަބެއްގެ ގޮތުގައި ބެނެފައިވަނީ، ޑރ. ޖަމީލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައެއް ބައްލަވާ ބެންޗުގައި ފަނޑިޔާރު އާދަމް މުހައްމަދު އިންނެވުމެވެ.

ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލް ބެލުމަށް މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

އިއްޔެގެ އަޑުއެހުން ނިންމާލީ މިއަދު މެންދުރު 12:30 އަށް އިތުރު އަޑުއެހުމެއް ތާވަލު ކުރުމަށްފަހު އެވެ. ނަމަވެސް އެކެއް ޖެހިފަހުން ފެށި އެ އަޑުއެހުމަށް ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވަޑައިގަތީ ގިނި ކަންޏާ އެވެ. އަދި އޭނާގެ ދެވަނަ ވަކީލު އަހްމަދު މާޖިދު ވަޑައިނުގަތީ ކީއްވެކަން އެނގިވަޑައިނުގަންނަވާ ކަމަށް ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.

އެއަށްފަހު ކޮމެޓީން ފަނޑިޔާރު އަރިހުގައި އެއްސެވީ މައްސަލައިގައި ކުރިއަށް ވަޑައިގަތުމަށް ބޭނުންފުޅުވަނީ ވަކީލެއްގެ ހާޒިރުގައި ތޯ އާއި އެ ބައްދަލުވުމަށް ވަކީލަކު ނުގެނެއްވީ ކީއްވެތޯ ކަމެވެ. ޖަވާބުގައި ފަނޑިޔާރު އެދިވަޑައިގަތީ އެކަންތައް ސާފު ކޮށްދިނުމަށް ފުރުސަތު ދެއްވުމަށެވެ.

އެގޮތުން ފަނޑިޔާރު އާދަމް މުހައްމަދު ވިދާޅުވީ، އެބާވަތުގެ މައްސަލަތަކަށް ވަކީލުން ހޯދުމަކީ އުނދަގޫ ކަމެއް ކަމަށާއި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އިއްޔެ އަޑުއެހުމަށް އޭނާގެ ފަރާތުން ޑރ. ޖަމީލު ހަމަޖެއްސުމުން ހިނގައިދިޔަ ކަންކަމާ ގުޅިގެން އޭނާގެ މައްސަލަ ބާ ކައުންސިލަށް ހުށަހެޅުމުން ކަމަށެވެ. އަދި ފަނޑިޔާރުގެ ފަރާތުން ވަކީލަކަށް ޑރ. ޖަމީލް ހަމަ ނުޖެއްސެންވީ ސަބަބެއް ނެތްކަން ފާހަގަކޮށް އާދަމް މުހައްމަދު ވިދާޅުވީ، ސުޕްރީމް ކޯޓުގައި ހިނގާ ޑރ. ޖަމީލްއާ ގުޅުން ހުރި ހުރިހާ މައްސަލައަކުން ތަނާޒުލްވާ ކަމަށް އެދި އޭނާ ވަނީ ސުޕްރީމް ކޯޓަށް ސިޓީ އަކުން އެދިފައި ކަމަށެވެ.

ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލް ބެލުމަށް މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

"ކޮންމެ ގޮތެއް ވިޔަސަ ވަކާލާތުގެ އަގުދަކީ އެއީ މުވައްކިލާ އާއި ވަކީލުގެ ދެމެދު އޮންނަ ގުޅުމެއް. އެ ގުޅުން ބިނާވަނީ ވަކީލަށް އެއީ މުވައްކިލުގެ ހައްގު ހިމާޔަތް ކުރުމުގެ ގާބިލްކަން ހުރި މީހެއް ކަމަށް ގަބޫލު ކުރެވޭ ގަބޫލުކުރުމެއްގެ މައްޗަށް ވަކާލާތުގެ އަޤުދު މި ބިނާވަނީ،" ފަނޑިޔާރު އާދަމް މުހައްމަދު ވިދާޅުވި އެވެ.

އެހެން ނަމަވެސް ފަނޑިޔާރު އާދަމް މުހައްމަދުގެ ވަކީލަކަށް ޑރ. ޖަމީލް އައްޔަނު ނުކުރެވޭނެ ކަމަށް ނިންމި ނިންމުން ބަދަލު ނުކުރެވޭނެ ކަމަށް އެ ކޮމެޓީން ނިންމައި އިތުރު ވަކީލަކު ހަމަ ޖެއްސުމަށް ވަނީ ފުރުސަތު ދީފަ އެވެ.

އެގޮތުން އަންނަ ހަފްތާގެ ހޯމަ ދުވަހުގެ 10:30 ގައި އޮންނަ އަޑުއެހުމަށް ވަކީލަކާއި އެކު ވަޑައިގަތުމަށް ކޮމެޓީން ވަނީ ފަނޑިޔާރަށް ދަންނަވާފަ އެވެ.