ކުނި މެނޭޖުކުރުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނި، ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ)އަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން އާންމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސަރުކާރު ކުންފުނިތަކުގެ މަސައްކަތްކޮށް ގޮސްފައިވާ ގޮތުގެ މާލީ ރިޕޯޓުގައިވާގޮތުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު އާމްދަނީ ވަނީ 44 ޕަސެންޓް އިތުރުވެފައެވެ. މިދިޔަ އަހަރާ އަޅަބަލާއިރު އެކުންފުނީގެ އާމްދަނީގެ ގޮތުގައި 17.84 މިލިއަން ރުފިޔާ ވަނީ އިތުރުވެފައެވެ.

އާމްދަނީ އިތުރުވި ނަމަވެސް ކުންފުނީގެ ހިންގުމުގެ ހަރަދުތައް މެނޭޖު ކުރެވިފައި ނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ކުންފުނިން ކުރާ އެންމެ ބޮޑު ހަރަދަކީ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް ދިނުން ކަމަށާއި ކުނި ކަލެކްޓުކުުރުމުގެ މަސައްކަތުގައި ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާއިރު ކުންފުންޏަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ރިވިއުކުރުމަކީ މުހިންމު ކަމެއްކަމަށް ފާހަގަކޮށްފައިވެއެވެ.

ސްޓޭޓް އޯންޑް އެންޓަޕްރައިސިސް ކޮމެޓީގައި ވެމްކޯގެ އިސްވެރިން --- ސަން ފޮޓޯ: ފާޔާޒު މޫސާ

ކުންފުނީގެ ޑިރެކްޓަރުންގެ މުސާރައަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި 71،000 ރުފިޔާ ހަރަދުކޮށްފައިވާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ހަރަދުކޮށްފައިވަނީ 58،500 ރުފިޔާއެވެ. މުވައްޒަފުންގެ މުސާރައަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި 10،793،232 ރުފިޔާ ހަރަދުކޮށްފައިވާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ހަރަދުކޮށްފައިވަނީ 5،784،797 ރުފިޔާއެވެ.

ކުންފުނިން ނަގާފައިވަނީ ލޯންގް ޓާމް ލޯނެއް ކަމަށާއި އެހެންކަމުން ފައިނޭންޝަލް ކޮސްޓެއް މިވަގުތު ކުންފުންޏަށް ނެތްނަމަވެސް ކުންފުނީގައި ބޭނުންކުރާ ވެހިކަލްތައް ގަތުމަށް ބޮޑު އިންވެސްޓުމެންޓެއް ކޮށްފައިވާތީ، އެއީ ރިކަވާކުރަން ގިނަ ދުވަސް ނަގާނެ އިންވެސްޓުމެންޓެއް ކަމަށް ބުނެފައިވެއެވެ.

ދެހާސް އަށާރަވަނަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ދެވަނަ ކުއާޓަރުގައި ކުންފުނީގެ އޯވާހެޑްސް މަދުކޮށްފައިވާކަމަށާއި އޭގެ ސަބަބުން ކުންފުނީގެ ނެޓް ލޮސް މިއަހަރުގެ ދެވަނަ ކުއާޓަރުގައި މަދުކުރެވިފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.