30 Oct 2019, 23:14
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އިން އާމްދަނީ ހޯދުމަށްޓަކައި ހުޅުމާލޭގައި ބޮޑު އިމާރާތެއް އަޅައި، ވިޔަފާރި އުސޫލުން ކުއްޔަށް ދޫކުރުމުގެ ވިސްނުން ގެންގުޅޭކަމަށް އެ ޔުނިވާސިޓީން ބުނެފިއެވެ.
އައިޔޫއެމްއިން ވަނީ އެ ޔުނިވާސިޓީގެ ޓްރަސްޓު ފަންޑުގެ ބޭނުންކޮށް، ހުޅުމާލެއިން 4،300 ފޫޓުގެ ބިމެއްވެސް ގަނެފައެވެ.
އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލާ ހައްވާ ލަތީފް "ސަން"އަށް މިއަދު ވިދާޅުވީ ހުޅުމާލޭގައި އަޅާނީ ހަތް ބުރީގެ އިމާރާތެއް ކަމަށާއި އެތަނުގައި އޮފީސްތަކާއި ހޯލުތައް ހަދައި، ކުއްޔަށް ދޫކުރާނެ ކަމަށެވެ.
އަދި އިމާރާތް ކުއްޔަށް ދީގެން ލިބޭ ފައިސާއިން އައީޔޫމްއިން ދޭ ތައުލީމު ފުޅާކޮށް ރަށްރަށުގައި އިތުރު ކެމްޕަސްތައް އެޅުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު އޮތް ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީއަށް އައިޔޫއެމްގެ އިސްވެރިން ހާޒިރުވި އިރު، އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވީ ޔުނިވާސިޓީގެ އަމާޒަކީ ސަރުކާރުގެ މައްޗަށް ބަރޯސާވުން ކުޑަކޮށް، އަމިއްލަ ފައިމައްޗަށް ތެދުވުން ކަމަށެވެ.
"އިމާރާތް މިހާރު ވަނީ ކުރަހާވެސް ނިމިފައި. އޯއައިސީގެ ބޭފޫޅުންގެ ވަރަށް ބޮޑު އިންޓަރެސްޓެއް އެބައޮތް މި އިމާރާތް އެބޭފުޅުންގެ ހަރަދުގައި ހައްދަވައި ދެއްވުމަށް. އަދި އިއްޔެ ލިބިއްޖެ އެބޭފުޅުންގެ އީމެއިލްއެއް، ވިދާޅުވެފައި އޮތީ އެ މި މަޝްރޫއު ލަސްވަމުންދާތީ އެކަމާ ބެހޭގޮތުން. މަޝްރޫއު ލަސްވަމުންދަނީ އެބޭފުޅުން ހުށަހަޅާ ބައެއް ކަންތައްތައް ފުރިހަމަކޮށްދޭން ޖެހޭތީ" ޒަކަރިއްޔާ ވިދާޅުވިއެވެ.
އެބޭފުޅުން އެތަން ތަރައްގީކުރަން ހުށަހެޅީ ވަގުފު ފަންޑެއްގޮތުގައި ކަަމަށާއި އެހެންކަމުން އައިޔޫއެމްގެ ދަށުގައި ވަގުފު އެސްޓެބްލިޝްމަންޓެއް އޮންނަން ޖެހޭނެކަން ކަށަވަރުކުރަން ބޭނުންވާކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.
"އަދި ވަގުފް އެސްޓެބްލިޝްމަންޓުގެ ފަރާތުން މެނޭޖުކޮށް ބަލަހައްޓާ ޓައިޓަލްވެސް ހޯލްޑްކުރާ ބިމެއްކަމަށް ވުން. އެ ޝަރުތުކޮށްފައި އޮތީ. އެހެންވީމާ އެ ޝަރުތު ފުރިހަމަކުރުމަށްޓަކައި އަޅުގަނޑުމެން ބޭނުންވޭ ގާނޫނީ ޕްރޮސެސްއެއްގެ ތެރެއިން ދާން. އެ ޕްރޮސެސް ނިމޭހާ އަވަހަކަށް އެބޭފުޅުން ބޭނުންވޭ އަންނަ އަހަރު އެ މަސައްކަތް ފަށަން" ޒަކަރިއްޔާ ވިދާޅުވިއެވެ.