މެދު ފަންތީގެ ޓޫރިޒަމް ޕްރޮމޯޓުކުރުމަށް ކުރީ ސަރުކާރުން އުފައްދާފައިވާ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އަށް މިއަހަރުގެ ފުރަތަމަ ހަ މަސްތެރޭ ލިބިފައިވަނީ އެންމެ 396 ރުފިޔާކަމަށް ތަފާސް ހިސާބުތައް ދައްކައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އާންމުކުރި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދެވަނަ ކުއާޓާރުގެ މާލީ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ތިން މަހު އެކުންފުންޏަށް އާމްދަނީގެ ގޮތުގައި އެއްވެސް ފައިސާއެއް ލިބިފައެއް ނުވެއެވެ. އަހަރުގެ ދެވަނަ ކުއާޓަރުގައި އެމްއައިޓީޑީސީއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 396 ރުފިޔާ ކަމަށާއި އެ އާމްދަނީއަކީ ޑިސްކައުންޓުގެ ގޮތިގައި ރިކޯޑުކޮށްފައިވާ އަދަދެއްކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ކުންފުނިން ކުރިއަށްގެންދިޔަ މަސައްކަތްތައް ހުއްޓާލާފައި އޮތުމުން އެއްވެސް އާމްދަނީއެއް ލިބިފައިނުވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކުންފުނީގެ ހިންގުމުގެ ހަރަދުތައް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު މިއަހަރުގެ ދެވަނަ ކުއާޓަރުގައި 21 ޕަސެންޓް ދަށްކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން ސަރުކާރުން އެމްއައިޓީޑީސީއަށް ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި އެއް މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ މިއަހަރުގެ އެ މުއްދަތުގައިވެސް ސަރުކާރުން ކުންފުންޏަށް އެއް މިލިއަން ރުފިޔާ އިންޖެކްޓުކޮށްފައިވާ ކަމަށާއި އެ ފައިސާ ބޭނުންކޮށްފައިވަނީ ހިންގުމުގެ ހަރަދުތަކަށް ކަމަށް ބުނެފައިވެއެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެމްއައިޓީޑީސީގެ ހިންގުމުގެ ހަރަދުތައް 15 ޕަސެންޓް ވަނީ އިތުރުވެފައެވެ.

ކުންފުންޏަށް އެއްވެސް އާމްދަނީއެއް ނުލިބުނު ނަމަވެސް މާކެޓިން ކޮންސަލްޓެންސީއަށް 90،000 ރުފިޔާ ހަރަދުކޮށްފައިވެއެވެ.

އެމްއައިޓީޑީސީގެ ކޮރަޕްޝަނުގެ މައްސަލަތަކެއްވެސް މީގެ ކުރިން ވަނީ ފެންމަތިވެފައެވެ. އެގޮތުން އެކުންފުނިން ލ ބަރެސްދޫގައި ކުރިއަށް ގެންދިޔަ ޕްރޮޖެކްޓުގައި ކޮރަޕްޝަން އެކުލެވޭތީ، އެ ޕްރޮޖެކްޓާއި ގުޅިގެން ފައިސާ ދެއްކި ފަރާތްތަކުން އޭސީސީއަށް މައުލޫމާތު ހިއްސާކުރުމަށް މީގެ ކުރިން ވަނީ އެދިފައެވެ.

އެމްއައިޓީޑީސީގެ ބަޖެޓުން ސިޔާސީ ޕާޓީއެއްގެ އޮފީހެއް ހެދުމަށް ހަރަދުކުރި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. އެ ކުންފުނީގެ 1.998 މިލިއަން ރުފިޔާއަށް ވީގޮތެއް ނޭނގިފައި އޮތްކަމަށް އޮޑިޓް ރިޕޯޓުން ފާހަގަވާ ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އެމްއައިޓީޑީސީ އުފެއްދީ ކުރީގެ ސަރުކާރުން ވައްކަންކުރަން ކަމަށާއި އެއީ މިހާރު އުވާލަން ޖެހޭ ކުންފުންޏެއް ކަމަށް މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވެސް ވަނީ ވިދާޅުވެފައެވެެ. މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއަށް އެކުންފުނީގެ ވެރިން ހާޒިރު ކުރި ދުވަހު އަނދުން ހުސައިން ވިދާޅުވީ އެމްއައިޓީޑީސީން މިހާރު ގެންގުޅޭ ސިޔާސަތަކީ އެމްޑީޕީގެ ލޯކަލް ޓުއަރިޒަމް ސިޔާސަތާއި ދިމާ އިދިކޮޅު ސިޔާސަތެއް ކަމަށެވެ. އެމްޑީޕީގެ ސިޔާސަތަކީ ރަށު ޖީބަށް ޑޮލަރު ވަނުން ކަމަށް ވިދާޅުވިއެވެ.

"[އެމްޑީޕީގެ ލޯކަލް ޓިއަރިޒަމް] ވިޔަފާރި ހަލާކުވެގެން ދާނެ ކަމެއް އަސްލުގައި ބަރެސްދޫގައި 10،000 އަކަފޫޓުގެ ބިމެއް 33،000 ޑޮލަރަށް ކުއްޔަށް ދީގެން ހިންގާ ހިންގުމަކީ. ލޯކަލް ޓުއަރިޒަމް ރަށު ތަރައްގީއަށް މި ކުރެވޭ ޓުއަރިޒަމް ހަލާކުވާނެ ކަމެއް." މެމްބަރު ހުސައިން ޝަހީމް ވިދާޅުވިއެވެ.

އަނދުން ހުސައިން ވިދާޅުވި ގޮތުން އެމްއައިޓީޑީސީއަކީ "އެއްގޮތަކަށްވެސް ވުޖޫދުގައި ބާއްވަންޖެހޭ ކުންފުންޏެއް" ނޫން ކަމަށެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އެމްއައިޓީޑީސީގެ ދަރަނި ހުރީ 25 މިލިއަނުގައެވެ.