އަލަށް އެކުލަވާލާ ގާނޫނުތަކާއި ގަވައިދުތަކުގެ ސަބަބުން މާލިއްޔަތަށް ކުރާނެ އަސަރުތައް ދެނެގަތުމަށް ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ މެދުރާސްތާގެ ފިސްކަލް ސްޓްރެޓެޖީގައި އެދެފިއެވެ.

ފިނޭންސް އިން އާންމުކޮށްފައިވާ އެ ރިޕޯޓުގައި ބުނެފައިވަނީ ދައުލަތުގެ އޮފީސްތަކުން ޑްރާފްޓުކުރާ ބިލުތައް ފާސްކުރުމަށްޓަކާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ކުރިން އަދި ގަވައިދެއް ނުވަތަ އުސޫލެއް ހަދައި އެއަށް އަމަލު ކުރުމުގެ ކުރިން އަދި ބިލެއް، ގަވައިދެއް ނުވަތަ އުސޫލެއް އިސްލާހު ކުރުމުގެ ކުރިން ދައުލަތަށް މާލީގޮތުން ކުރާނެ އަސަރު ދެނެގަތުމަށް ފިސްކަލް އިމްޕެކްޓް އެސެސްމެންޓެއް ހަދައި ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅަންޖެހޭގޮތަށް މާލިއްޔަތު ގާނޫނަށް އިސްލާހު ގެންނަންޖެހޭ ކަމަށެވެ.

އެ ރިޕޯޓުގައި ބުނީ ގާނޫނީ އޮނިގަނޑަށް ބަދަލު ގެނައުމުގެ ކުރިން އެ ގެނެވޭ ބަދަލުތަކާއި ގުޅިގެން ދައުލަތުގެ އާމްދަނީ އާއި ހަރަދަށް ކުރާނެ އަސަރު ދެނެގަނެވިފައި އޮތުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި އެއަހަރަކަށް ކަނޑައަޅާ ބަޖެޓު ފާސްކުރުމުގެ ކުރިން މި ބަދަލުތައް ބަޖެޓުގައި ހިމެނިފައި އޮތުމަކީ އަހަރުގެ ތެރޭގައި ބަޖެޓަށް އުނި އިތުރު ގެނައުން މަދުވާނެ ކަމެއް ކަމަށާއި އެހެންކަމުން ގާނޫނީ އޮނިގަނޑަށް ބަދަލު ގެނައުމުގެ ކުރިން ފިސްކަލް އިމްޕެކްޓް އެސެސްމެންޓު ހަދައި ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅަންޖެހޭގޮތަށް މާލިއްޔަތު ގާނޫނަށް ބަދަލު ގެނެވިދާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ "2020-2022 ފިސްކަލް ސްޓްރެޓެޖީ" ގައި ފިސްކަލް ޕޮލިސީ ތަންފީޒު ކުރުން ހަރުދަނާ ކުރުމަށް ހުށަހަޅާ ކަންތައް ކުރުމުގައި އިތުރަށް ހުށަހަޅާފައިވަނީ ދައުލަތުގެ ބަޖެޓު އެކި އިދާރާތަކަށް ބައިކުރެވޭ ގޮތް އަދި ބަޖެޓުގެ އެކޮލޭޝަން ބަދަލު ކުރުމުގެ
އުސޫލުތައް ދައުލަތުގެ މާލިއްޔަތު ގާނޫނުގައި ހިމެނުމަށް ވަނީ ހުށަހަޅައިފައެވެ.

މީގެ އިތުރުން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ހިމަނާފައިވާ ފިސްކަލް އަމާޒުތައް މުރާޖައާ ކުރުމަށްވެސް އެ ސްޓްރެޓެޖީގައި ވަނީ ހުށަހަޅައިފައެވެ.

އެގޮތުން ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ބުނެފައިވާ ޑެފިސިޓް އަދި ދަރަނީގެ އަމާޒުތަކަކީ ރާއްޖެފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް އެންމެ އެކަށީގެންވާ އަމާޒުތަކެއް ނޫން ކަމަށާއި ގާނޫނުގައި ހުރި އަމާޒުތައް ހާސިލުކުރަން ބާރުއަޅާފައިވަނީ 2017 ވަނަ އަހަރުގެ ނިޔަލަށް ނަމަވެސް އެކަންކަން ހާސިލުވެފައިނުވާތީ ގާނޫނަށް ބަދަލު ގެންނަންޖެހޭ ކަމަށް އެ ސްޓްރެޓެޖީގައި ބުނެފައިވެއެވެ.