14:30


ވާލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ރޭ މެކްސިކޯ ކުޅުނު ދެވަނަ މެޗް ކާމިޔާބުކޮށް ދެވަނަ ބުރުގެ ޖާގައާ ގާތަށް ޖެހިލައިފި އެވެ. މެކްސިކޯ ރޭގެ މެޗް ކާމިޔާބުކުރީ ފްރާންސް އާއި ބައްދަލުކޮށް ދޭއް ސުމަކުންނެވެ.


މިމެޗްގައި މެކްސިކޯއިން ލީޑް ނެގި ލަނޑު ޖަހާފައި ވަނީ ކުރިއަށް އޮތް ސީޒަނުގައި މެންޗެސްޓަރ ޔުނައިޓަޑުން ފެނިގެން ދާނެ ކުޅުންތެރިއެއް ކަމުގައިވާ އުރުމުން 22 އަހަރުގެ ހާވިއާ ހަނާންޑޭޒެވެ. މެޗްގެ 64 ވަނަ މިނެޓްގައި ޒުވާން ފޯވަޑް ޖަހާފައިވާ މިލަނޑީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ވޯލްޑްކަޕްގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. އަދި މެކްސިކޯގެ ދެ ވަނަ ލަނޑަކީ މެޗްގެ 32 ވަނަ މިނެޓްގައި ބަރޭރާއަށް ފްރާންސް ޓީމުގެ އަބިދާލް ކުރި ޓެކުއަކުން ލިބުނު ޕެނަލްޓީއެކެވެ. މިޕެނަލްޓީ މެކްސިކޯއަށް ކާމިޔާބުކޮށްދީ ޓީމުގެ ލީޑް ފުޅާކޮށް ދިން ބްލެންކޯ ވެފައި ވަނީ ވޯލްޑްކަޕް މުބާރާތުގައި ލަނޑެއް ޖެހި ތިންވަނައަށް އެންމެ މުސްކުޅި ކުޅުންތެރިޔާކަމުގަ އެވެ.


ފްރާންސް މިމެޗުން ބަލިވުމުން ދެވަނަ ބުރަށް އަމިއްލަ ބާރުގައި ދިއުމުގެ ފުރަސަތު ވަނީ ގެއްލިފަ އެވެ. މިގްރޫޕްގެ ފަހު މެޗުގައި އުރުގުއޭ އާއި މެކްސިކޯ ބައްދަލުކުރާ މެޗުން ދެ ޓީމު ވެސް އެއްވަރު ވެއްޖެ ނަމަ ދެވަނަ ބުރުން ފުރުސަތު ލިބޭނީ މިދެޓީމަށެވެ. ފްރާންސްއަށް ދެވަނަ ބުރަށް ދަތުރުކުރެވޭނީ ސައުތު އެފްރިކާ އަތުން މޮޅުވެ މެކްސިކޯ އާއި އުރުގޭ ބައްދަލުކުރާ މެޗުން ބަލިވާ ޓީމަށް ވުރެ ލަނޑުގެ ގޮތުން ކުރި ހޯދިއްޖެނަމަ އެވެ. މުބާރާތް ބާއްވާ ޤަވްމަށް ވެސް ދެވަނަ ބުރަށް ދިއުމަށް ފުރުސަތު ލިބޭނީ ފްރާންސާ ބައްދަލުކުރާ މެޗުން މޮޅުވެ މެކްސިކޯ އާއި އުރުގޭ ބައްދަލުކުރާ މެޗުން ބަލިވާ ޓީމަށް ވުރެ ލަނޑުގެ ގޮތުން ކުރި ލިބިގެންނެވެ.


ގްރޫޕް އޭ ގައި ހަތަރު ޕޮއިންޓް އުރުގުއޭ އާއި މެކްސިކޯއާށް ލިބިފައި ވީނަމަވެސް ލަނޑުގެ ތަފާތުން އެއްވަނަ ލިބެނީ އުރުގުއޭ އަށެވެ. ދެވަނަ ގައި އުޅެނީ މެކްސިކޯ އެވެ. އަދި ގޯލްގެ ތަފާތުން ތިންވަނަ ލިބިފައި ވަނީ ފްރާންސްއަށެވެ.


މި މުބާރާތުގައި ރޭ ކުޅުނު ދެވަނަ މެޗް ކާމިޔާބުކޮށް ގްރީސް ވެސް ވަނީ ދެވަނަ ބުރާމެދު އެ ގައުމުން ކުރަމުން އައި އުއްމީދު އާކޮށްފަ އެވެ. ގްރީސް ރޭގެ މެޗް ކާމިޔާބުކުރީ ނައިޖީރިޔާއާ ވާދަކޮށް ދޭއް އެކަކުންނެވެ. ނައިޖީރިއާއިން ލީޑް ނަގާފައި ވަނިކޮށް ގްރީސް ހަމަހަމަ ކުރަން ޖެހި ލަނޑީ ވޯލްޑްކަޕްގައި ގްރީސް ކާމިޔާބުރި ފުރަތަމަ ލަނޑެވެ. މިތާރީޚީ ލަނޑު ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ސަލްފަ ގީޑިސް އެވެ. ގްރީސްގެ ދެވަނަ ލަނޑު ޖަހާފައި ވަނީ ފަހު ހާފްގެ 26 ވަނަ މިނެޓްގައި ޓޮރޮސި ޑީސް އެވެ. މިއީ ވޯލްޑްކަޕްގެ މެޗެއްގައި ގްރީސް މޮޅުވި ފުރަތަމަ ފަހަރެވެ. މިމެޗްގައި ނައިޖީރިޔާގެ ސާނީ ކެއިޓާއަށް ވަނީ ރަތްކާޑެއް ދައްކާފަ އެވެ.


ގްރޫޕް ބީ ގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު އާޖެންޓީނާ އޮތްއިރު ގޯލްގެ ތަފާތުން ދެވަނަ ލިބެނީ ދެކުނު ކޮރެޔާއަށެވެ. އިއްޔެގެ މެޗުން ގްރީސް މޮޅުވެ 3 ޕޮއިންޓް ލިބަފައި ވީނަމަވެސް މިވަގުތު އޮތީ ޕޮއިންޓް ޓޭބަލްގެ 3 ވަނައިގަ އެވެ. ޓޭބަލްގެ އެންމެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ ނައިޖީރިޔާ އެވެ.


މިމުބާރާތުގައި މިއަދު ވެސް ތިން މެޗް ކުޅެވޭނެ އެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޖާމަނީ އާއި ސާރބިޔާ އެވެ. ދެވަނަ މެޗުގައި ސްލޮވޭނިޔާ އާއި އެމެރިކާ ބައްދަލުކުރާއިރު ތިން ވަނަ މެޗުގައި ބައްދަލުކުރާނީ އިންގްލެންޑާ އަލްޖީރިޔާ އެވެ.