20 Nov 2011, 10:33
މީގެ 23 އަހަރު ކުރިން ވަޒީފާއިން ވަކިކޮށްފައިވާ މީހަކު ކުރީގެ މަދަނީކޯޓުގައި ދައުވާކުރުމުން އެ މައްސަލަ ބަލައި ހިނގިދާނެ ތަނެއް އޮތް ކަމަށް ނުފެންނަ ކަމަށް ބުނެ މައްސަލަ ނިންމާފައި ވަނިކޮށް، ހައިކޯޓުގެ އިސްތިއުނާފުގައި ކަނޑައެޅި ނިޔާއެއްގައި ސިވިލް ކޯޓުގެ އެ ނިންމުން ބާތިލުކޮށްފި އެވެ.
ވަޒީފާއިން ވަކި ކުރިތާ 20 އަހަރު ފަހުން ސިވިލް ކޯޓަށް ވަޒީފާގެ ހައްގު ގޯދަން އެދުނީ އދ. ދަނގެތީ އޯކިޑްމާގޭ ހަސަން އާދަމެވެ.
އޭނާ ނޮވެމްބަރު 13، 2008ގައި ސިވިލް ކޯޓުގައި ދައުވާ ކުރުމުން ، މައްސަލަ ހިންގާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ބުނުމުން ހައިކޯޓުން އެ މައްސަލައިގެ ޝަރީއަތް ހިންގުމަށް ފަހު ބުނެފައި ވަނީ ކ. ގުރައިދޫގައި ހުންނަ ދައުލަތުގެ ހާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒު ގެ ޕެންޝަން އެންޑް ސޯޝަލް ވެލްވެއާ ޑިވިޒަންގެ ސުޕައިވައިޒަރުގެ މަގާމުން ހަސަން އާދަމް ވަކިކުރި މައްސަލަ މަދަނީ ކޯޓަށް ހުށަހެޅުމުން މައްސަލަ ބަލައިގަނެ ހިންގިދާނެ ކަމަށް ނުފެންނަ ކަމަށް ނިންމާފައިވާ ނިންމެވުމަކީ ބާތިލު ނިންމެވުމެއް ކަމަށް ހައިކޯޓުގެ ފަނޑިޔާރުން އިއްތިފާގުވާ ކަމަށެވެ.
އަދި ބުނަނީ ހަސަން އާދަމްގެ ފަރާތުން މައްސަލަ އަލުން ހުށަހަޅައިފިނަމަ އެ މައްސަލައިގެ މައުލޫއާމެދު ގޮތެއް ކަނޑައެޅުމަށް ސިވިލް ކޯޓުގެ މައްޗަށް އަންގާ ހުކުމް ކުރާ ކަމަށެވެ.
މި މައްސައިގައި ހަސަން އާދަމް 20 އަހަރު ފަހުން ސިވިލް ކޯޓުގައި ދައުވާކޮށްފައި ވަނީ ކ. ގުރައިދޫގައި ހުންނަ ދައުލަތުގެ ހާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒު ގެ ސުޕަވައިޒަރެއްގެ ވަޒީފާގައި ހުއްޓާ އޯގަސްޓް8، 1988 ގައި އެއްވެސް އިހުމާލެއް، ކުށެއް، އިންޒާރަކާއި ނުލައި އަދި އޭނާ ހުރި ޑިވިޒަނާއި މަގާމު އުވާލުމަކާއި ނުލައި އަދި ވަޒީފާ ވެސް ބަދަލު ކުރުމެއް ނެތި ނޯޓިހެއްދީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދީފައިވާ އެ ނޯޓިހުގެ ސަބަބުން ވަޒީފާ ގެއްލިފައިވާތީ އޭރު އޭނާ ހުރި މަގާމު ނުވަތަ އެ ފެންވަރުގެ ވަޒީފާއެއް ދިނުމަށް ޝަރީއަތުން ކަނޑައަޅައި ދިނުމަށް އެދި އެވެ.
ސިވިލް ކޯޓުގެ ނިންމުން ހައިކޯޓުން ބާތިލު ކުރި އިރު ބުނެފައި ވަނީ ރާއްޖޭގައި ވާޒީފާއާބެހޭ އުސޫލުތައް ކަނޑައަޅާއި ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތުގެ ހައްގުތަކާއި ޒިންމާތައް ކަނޑައަޅައި އެ ހައްގުތައް ހިމާޔަތް ކޮށްދިނުމަށް ލޭބާ ރިލޭޝަން އޮތޯރިޓީއަކާއި ވަޒީފާއާބެހޭ ޓްރައިބިއުނަލް އެއް ގާއިމްކޮށް މަސައްކަތް ފަށާފައި ވަނީ އޭޕްރީލް 15، 2009ގައި ކަމަށެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ ރިޕޯޓުގައި ބުނަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ފަސް ވަނަ މާއްދާގައި "މިގަވައިދުގައި އެހެން ގޮތަކަށް ބަޔާން ކުރެވިފައި ވީނަމަވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން ބަލާނީ ވަޒީފާއާބެހޭ ގާނޫނޫނަށް އަމަލުކުރަން ފެނުނު ތާރީހު، 9 ޖުލައި 2008 ގެ ފަހުން ހިނގާފައިވާ ވަޒީފާއާބެހޭ މައްސަލަތަކެވެ" މިހެން އިތުމުން އެ ތާރީހުގެ ކުރިން ހިނގާފައިވާ މައްސަލަތައް ބެލުމުގެ އިހުތިސޯސް ޓްރައިބިއުނަލަށް ލިބިގެން ނުވާކަން އެނގޭ ކަމަށެވެ.
އަދި ބުނެފައި ވަނީ ހަސަން އާދަމަ ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އޯގަސްޓް 8، 1988ގައި ކަމާއި މައްސަލަ ބަލައި ދިނުމަށް އެދުނީ ނޮވެމްބަރު 13، 2008 ގައި ކަން އެނގޭ ކަމަށާއި މަސައްލަ ބަލައި ނުގަތް ސަބަބަކީ ހަސަން އާދަމް ބުނާ ތާރީހުން ފެށިގެން 20 އަހަރަށްވުރެ ގިނަ ދުވަސް ކަމަށް މަދަނީ ކޯޓުގެ ޖަވާބު ފޯމުގައި އޮންނަ އިރު ޝަރީއަތަށް މައްސަލަ ހުށަހެޅުމުގެ މުއްދަތުތައް ކަނޑައަޅާ "ލިމިޓޭޝަން އެކްޓް" އެއް ރާއްޖޭގައި ހެދިފައި ނުމާއި ގިނަ ދުވަސްތަކެއް ފާއިތުވުމުން މައްސަލަ ބަލައި ނުގަނެ ދޫކޮށްލުމަކީ އަދުލު އިންސާފުގެ ހަމަތަކާ ހިލާފު ކަމެއް ފަނޑިޔާރުންނަށް ފާހަގަ ކުރެއްވުނު ކަމަށެވެ.
މި މައްސަލަ ބަލާފައި ވަނީ ހައިކޯޓުގެ ފަނޑިޔާރު އައްބާސް ޝަރީފާއި ޔޫސުފު ހުސައިނާއި އަބްދުއް ރައޫފު އިބުރާހީމެވެ.