20 Nov 2011, 10:02
ރާއްޖޭގައި ގާއިމްވެފައިވާ ކަމަށް ތުހުމަތު ކުރާ ޓެރަރިސްޓް ނެޓްވޯކަކުން އިންޑިޔާގެ ޓްރިވެންޑްރަމްގައި ފައިހަރުކުރަން މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބިގެން އިންޑިޔާގެ ޖާސޫސީ އިދާރާގެ އޮފިޝަލުން ދިވެހިންނަށް ފާރަލަމުންދާ ކަމަށް އިންޑިޔާގެ ނޫހަކުން އިއްޔެ ބުނެފި އެވެ.
އިންޑިޔާގެ "ދަ އޭޝިއަން އޭޖު" ނޫހުގައި އިއްޔެ ބުނެފައިވާ ގޮތުގައި ޓްރިވެންޑްރަމްގައި ފައިހަރުކުރަން މަސައްކަތް ކުރާ، ރާއްޖޭގެ ޓެރަރިސްޓް މޮޑިއުލްއަކާ ގުޅިފައިވާ ކަމަށް ބެލެވޭ މީހުން ދަނީ އެ މީހުންނަށް ލިބިފައިވާ ގާނޫނީ ފަސޭހައިގެ ބޭނުން ކުރަމުންނެވެ. އެގޮތުން ވިސާއަކާ ނުލައި 90 ދުވަހު އިންޑިޔާގައި ތިބެވޭތީ އެ މީހުން 89 ވަނަ ދުވަހު ފުރައިގެން ދިއުމަށް ފަހު އަލުން އެނބުރި އަންނަނީ ކަމަށް ވެސް އެ ނޫހުގައިވެ އެވެ.
އަދި އިންޑިޔާ ފުލުހުންގެ ނަން ހާމަ ނުކުރާ އިންޓެލިޖެންސް އޮފިޝަލަކާ ހަވާލާދީ ބުނެފައި ވަނީ ޓްރިވެންޑްރަމަށްދާ ދިވެހިންގެ ގިނަ މީހުންނަކީ ސުލްހަ އަށް ލޯބިކުރާ މަޑުމައިތިރި ބަޔަކަށްވީ ނަމަވެސް މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މުދާ ސުމަގުލް ކުރުން އަދި ދީނީ ހަރުކަށި ގޮތްތައް ފެތުރުމަށް މަސައްކަތް ކުރާ މީހުން ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.
އަދި ދިވެހިންނާ ދެކޮޅަށް ބައެއް މައްސަލަތައް ހުށައަޅާފައިވާ ކަމަށް ވެސް އެ އޮފިޝަލާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެ އެވެ.
ދަ އޭޝިއަން އޭޖުގައިވާ ގޮތުން 2005 ވަނަ އަހަރު އޭޕްރިލް މަހު ޓްރިވެންޑްރަމްގައި ހައްޔަރުކުރި އާސިފު އިބްރާހީމް ނަމަކަށް ކިޔާ މީހަކު ވަނީ ޖަމާއަތުލް މުސްލިމީން ނަމަކަށް ކިޔާ ޓެރަރިސްޓް ޖަމާއަތެއް ޓްރިވެންޑްރަމްގައި އުފެއްދުމުގެ މަސައްކަތާ ހަވާލުވެފަ އެވެ. އަދި އޭރުގެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބުދުލްގައްޔޫމު އަވަހާރަކޮށްލަން ރޭވި ކަމަށް އޭނާ އިއުތިރާފުވެފައިވާ ކަމަށް ވެސް އެ ނޫހުގައިވެ އެވެ. އަދި ޓްރިވެންޑްރަމަށް އޭނާ އައީ ބޮން އުފައްދަން ބޭނުންވާ ތަކެތި ހޯދުމަށް އެތަން ފަސޭހަވުމުން ކަމަށް ބުނެފައިވާ ކަމަށް ވެސް އެ ނޫހުގައިވެ އެވެ.
އިންޑިޔާއަށްދާ ދިވެހިންނަށް ތަފާތު ތުހުމަތުތައް ކުރުމާއި ދިވެހިންނަށް ފާރަލުން އިންޑިޔާގެ ސަލާމަތީ ބާރުތަކުން މިހާރު ވަނީ ވަރަށް އާއްމު ކަމަކަށް ހަދައިފަ އެވެ.