ދެހާސް ބާރަ ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ބައިވެރިވާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން އދ. މަޖިލީހަށް ބަހުގެ ވަރަށް ހަރުކަށި ޙަމަލާތަކެއް ދެއްވައިފިއެވެ.

ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީ ރޭހުގައި އެންމެ ކުރީގައި އުޅުއްވާ މިޓްރުމްނީ އދ. އަށް ބަހުގެ ޙަމަލާދެއްވަމުން އިއްޔެ ވިދާޅުވީ އދ. މަޖިލީހާއި އެމަޖިލީހަށް ނިސްބަތްވާ ޖަމްޢިއްޔާތަކަކީ ބޭނުމެއްނެތް ބޭކާރު ތަންތަން ކަމުގައެވެ. ޕްރައިމަރީގެ ކޭންޕޭންގައި ނިޔުހެމްޝަރގައި ދެއްވި ޚިތާބެއްގައި ރުމްނީ ވިދާޅުވީ އދ. މަޖިލީހާއި އެމަޖިލީހަށް ނިސްބަތްވާ ޖަމްޢިއްޔާތަކަކީ އެއްވެސް ކަމެއް ކުރުމުގެ ޤާބިލްކަންނެތް ނުކުޅެދުންތެރި ޖަމްޢިއްޔާތަކެއް ކަމަށާއި އެއީ ޑިކްޓޭޓަރުންނާއި އެމެރިކާގެ ދުޝްމަނުން އެމެރިކާއަށް ފާޑުކިޔައި ބަހުގެ ޙަމަލާތައް ދިނުމަށް ބޭނުންކުރާ މިންބަރު (ޕޯޑިޔަމް) ތަކެއް ކަމުގައެވެ.

ރުމްނީގެ ވާހަކާގައި އޭނާއަށް އެމެރިކާގެ ވެރިކަން ލިބިއްޖެނަމަ އދ. މަޖިލީހާއި އެމަޖިލީހަށް ނިސްބަތްވާ ޖަމްޢިއްޔާތަކުން އެމެރިކާ ވަކިވާންޖެހިދާނެ ކަމުގެ އިންޒާރުވެސް ދެއްވިއެވެ. ރުމްނީއާ އެންމެ ގާތުން ޕްރައިމަރީގައި ވާދަކުރައްވާ ނިއުޓް ގިންގްރިޗް، ހަވާޑް ޔުނިވަރސިޓީގައި ދެއްވި ޚިތާބެއްގައި ވިދާޅުވީ އދ. އަކީ ކުޅޭކުޅޭ މަޖިލީހެއް ކަމަށާއި އެއީ ކޮރަޕްޝަނުގެ ހާއްޔެއް ކަމުގައެވެ. ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާ އެހެން ކެންޑިޑޭޓެއް ކަމަށްވާ ހިރްމަން ކޭން ވިދާޅުވީ އޭނާއަށް އެމެރިކާގެ ވެރިކަން ލިބިއްޖެނަމަ އދ. ގެ ޗާޓަރަށާއި އދ.ގައި ބޭނުންކުރާ ބައެއް ޤަވާޢިދުތަކަށް ބަދަލުގެންނާނެ ކަމަށާއި އެމެރިކާ ބޭނުންވާގޮތަށް އދ. ބައްޓަންކުރުމަށްޓަކައި އދ. އަށް އެމެރިކާދޭ ޗަންދާގެ ފައިސާ "ހެޔޮގޮތުގައި" ކުރައްވާނެ ކަމުގައެވެ.

އދ. އަށާއި އެމަޖިލީހަށް ނިސްބަތްވާ ޖަމްޢިއްޔާތަކަށް ބަހުގެ އެންމެ ހަރުކަށި ޙަމަލާތަކެއްދެއްވީ ޕްރައިމަރީގައި ހަތަރުވަނާގައި އުޅުއްވާކަމަށް ޚިޔާލު ހޯދުމުގެ ސަރވޭތަކުން ހާމަވެފައިވާ ރިކް ޕެރީ އެވެ. އޭނާ އެމެރިކާ ސަރުކާރަށް ގޮވާލެއްވީ އެމެރިކާއެދޭ އިސްލާޙްތައް އދ. އަށް ގެނައުމަށް މަޖްބޫރުކުރުމަށްޓަކައި އދ. އަށް އެމެރިކާދޭ ޗަންދާގެ އެހީ ކަނޑާލާނެކަމުގެ އިންޒާރު މިހާރުން މިހާރަށް ދިނުމަށެވެ. އެމެރިކާ އެދޭގޮތަށް އދ. ބައްޓަންކޮށް އިސްލާޙް ނުކޮށްފިނަމަ ޗަންދާގެ ފައިސާ ވަގުތުން ކަނޑާލުމަށް އެމެރިކާ ސަރުކާރަށް ޕެރީ ގޮވާލެއްވުމުގެ އިތުރުން އޭނާގެ ވެރިކަމެއްގައި މިގޮތަށް ޢަމަލުކުރައްވާނެކަމުގެ އިންޒާރުވެސް ޕެރީ ދެއްވިއެވެ.

އދ. އަށް ނިސްބަތްވާ ތަޢްލީމާއި ސައެންސާއި ޘަޤާފަތާބެހޭ ޖަމްޢިއްޔާ ޔުނެސްކޯ އިން ދިމުޤްރާތީ އުސޫލުން ވޯޓުނަގައިގެން ފަލަސްތީނަށް މެންބަރުކަން ދިނުމަށް ދާދިފަހުން ނިންމުމުން އެމެރިކާއަށްވަނީ އެކަންހަޖަމުނުކުރެވިގެން ޔުނެސްކޯއަށް ދޭ އެހީއާއި ޗަންދާގެ ފައިސާ ކަނޑާލާފައެވެ. އަދި އދ. ގެ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ސަލާމަތީ މަޖިލީހުން ފާސްކުރާ ހިސާބަށް ގޮސްފިނަމަ ވީޓޯގެ ބޭނުންކޮށްގެން އެކަން ފެންކޮށްލާނެކަމުގެ އިންޒާރުވެސް އެމެރިކާވަނީ ދީފައެވެ.

އދ.ގެ ސަލާމަތީ މަޖިލިސް އިސްލާޙް ކުރުމަށް ދުނިޔޭގެ ޤައުމުތަކުންކުރާ މަސައްކަތްތަކަށް ހުރަސްއަޅައި އެމެރިކާ ގެންދަނީ ވީޓޯ ކުރުމުގެ ޚުދުމުޚްތާރު އުސޫލުތައް އދ. ގެ ސަލާމަތީ މަޖިލީހުގައި ދެމެހެއްޓުމަށް ގަދައަޅައި މަސައްކަތްކުރަމުންނެވެ. މީގެއިތުރުން ސަލާމަތީ މަޖިލީހަށާއި އދ. ގެ އެހެން މަޖިލިސްތަކަށް ބާރާއި ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމުގެ ތުހުމަތުވެސް އެމެރިކާގެ މައްޗަށް ކުރެވިފައިވެއެވެ. އެހެންކަމުން އދ. ގެ ސަލާމަތީ މަޖިލީހަކީ އެމެރިކާގެ ނުފޫޒުގެ ދަށުގައިވާ މަޖިލީހެއް ކަމަށް ދުނިޔޭގެ ފެންވަރުގައި ސިފަކުރެވެމުން ދެއެވެ. -- އެސޯސިއޭޓެޑް ޕްރެސް