30 Oct 2019, 23:39
މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުގައި ހަތަރު މަގާމެއް ހުސްވެފައިވާ އިރު، އެ މަގާމުތަކަށް މެމްބަރުން އައްޔަނުކުރުން ލަސްވާތީ އެކަމުގެ ޝަކުވާއާއި ކަންބޮޑުވުން ފާޅުކޮށް، އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވައިފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އެ ސިޓީ އިއްވާފައިވާ އިރު، އެ ސިޓީގައި ބުނެފައިވަނީ ކޮމިޝަނުގެ ގާނޫނުން މަތިކޮށްފައިވާ ނިންމުންތައް ނިންމުމަށްޓަކައި ގާނުނުން ލާޒިމުކުރާ ކޯރަމް ގެއްލިފައިވާ ކަމަށެވެ.
އަދި އެގޮތަށް ކޯޜަމް ހަމަވުމަށް ލާޒިމުކުރާ މެމްބަރުންގެ އަދަދު ނެތުމުން ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.
ބްރޯޑްކާސްޓިންގް ގާނޫނުގައި ބުނާގޮތުން ބްރޯޑްކާސްޓިންގް ކޮމިޝަންގެ ބައްދަލުވުމެއް ބޭއްވޭނެ ގާނޫނީ އަދަދަކީ، ކޮމިޝަންގެ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނުގެ އަގުލަބިއްޔަތަކީ ހަތަރު މެމްބަރުންނެވެ. ނަމަވެސް މިވަގުތު އެ ކޮމިޝަނުގައި ތިއްބެވީ އެންމެ ތިން މެމްބަރުންނެވެ. އެއީ ޒީނާ ޒާހިރު، އައިމިނަތު ސަރާހަތު އިއްޒަތު އަދި އަމްޖަދު ވަހީދެވެ.
މިވަގުތު ކޮމިޝަނުގައި ރައީސަކާއި ނައިބު ރައީސެއްގެ އިތުރުން ބައްދަލުވުމެއް ބޭއްވޭނެ ކޯރަމްވެސް ނެތް އިރު، ކޮމިޝަނު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައެވެ.
ކޮމިޓީގެ ބައްދަލުވުމުގައި ސިޓީ އިއްވުމަށްފަހު މުގައްރިރު، އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އެކަމަށް ހައްލެއް ހޯދައިދެވެން އޮތީ ހުސްވެފައިވާ މަގާމުތަކަށް މީހުން އައްޔަނުކުރެވިގެން ކަމަށާއި، އެކަން އަންނަ ހަފްތާ ތެރޭގައި ނިންމައި، މަޖިލީހުގެ ތަޅުމަށް ފޮނުވާނެ ކަމަށެވެ.
ކޮމިޝަނުގައި ކުރިން ތިއްބެވި ދެ މެމްބަރުން ކަމުގައިވާ އިސްމާއިލް ސޮފްވާނާއި ހަސަން ނަބާހު ކޮމިޝަނުން އިސްތިއުފާދެއްވީ މި އަހަރުގެ ޖޫން މަހުގެ ފަހުކޮޅުއެވެ. އެއާއެކު ހުސްވި ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި އިރު، 36 މީހެއްގެ ނަން ރައީސް އޮފީހުން މަޖިލީހަށް ފޮނުވިއެވެ. އެއީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައެވެ.
އެ ދެ މަގާމަށް މެމްބަރުން އަދި އައްޔަނުކޮށްފައި ނުވާއިރު، މިހިނގާ އޮކްޓޫބަރު މަހު ކޮމިޝަނުން އިތުރު ދެ މެމްބަރަކުވެސް ވަކިވިއެވެ. އެއީ އަމިއްލައަށް އިސްތިއުފާދެއްވި ކޮމިޝަނުގެ އޭރުގެ ރައީސް މުހައްމަދު ޝަހީބާއި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ވަކިކުރި ކޮމިޝަނުގެ އޭރުގެ ނައިބު ރައީސް ފާތިމަތު ޒައިނާއެވެ.
ޝަހީބާއި ޒައިނާ ވަކިވުމުން ހުސްވި ދެ މަގާމަށް ކުރިމަތިލުމަށް މި މަހުގެ ތެރޭގައި ހުޅުވާލައި، ސުންގަޑިވެސް ހަމަވެފައިވާ އިރު، އެ ނަންތައް ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް ފޮނުވާފައެއް ނުވެއެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މެމްބަރުކަމަށް ނަންތައް ދިރާސާ ކުރަމުންދާއިރު، އެކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވާލައި، އެ ދެ މުއައްސަސާ އެއް ކޮމިޝަނެއްގެ ގޮތުގައި އެކުލަވާލުމަށް، މީޑިއާ ކޮމިޝަނުގެ ނަމުގައި ބިލެއްގެ މަސައްކަތް މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން އަންނަނީ ކުރަމުންނެވެ.