30 Oct 2019, 20:37
ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ބޮޑެތި ފުޓުބޯޅަ ދަނޑުތަކެއް ރާއްޖެތެރޭގައި އެޅުމުގެ ސިޔާސަތުގެ ދަށުން އަނެއްކާވެސް އިތުރު ފަސް ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.
އެގޮތުން މިއަދު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ހދ. ކުޅުދުއްފުށި، ހދ. ނެއްލައިދޫ، ހދ. ހަނިމާދޫ، ހދ. ނޮޅިވަރަމްގެ އިތުރުން ނ. ކުޑަފަރީގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް ހަވާލުކޮށްފައެވެ.
މިއަދު ޔޫތު މިނިސްޓްރީއާ އެކު ހެދި އެއްބަސް ވުމުގެ ދަށުން ހދ. ކުޅުދުއްފުށީގެ ދަނޑު އަދި ހދ. ނޮޅިވަރަމްގެ ދަނޑުގެ އިތުރުން ހދ. ހަނިމާދޫގެ ދަނޑުގެ ސަބް ބޭސް މަސައްކަތް 4.032 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ އާރްކޭއެލް ގްރޫޕާއެވެ. މިއިން ކޮންމެ ދަނޑެއްގެ ސަބް ބޭސް އެޅުމަށް ވަކިވަކިން ބަލާ ނަމަ 1.344 ހަރަދު ވާނެއެވެ.
މީގެ އިތުރުން ހދ. ނެއްލައިދޫ ދަނޑުގެ ސަބް ބޭސް މަސައްކަތް 1.190 މިލިއަން ރުފިޔާއަށް ފްލެކްސް އިންކް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރިއިރު ނ. ކުޑަފަރީ ދަނޑުގެ ސަބް ބޭސް މަސައްކަތް 1.152 މިލިއަން ރުފިޔާއަށް ހަވާލުކުރީވެސް އެ ކުންފުންޏާއެވެ.
މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ސޮއިކުރެއްވިއިރު އާރްކޭއެލް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުޒައިމާ އާސިރްއެވެ. އަދި ފްލެކްސް އިންކްގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ނަޖާހް ޝަރީފެވެ.
މި އެއްބަސްވުމުގެ ދަށުން މަސައްކަތް ހަވާލުކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށައި 30 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ.
މި ދަނޑުތަކާއެކު މިއަހަރުގެ މިހާތަނަށް މިނިސްޓްރީއިން ވަނީ ޖުމްލަ 19 ދަނޑެއްގެ ސަބް ބޭސް މަސައްކަތް އެކި ފަރާތްތަކާ ހަވާލުކޮށްފައެވެ. މި ދަނޑުތަކުގެ ސަބް ބޭސް މަސައްކަތް ނިމުނުހާ އަވަހަށް ދަނޑުތަކުގައި ޓާފް އެޅުމުގެ މަސައްކަތް ފެށޭނެކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.