ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އާމްދަނީ އިން ޓެކްސް ނެގުމުގެ ބިލް (އިންކަމް ޓެކްސް ބިލް) އަކީ ވައްކަން ހުއްޓުވަން ހުށަހަޅާފައިވާ ބިލެއް ކަމަށް މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި އާމްދަނީ އިން ޓެކްސް ނެގުމުގެ ބިލަށް އިއްޔެ މަޖިލީހުގައި ބަހުސް ކުރައްވަމުން ޔައުގޫބް ވިދާޅުވީ އެ ބިލުގެ ސަބަބުން ދިވެހިންނަށް ވާނެ އެއްވެސް ގެއްލުމެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ބަދަލުގައި ފެންނަނީ މުޅިން ވެސް ފައިދާ ކަމަށާއި ބޮޑެތި މަހުޖަނުން ބިލާމެދު ކަންބޮޑުވަނީ އެ ބިލުގެ ސަބަބުން އެބޭފުޅުން "ޑީލް ހަދައިގެން" ކުރަމުން އަންނަ ކަންކަމަށް ކޮންމެސް ވަރެއްގެ ހުއްޓުމެއް އަންނާނެތީ ކަމަށް ގަބޫލުކުރެވިގެން ކަމަށް މެމްބަރު ވިދާޅުވި އެވެ.

ޔައުގޫބް ވިދާޅުވީ ޓެކްސް ބިލަކީ ވަރަށް ރަނގަޅަށް ފަރުމާ ކުރެވިފައިވާ ފުރިހަމަ ބިލެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެ ބިލުގެ ފައިދާ އެންމެ ބޮޑަށް ކުރާނީ ދިވެހި ރައްޔިތުންނަށް ކަމަށެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ފަދަ ކަމެއް ދެން ރާއްޖޭގައި ތަކުރާރު ނުވުމުގެ އެންމެ ބޮޑު ހަތިޔާރަކަށް ވެސް ޓެކްސްގެ ބިލް ވެގެންދާނެ ކަމަށް ޔައުގޫބު ވިދާޅުވި އެވެ.

"މި ބިލްގެ ސަބަބުން އެފަދަ ފަރާތްތަކުގެ މުޅި ލައިފްސްޓައިލް އެއްކޮށް ޑިކްލެއާ ކުރެވިގެންދާއިރު އޭގެ ފަހުން ނުހައްގުން މުއްސަނދިވި ފަރާތެއް ނަމަ ވަރަށް ފަސޭހައިން އައިޑެންޓިފައި ވެގެންދާނެ. މިއީ ވައްކަން ހުއްޓުވަން ހުށަހަޅާ ބިލެއް،" މެމްބަރު ވިދާޅުވި އެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ބުނެފައި ވަނީ އިންކަމް ޓެކްސް ނަގަން ފަށާ ތްރެޝްހޯލްޑަކީ 40،000 ރުފިޔާ ކަމަށެވެ. ނަމަވެސް އެޖެންޑާ 19ގައި ބުނެފައި އޮތީ އިންކަމް ޓެކްސް ނަގާނީ 60،000 އަށް ވުރެ މަތީގެ އާމްދަނީއެއް ލިބޭ ފަރާތްތަކުގެ އަތުން ކަމަށެވެ.

އެކަމާ ގުޅިގެން މަޖިލީހުގައި އެމްޑީޕީގެ ގިނަ މެމްބަރުން ވެސް ވަނީ އެއީ އެޖެންޑާ 19ގެ ވައުދާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އެ މައުޟޫއަށް ވާހަކަ ދައްކަވަމުން ޔައުގޫބް ވިދާޅުވީ ބިލުގައި 40،000 ރުފިޔާ ކަމުގައި އޮތް ނަމަވެސް، ހުރިހާ މެމްބަރުންގެ ވިސްނުން ވެސް ހުރީ 60،000 ރުފިޔާއަށް ވުރެ މަތީގެ އާމްދަނީން ޓެކްސް ނަގަން ކަމަށެވެ.