30 Oct 2019, 21:41
ބަޣުދާދު (އޮކްޓޯބަރު 30): އިރާގުގެ ބޮޑުވަޒީރު އާދިލް އަބްދުލްމަހުދީ މަގާމުން ދުރުކުރަން އެގައުމުގެ ޕާލަމެންޓުގެ އެންމެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައިވާ އިއްތިހާދުގެ ލީޑަރު މުގުތަދާ އަލް ސަދުރު ގޮވާލައްވައިފި އެވެ.
އިރާގުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރަމުންދާ ދަނޑިވަޅުގައި، ޝީޢީ ލީޑަރު އަލް ސަދުރު ވަނީ އެގައުމުގެ މަޖިލިސް އިންތިހާބު އަވަސްކުރުމަށް ބޮޑުވަޒީރު ގާތުގައި އެދިލައްވާފައެވެ. ނަމަވެސް މަހުދީ އެކަމަށް ދެކޮޅު ހެއްދެވުމުން ސަދުރު ވަނީ އޭނާ މަގާމުން ދުރުކުރުމަށާއި އެކަމުގައި ޕާލަމެންޓުގެ ދެވަނައަށް އެންމެ ބޮޑު އެލަޔަންސުންވެސް ބައިވެރިވުމަށް ގޮވާލައްވާފައެވެ. އެ އެލަޔަންސުގައި އިސްކޮށް ހުންނަވަނީ ކުރީގެ ޓްރާންސްޕޯޓު މިނިސްޓަރު ހާދީ އަލް އަމީރީއެވެ.
"[ބޮޑުވަޒީރު މަހުދީ] ގަދަރުވެރިކަމާއެކު އިސްތިއުފާދެއްވާނެ ކަމަށް އުންމީދު ކުރަން. ނަމަވެސް އެކަމަށް ދެކޮޅު ހަދާނަމަ، މަހުދީ މަގާމުން ދުރުކުރުމުގައި އެހީވާން ހާދީ އަލް އަމީރީއަށް ގޮވާލަން،" ސަދުރު ވިދާޅުވިއެވެ.
އަދި އިއްޔެ އަލް އަމީރީ ވަނީ އިރާގުގެ ރައްޔިތުންގެ މަސްލަހަތަށް ބަލައި، ބޮޑުވަޒީރު މަގާމުން ދުރުކުރަން ސަދުރާ އެކު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އަލް މަހުދީ ވިދާޅުވާ ގޮތުގައި މަޖިލިސް އިންތިހާބެއް ބާއްވަން އޭނާ އަމިއްލަފުޅަކަށް ނުނިންމެވޭނެ އެވެ. އަދި އިންތިހާބު ބޭއްވުމުގެ ކުރިން ޕާލަމެންޓުގެ އަގުލަބިއްޔަތުން ޖެހޭނީ ޕާލަމެންޓު އުވާލަން ފާސްކުރާށެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މަހުދީ ބޮޑުވަޒީރުކަމަށް އައްޔަން ކުރީ އެގައުމުގައި މެއި މަހު ބޭއްވި ޕާލިމެންޓު އިންތިހާބުގައި އެއްވެސް ޕާޓީއަކަށް ސަރުކާރު އެކުލަވާލެވޭ ވަރަށް ގޮނޑި ކާމިޔާބު ނުކުރެވުމުންނެވެ. އެ އިންތިހާބުގައި ސަދުރުގެ ސާއިރޫން ކޯލިޝަނަށް ލިބުނީ 54 ގޮނޑި އެވެ. އަދި އަލް އަމީރީގެ ފަތަހު އެލަޔަންސަށް ލިބުނީ 48 ގޮނޑި އެވެ. އިރާގުގައި ސަރުކާރު އެކުލަވާލަން 165 ގޮނޑި ބޭނުންވެއެވެ.
އެހެންކަމުން އެ ދެ އެލަޔަންސުން ނިންމީ ކޯލިޝަން ސަރުކާރެއް އެކުލަވާލައި، މިނިވަން މެމްބަރެއް ކަމަށްވާ އަލް މަހުދީ ބޮޑުވަޒީރު ކަމަށް އައްޔަން ކުރުމަށެވެ.
މިމަހުގެ ކުރީކޮޅު އިރާގުގައި މުޒާހަރާތައް ފެށުނީ ފެނާއި ކަރަންޓުގެ ހިދުމަތުގެ ފެންވަރު ދަށްވުމާއި ވަޒީފާގެ ފުރުސަތުތައް މަދުވުމާއި ކޮރަޕްޝަނާ ދެކޮޅަށް ނުރުހުން ފާޅުކޮށް، އިސްލާހުތައް ގެނައުމަށް ގޮވާލުމުގެ ގޮތުންނެވެ. ނަމަވެސް ފަހުން އެ މުޒާހަރާތައް ފުޅާވެ، ސަރުކާރުގެ އިސްތިއުފާއަށް ވަނީ ގޮވާލަން ފަށާފައެވެ. އެމުޒަހަރާތަކުގައި މިހާތަނަށް 250އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
މުޅި ދުނިޔެއިންވެސް ހަތަރުވަނައަށް އެންމެ ގިނައިން ތެޔޮ ރިޒާވްކޮށްފައިވާ ގައުމަކީ އިރާގު ކަމަށްވީ ނަމަވެސް އެގައުމުގެ އާބާދީގެ 60 ޕަސެންޓު ދިރިއުޅެނީ ދުވާލަކު ހަ ޑޮލަރު ނުވަތަ އެއަށް ވުރެ މަދުން ހަރަދުކޮށްގެންނެވެ. އަދި ވޯލްޑްބޭންކުން ބުނާ ގޮތުގައި އިރާގުގެ ޒުވާނުންގެ ތެރެއިން ވަޒީފާއެއް ނެތް ފިރިހެނުންގެ އަދަދު 17 ޕަސެންޓަށް އަރާ އިރު ވަޒީފާ ނުލިބޭ އަންހެނުންގެ އަދަދު 27 ޕަސެންޓަށް އަރައެވެ.