ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ހަތަރު މެމްބަރަކު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކަންތައްތަކެއް ކުރިކަމަށް ތުހުމަތުވާތީ، އެ ހަތަރު މެމްބަރުންގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަަސާތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކަންތައްތަކެއް ކުރިކަމަށް ތުހުމަތުވާ ކަމަށް މިނިވަން މުއައްސަސާ ކޮމިޓީން ބަލަމުންދާ މައްސަލަ ރައްދުވަނީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް، ނައިބު ރައީސް ޝަހީދު މުހައްމަދު އަދި މެމްބަރުން ޒަކަރިއްޔާ ހުސައިނާއި އިބްރާހިމް ޝަހީގެވެ.

އެ މައްސަލަ ފެންމަތިވީ، ސިވިލް ސާވިސް ކޮމިޝަނާ ގުޅޭގޮތުން އެ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާ ކުރުމަށް ހެދި ސަބް ކޮމިޓީން އެ މައްސަލަތައް ދިރާސާކުރަމުން ގެންދަވަނިކޮށެވެ. އޭގެ އިތުރުވެސް ސަބް ކޮމިޓީން ދިޔައީ ކޮމިޝަނުގެ ނައިބު ރައީސް ޝަހީދު މުހައްމަދު ކޮމިޝަނުގެ މެމްބަރުކަމުގެ މަގާމަށް ޝަރުތު ހަމަނުވެ މަގާމަށް އައްޔަނުކޮށްފައިވާ މައްސަލައެވެ.

އެ މައްސަލައިގައި ޝަހީދު ވަކިކުރުމުގެ މަސައްކަތް ފަށައި މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން މަޖިލިސް ތަޅުމުން އިއުލާނުވެސް ކުރިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި، ޝަހީދު މުހައްމަދުގެ ކިބައިގައި ސިވިލް ސާވިސް ގާނޫނުގައި ބުނާ މެމްބަރުކަމުގެ ޝަރުތުތައް ފުރިހަމަވާ ކަމާމެދު ސުވާލު އުފެދޭ ކަންތައްތަކެއް އެބަ ހުއްޓެވެ. ގާނޫނު ބުނާ ގޮތުގައި ކޮމިޝަނުގެ މެމްބަރަކީ ފުރަތަމަ ޑިގްރީ ހާސިލުކޮށް، އަދި ސަރުކާރު ނުވަތަ އެހެން ފަރާތެއްގައިވެސް ހިންގުމުގެ ދާއިރާގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ހުންނަން ޖެހެއެވެ.

މިއަދު އޮތް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ސަބް ކޮމިޓީން މިހާތަނަށް ހޯދި ހޯދުންތަކުން ކޮމިޝަނުގެ ހަތަރު މެމްބަރެއްގެ އިހުމާލު އޮތްކަން ފެންނަ ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ އެ ހަތަރު މެމްބަރުންވެސް ވަކިކުރުމަށް މައި ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ. ކޮމިޓީގެ މެމްބަރުން އިއްތިފާގުވީ، އެންމެ މެމްބަރަކަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ދެން ތިބި މެމްބަރުންގެ މައްސަލަވެސް އެކީގައި ކުރިއަށް ގެންދިޔުމަށެވެ.

އެއާއެކު ކޮމިޓީން ނިންމީ ކޮމިޝަނުގެ ނައިބު ރައީސް ޝަހީދު ޝަރުތު ފުރިހަމަނުވަނީސް އައްޔަނުކުރި މައްސަލަ ނުބަލައި، ހަތަރު މެމްބަރުންނަށް ތުހުމަތުވާ މައްސަލަ ބެލުމަށެވެ. އެ ހުށަހެޅުން ހުށަހެޅުއްވީ ސަބް ކޮމިޓީގެ މުގައްރިރު ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމެވެ.

މި މައްސަލަ ވީހާވެސް އަވަހަކަށް ނިންމުމަށް ކޮމިޓީގެ މެމްބަރުން މިއަދު އިއްތިފާގުވިއެވެ. އަދި މެމްބަރުން ވަކިކުރުމުގެ މައްސަލައިގައި ގޮތެއް ނިންމާނީ ސަބްކޮމިޓީގެ ރިޕޯޓަށްފަހު ކަމަށް މުގައްރިރު އިއުލާނުކުރެއްވިއެވެ.

ޝަހީދު އައްޔަނުކުރުމަކީ ކުރީގެ މަޖިލީހުގެ ގޯހެއް

މިނިވަން މުއައްސަސާ ކޮމިޓީގެ މުގައްރިރު އަދި އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވީ ޝަހީދު އައްޔަނުކުރީ އޭރު އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުން ކަމަށާއި، އެހެންކަމުން އެއީ އެ މަޖިލީހުން ހެދި ގޯހެއް ކަމަށެވެ.

"އެއީ [18 ވަނަ] މަޖިލީހުންކޮށްފައި އޮތް ގޯހެއް. މީގަ އަޅުގަނޑުމެން ކުރަންވީ ސުވާލަކީ، އެބޭފުޅާއަށް [ޝަހީދަށް] ޝަރުތު ހަމަނުވެކަން އެނގިހުރެތޯ އެގޮތަށް ކުރިއަށް ދިޔައީ. އެއީ އެބޭފުޅާގެ އިންޓަގްރިޓީގެ މައްސަލައެއް. އެއީ ގާނޫނީ ގޮތުން އެބޭފުޅާގެ މައްސަލައެއް ނޫން،" ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ، އެއީ ގާނޫނީ ގޮތުން ބަލާއިރު މަޖިލީހުން ޒިންމާވާން ޖެހޭ ކަމެއް ކަމަށެވެ. އަދި މަޖިލީހުން ނިންމާ ނިންމަކަށް ކޯޓުން ބަހެއް ނުކިޔޭއިރު، އެކަން ރަނގަޅު ކުރަންޖެހޭނީވެސް މަޖިލީހުން ކަމަށްއޭނާ ވިދާޅުވިއެވެ.

ޝަހީދުގެ ކިބައިގައި މެމްބަރުކަމުގެ ޝަރުތު ހުރިކަމާ މެދު ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން އޭނާ ކޮމިޓީއަށް ހާޒިރުކޮށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް މިއަދަށް ބައްދަލުވުމެއް ތާވަލުކޮށްފައި އޮތެވެ. ނަމަވެސް އެ ބައްދަލުވުމަށް ޝަހީދު ހާޒިރުވުމަށް އުޒުރުވެރިވެ، މިދިޔަ އާދީއްތަ ދުވަހު އޮތީ މަޖިލީހަށް ލިޔުމުން އަންގަވާފައެވެ.

ކޮމިޓީގެ މުގައްރިރު ރޮޒައިނާ ވިދާޅުވީ ބައްދަލުވުން ތާވަލުކުރި ތާރީހުގައި ހުންނަވާނީ މަންމަގެ ބޭސްފަރުވާގެ ކަންތަކުގައި ރާއްޖެއިން ބޭރުގައި ކަމަށާއި އެހެންކަމުން ކޮމިޓީގެ ބައްދަލުވުން 14 ނޮވެމްބަރުގެ ފަހަށް ތާވަލުކޮށްދޭން ޝަހީދު އެދިވަޑައިގެންފައިވާ ކަމަށެވެ.