އިސްލާމްއާބާދު (އޮކްޓޯބަރު 31): ޕާކިސްތާނުގެ ކަރާޗީ އިން ރާވަލްޕިންޑީއަށް ދަތުރު ކުރަމުންދިޔަ ރޭލެއްގައި މިއަދު ރޯވެ 73 މީހަކު މަރުވެއްޖެ އެވެ.

ޕާކިސްތާނުގެ ރެއިލްވޭ މިނިސްޓަރު ޝޭހް ރަޝީދު އަހުމަދު ވިދާޅުވި ގޮތުގައި އެ ރޭލުގައި ރޯވީ އޭގެ ތެރޭގައި ދެ ގޭސް އުނދުނަކުން ކައްކަން އުޅެނިކޮށް ގޭސް ފުޅިއެއް ގޮވުމުގެ ސަބަބުންނެވެ. އަދި އޭރު އެތަނުގައި ތެޔޮ ފުޅިތައް ވެސް ހުރުމުން އަލިފާން ގަދަޔަށް ރޯވި އެވެ.

ޕާކިސްތާނުގެ މީޑިއާތަކުގައިވާ ގޮތުން އަލިފާންގަނޑު ރޭލުގެ ތިން ބަޔަކަށް ފެތުރުނެވެ. އަދި ބައެއް މީހުން ފިހިގެން މަރުވި އިރު އެހެން މީހުން މަރުވީ ރޭލުން ފުއްމާލުގެ ސަބަބުންނެވެ.

ރޭލުގައި ރޯވީ ގޭސް އުނދުނެއް ބޭނުން ކުރަނިކޮށް ގޭސް ފުޅި ގޮވުމުގެ ސަބަބުން -- ފޮޓޯ: ރޮއިޓާސް

ޕާކިސްތާނުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އެހާދިސާގައި 40 މީހަކަށް އަނިޔާވި އެވެ. އަދި އެމީހުންނަށް މިހާރު ފަރުވާ ދެމުންދިޔަ ނަމަވެސް މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

މިނިސްޓަރު ރަޝީދު ވިދާޅުވި ގޮތުގައި ރޭލަށް ގޭސް އުނދުން އެރުވުމަކީ މަނާ ކަމަކަށްވީ ނަމަވެސް ބައެއް ފަސިންޖަރުން ދިގު ދަތުރު ކުރާ އިރު ކެއްކުމަށް ޓަކައި ގޭސް އުނދުން ގެންދިޔުމަކީ އާއްމު ކަމެކެވެ.