20 Nov 2011, 08:38
އަބްދުﷲ ޝިނާން
މި ފަހަކަށް އައިސް ވަރަށް ގިނައިން އިވޭ އަޑެކެވެ؛ ހާއްސަކޮށް ޕާޓީތަކުގެ ވެރިންނާއި އެކްޓިވިސްޓުންގެ ގޮތުގައި ހަރަކާތްތެރިވާ ބޭބޭ ފުޅުން އެހެން ދިވެހި އަހުންނަށް އިނގިލި ދިއްކޮށް މި ބާވަތުގެ ވާހަކަ ބުނެ އުޅެއެވެ. އެހެން އެބުނާ ބޭބޭފުޅުންނާ އަޅުގަނޑު ކޮށްލަން ބޫނުންވާ ސުވާލެއް އެބައޮތެވެ.
ތިޔަ ބުނާ ސިޔާސީ ގޮތުން ގަމާރުނޫން މީހުން ތިބީ ދުނިޔެ މަތީ ކޮންހިސާބެއްގެ ކޮން ޤައުމެއްގަ ތޯއެވެ؟ އެއީ ތިޔަވިދާޅުވާ އެމެރިކާގަ ތޯއެވެ؟ ނޫނީ އިނގިރޭސިވިލާތުގަ ތޯއެވެ؟ ދެންނޫނީ ތިޔަވިދާޅުވާ އެންމެ ބޮޑު ޑިމޮކްރަސީ ގާއިމްވެފައި ވާ އިނޑިޔާގަ ތޯއެވެ؟
އަޅުގަނޑުމެން އެންމެ ކުރިއަރާ ތަހުޒީބުވެފައިވާ އެމެރިކާއަށް ބަލާލިނަމަވެސް ފެންނާނީ ހަމަ އެބުނާ ކަހަލަ "ގަމާރުން" ނެވެ. 2001 ވަނަ އަހަރު، ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ރައީސް ކަމުގެ ހުވާ ޖޯޖް ޑަބްލިއު ބުޝް ކުރެއްވި އިރު، އެމެރިކާގެ ރައްޔިތުންނަށް ފުލޮރިޑާގައި ބުޝްއާއި ރިޕަބްލިކަނުން ހިންގެވި މަކަރުވެރި ރޭވުން ނޭނގެނީބާއެވެ؟
އެމެރިކާގެ މަޝްހޫރު ނޫހެއްކަމުގައިވާ ނިއުޔޯކް ޓައިމްސްގައި ވޯޓުގެ މައްސަލަ ޖެހިގެން އުޅޭ ފުލޮރިޑާއާއި ބެހޭ ގޮތުން އެމީހުންނަށް ހޯދުނު ހޯދުންތައް އާންމުކުރިއެވެ. މީގެތެރެއިން ބައެއް ކަންތައް އެނޫހުން ހާމަ ކުރިއެވެ. އެގޮތުން 344 ވޯޓު ފޮއްޓަށް ވޯޓު ލާފައިވަނީ ވޯޓުލާން އޮތް ދުވަހުގައި ކަމެއް ނުވަތަ އެ ތާރީޚުގެ ކުރިޔަކުން ކަން ހާމަވާނެ އެއްވެސް ހެއްކެއްނެތެވެ. 96 ވޯޓު ފޮށި އެކަށީގެންވާ ގޮތަށް ނުބެލެހެއްޓޭކަމާއި 169 ވޯޓު ފޮއްޓަށް ވޯޓު ދީފައިވަނީ ވޯޓު ދިނުމަށް ރަޖިސްޓްރީ ކޮށްފައިވާ ބައެއްނޫން ކަމެވެ. އަދި 5 ވޯޓު ފޮށި އައިސް ފައިވަނީ ވޯޓު ފޮށި ގެންނަން ޖެހޭ އެންމެ ފަހުގެ މުހުލަތު 17 ނޮވެންބަރުގެ ފަހުންކަމާއި އެހެންނަމަ ވެސް އެފޮށިތައް ވެސް ގުނުމުގައި ބައިވެރިކުރިކަމެވެ. މި ހުރިހާ ވޯޓު ފޮށިތައް ގުނުމުގައި ބައިވެރި ކުރި ކަން ފާހަގަކޮށްފައި ވެއެވެ. މީއީ ފުލޮރިޑާގެ ޤާނޫނާއި ޤަވައިދު ހުއްދަކުރާ ކަމެއްނޫނެވެ. އެހެންނަމަވެސް މިކަން ހިނގީ އެމެރިކާގެ އެންމެހައި ރައްޔިތުންގެ ކުރިމަތީގައެވެ.
ދެން ފެނިގެންއައީ ވޯޓު ގުނުމުގައި މައްސަލައެއް އުޅޫކަމަށް ނިންމާ 2000 ޑިސެންބަރ ގެ 9 ވަނަ އަށް ވީ ހޮނިހިރު ދުވަހު ހެނދުނު ފުލޮރިޑާގެ ސުޕްރީމް ކޯޓުން އަލުން ވޯޓު ގުނުމަށް އަމުރު ނެރުނު ތަނެވެ.
ދެވަނަ ގުނުން ކުރިޔަށް ދިޔަ ދިޔަހެން ފެންނަމުން ދިޔައީ ބުޝް އާއި ޑިމޮކްރެޓިކް ކެނޑިޑޭޓް އަލްގޯއާއި ދެމެދު އޮތް ތަފާތު ހީނުކުރާ ބާރުމިނެއްގައި ކުޑަވަމުންދާތަނެވެ. ދެބޭފުޅުންގެ ތަފާތު މިހާ ކުޑަވެ ވޯޓު ގުނުމުގެ ފޯރި އެންމެ ގަދަވި ހިސާބުން ދެން ކުއްލިއަކަށް އިވުނީ ވޯޓުގުނުން ހުއްޓާލުމަށް ފުލޮރިޑާގެ ސުޕްރީމް ކޯޓުން ނެރުނު އަމުރެވެ.
ދެވަނަ ފަހަރަށް މައްސަލަ ޖެހިގެން އުޅޭ ފުލޮރިޑާގައި ވޯޓުގުނަން ނިންމީ ސުޕްރީމް ކޯޓަށް ވޯޓު ގުނުމުގައި މައްސަލައެއް އުޅޭކަމަށް ފެނުމުންނެވެ. ނަމަވެސް ވޯޓުގުނާ ނިމެން އެހާ ކައިރިވެފައި ހުއްޓާ ކުއްލިއަކަށް ވޯޓު ގުނުން ހުއްޓާލަން ކޯޓުން އަމުރު ނެރުއްވީ ކީއްވެ ގެންތޯއެވެ؟ އެއީ ވޯޓުގުނާ ނިމޭއިރު ޑިމޮކްރެޓިކް ކެނޑިޑޭޓް އަލްގޯއަށް ކުރިލިބިދާނެކަން ޔަގީން ކުރެވުނީމައެވެ. މިކަން ހުއްޓުވުމަށް އެމެރިކާގެ ތަޙްޒީބު ރައްޔިތުންނަށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟ މިމަކަރު ނުހުއްޓުވުނީ އެމެރިކާގެ އާންމުން ހޭލުންތެރި ނުވީމަ ހެއްޔެވެ. އެމެރިކާގެ ރައްޔިތުންނަށް މިކަން ނުހުއްޓުވުނީ އެމީހުނަށް މިކަން ހިނގިގޮތް ނޭނގޭތީހެއްޔެވެ. ނޫނީ އެމީހުން ގަމާރުވީމަ ހެއްޔެވެ.
ޖޯގް ވޯނަރ ބުޝް ވައިޓްހައުސް ފަތަހަ ކުރެއްވީ މުޅިއެމެރިކާގެ ތާރީޚު ދުށް އެންމެ މަޤްބޫލު ކަން ކުޑަ ރައީސްގެ ގޮތުގައެވެ. އެމެރިކާގެ ބައެއް ލިޔުންތެރިން ބުޝް ސިފަކުރައްވަނީ "ޤާނޫނާއި ޤަވައިދު މުގުރާލައި އިންތިހާބް ކުރި" ރައީސްގެ ގޮތުގައެވެ. އަދި އަނެއްބަޔަކު ސިފަކުރައްވަނީ " 30000 ވޯޓު ވަގަށް ނަގައިގެން ކުރިހޯއްދެވި" ރައީސްގެ ގޮތުގައެވެ.
ނަމަވެސް ސެޕްޓެންބަރ 11 ގެ ހާދިސާ މިހުރިހާ ކަމެއް ރައްޔިތުންގެ ސިކުނޑިން ފޮހެލިއެވެ. ބުޝްގެ ތަޅާފޮޅުމާއި ފަނާކުރުމުގެ ސިޔާސަތު ކުރިޔަށްނެރުއްވިއެވެ. ރައްޔިތުންގެ ބަޔަކު އެކަމާ ދެކޮޅު ނަމަވެސް އެސިޔާސަތު ދަމަހައްޓާ ކުރިޔަށް ގެންދިޔައެވެ. އެންމެ ސަބަބަކާހުރެއެވެ. ރައްޔިތުންގެ ތެރެއިން މަދު އެކަމަކު ފައިސާވެރި ބާރުވެރި މީހުންގެ މަސްލަހަތަށް ޓަކައެވެ. މިކަމުގެ އިނާމެއްގެ ގޮތުން ދެވަނަ ދައުރަކަށް މިބައިމީހުންގެ މަސައްކަތުން ބުޝް އިންތިހާބް ކޮށްދިނެވެ. މިއީ އެމެރިކާގެ ހުރިހާ ރައްޔިތުން ދަންނަ ބޮޑު ސިއްރެކެވެ.
އެމެރިކާގެ ތާރީޚު ދުށް އެންމެ ޒުވާން ރައީސަކީ ޖޯން އެފް ކެނެޑީއެވެ. މިއީ އެމެރިކާގެ ރައްޔިތުންގެ މެދުގައި ވަރަށް މަޤްބޫލު ރައީސެކެވެ. ނަމަވެސް އެބޭފުޅާގެ މަރުގެ ހަޤީޤަތް މިއަދާ ހަމައަށް އައި އިރުވެސް މިވަނީ ބޮޑު އޮޅުންގަނޑެއްގެ ތެރޭގައެވެ.
ކެނެޑީގެ މަރުގެ ފަހަތުގައިވަނީ ހަމައެކަނި އޮސްވޯލްޑް ނަމަކަށް ކިޔާ ޒުވާނެއްކަމުގައި އެމެރިކާގެ ތަހުގީގި އިދާރާއިން ހާމަކުރެއެވެ. މިއީ އެމެރިކާގެ ގިނަބަޔަކު ގަބޫލު ކުރާ ވާހަކައެއް ނޫނެވެ. ހުދު އޮސްވޯލްޑް އޭނާ ގަޔަށް ބަޑި ޖހާ މަރާލުމުގެ ކުރިން އެކަން ދޮގުކުރިއެވެ. އޭނާ ބުނާގޮތުން އޭނާއަކީ އެފް.ބީ.އައި އިން މިމައްސަލަ ހިންދާލުމަށްޓަކައި އެ މައްސަލައިގެ ތެރެއަށް ފައްތާލި މީހެކެވެ. ގިނަ ތަޖްރިބާކާރުން އެބަސްވެލައްވަނީ އޮސްވޯލްޑް އަމިއްލައަށް މިފަދަ ކަމެއް ހިންގާ ރޭވުމަކީ ޤަބޫލުކުރެވޭނޭ ކަމެއްނޫން ކަމުގައެވެ. މީގެ ސަބަބުތައް ބައިވަރެވެ.
ކެނެޑީގެ ގަޔަށް ތިންވަޒަން އަރާފައިވެއެވެ. މިތިން ވަޒަން އަރާފައިވަނީ ތަފާތު ތިން އޭންގަލަކުންނެވެ. މިއީ ދިގު ވާހަކައެކެވެ. އެހެންކަމުން ބަޑިޖެހި އޭންގަލްގެ ވާހަކަ ބާއްވާފައި 7 ސުކުންތެއްހާ އިރު ތެރޭ އޮސްވޯލްޑް ކިހިނެއްތޯ ދުއްވާފައި ދިޔަ ކާރެއްގައި އިން މީހެއް ގަޔަށް ތިން ވަޒަން (ކޮންމެ ވަޒަނެއް ޖެހުމަށްފަހު ލޯޑްކުރަން ޖެހޭ ކަހަލަ ބަޑިއެއް) ފޮނުވާލީ؟ މިއީ ކުރެވިދާނޭ ކަމެއްތޯ ބެލުމަށްޓަކައި އެފް.ބީ.އައިގައި މަސައްކަތްކުރާ އެންމެ އަމާޒަށް ބަޑި ޖަހާ މީހުން ގެނެސް އޯސްވޯލްޑް ހުރި ކަމަށް ބުނާ ތަނަށް ގެން ގޮސް ކެނެޑީގެ ކާރު ކޮޅު އޮތް ދުރުމިނުގައި ކާރެއް ބާއްވާފައި (އިންޖީނު ނިވާ ހުއްޓާފަ) އެކާރަށް ދެވަނަ ވަޒަނެއް ފޮނުވާލާއިރު އެބުނާ ވަގުތު ހަމަވެއެވެ. އެހެން ކަމުން ދުއްވާފަދާ ކާރަކަށް ނުވަތަ މޫވިން އޮބްޖެކްޓަކަށް އެހާ އަވަސް ސިކުންތު ކޮޅެއްގެ ތެރޭ އެކަކަށް 3 ވަޒަން ސީދާ މިސްރާބަށް ފޮނުވާލުމަކީ ވުމަށް ވުރެ ނުވުން ގާތްކަމެއްކަން އެފް.ބީ.އައިން ކުރި ދިރާސާއިން ވެސް ގަބޫލުކުރެވުނެވެ.
ކެނެޑީގެ މަރާއި ގުޅިގެން ހިނގި އަނެއް އަޖައިބު ކަމަކީ އެބޭފުޅާގެ އާއިލާއާއި އެބޭފުޅާގެ ހަށިގަނޑު ހަވާލު ކުރިއިރު އެބޭފުޅާގެ ސިކުނޑި ވީހިސާބެއް ނޭނގުމެވެ. މިއަދާ ހަމައަށް ވެސް އެކަން އޮތީ ބޮޑު ސިއްރެއްގެ ގޮތުގައެވެ.
ކެނެޑީގެ އާއިލާގެ ފަރާތުން މަސައްކަތް ކުރި އަމިއްލަ އިންވެސްޓިގޭޓަރުން ބުނާގޮތުގައި ވޯރަން ކޮމިޝަންގެ ތަހުޤީޤުގައި އެމީހުންނަށް ދެއްކީ އަސްލު ކްރައިމް ސީނުގައި އެމީހުން ބަލާ އަތް ކޭތި އެއްޗިއްސެއް ނޫނެވެ. އަނެއްކޮޅުން މިއަދާ ހަމައަށް ވެސް ކެނެޑީގެ މަރުގެ މައްސަލައާއި ގުޅޭގޮތުން ދައުލަތުން އެއްވެސް މީހަކު ޝަރިއަތުގެ ކުރިމައްޗަށް ހާޒިރު ކުރެވިފައި ނެތެވެ. ނަމަވެސް ހިތްވަރުގަދަ މިނިވަން ޤާނޫނީ ވަކީލެއް ކަމަށްވާ ޖިމް ގެރިޝަން އެބޭފުޅާ އެއްކޮށްފައިވާ ހެކިތަކާއި މައުލޫމާތުގެ މައްޗަށް ބިނާކޮށް ތިން ގާޒީންގެ ހެކިބަސް ހޯދައި އެމެރިކާގެ ވިޔަފާރި ވެރިއެއްކަމުގައިވާ ކްލޭ ޝޯ ޝަރިޔަތުގެ ކުރިމައްޗަށް ހާޒިރު ކުރިއެވެ. ނަމަވެސް އެޝަރިއަތް ކާމިޔާބުވާ ގޮތެއް ނުވިއެވެ. މި އޮޅުވާލުމާއި މަކަރު އެމެރިކާގެ ރައްޔިތުންނަށް ނޭނގެނީ ހެއްޔެވެ؟ ނޫނީ މިކަން އެނގޭ ވަރަށްވުރެ އެމެރިކާގެ ރައްޔިތުން ގަމާރީ ހެއްޔެވެ.
އިނގިރޭސި ވިލާތުގެ ބޮޑުވަޒީރަކަށް ހުންނަވައި 2003 ވަނަ އަހަރު ސައްދާމު ހުސެއިންގެ ވެރިކަމާއި ދެކޮޅަށް އެމެރިކާނުންނާއި އެބަސްވެ އިނގިރޭސި ސިފައިން އިރާގަށް ފޮނުވާފައިވަނީ އިނގިރޭސި ޕާލިމެންޓް، ހައުސް އޮފް ކޮމަންސްއަށް އޮޅުވާލާއި ދޮގު މައުލޫމާތުތަކެއް ހުށައަޅައިގެނެވެ. އެގޮތުން ޕާލިމެންޓް މެންބަރުންނަށް އިރާގަކީ އިނގިރޭސިންނަށް އޮތް ނުރައްކަލެއް ނޫންކަމަށް ގަބޫލުކުރެވޭ ގަބޫލުކުރުން ބަދަލު ކުރުމުގެ ގޮތުން ޕީ.އެޗްޑީއަށް ކިވަމުން ދިޔަކުއްޖަކު އިރާގާއި ބެހޭގޮތުން ލިޔެފައިވާ ތީސީސެއްގެ ބައިތަށް ހިމަނައިގެން އެއީ އިނގިރޭސި ސިއްރު ސިފައިން އެއްކޮށްފައިވާ މައުލޫމާތުކަމަށް ބުނެ ޕާލިމެންޓާއި އެމައުލޫމަތު ހިއްސާކުރި ކަމަށްވެ އެވެ. އަދި ފަހުން އެއީ ސިއްރުފުލުހުން އެއްކުރި މައުލުމާތެއް ނޫންކަން ހާމަވެ އެކަން ވަރަށް ބޮޑު މައްސަލައަކަށް ވެސް ވިއެވެ.
ނަމަވެސް ތަހުޒީބާއި ތޫނުފިލި ހުޅަނގުގެ އިނގިރޭސިން ވެސް ތިބީ ވާނުވާ ނޭނގިފައެވެ. މީޑިޔާގެ މިނިވަންކަން ވެސް އޮތެވެ. ވަރަށް ފުންނާބު އުސް ނޫސްވެރިން ވެސް އެވާހަކަތައް ލިޔެ ހެދިއެވެ. ޓޯނީ ބްލެއަރއަށް ވީ އެއްވެސް ކަމެއް ނެތެވެ. އަދި ރައްޔިތުންނަށާއި ޕާލިމަންޓަށް އޮޅުވާލި އޮޅުވާލުމުން ވެސް ރެކިގަތެވެ. ފަނާކުރަނިވި ހަތިޔާރެއް ވެސް ނުފެނުނެވެ. އެކަންވެސް އެއީ ނުރަނގަޅު މައުލޫމާތެއްކަން ފަހުން އެމެރިކާއިން ވެސް އެއްބަސް ވިއެވެ. ކުރި މުޒާހަރާތަކުގެ ނަތީޖާ ކޮބާ ހެއްޔެވެ. މިލިޔަނުން ލަންޑަންގެ ޓްރެފެގަރ ސްކެއާއަށް އެއްވި މީހުނަށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ. ބްލެއަރ މިހާރުވެސް އެހުންނެވީ ދުނިޔޭގެ ބާރުތަކުން މެދުއިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެއްގެ ގޮތުގައެވެ.
އަވަށްޓެރި އިންޑިޔާއަށް ކުރު ކުރު ގޮތަކަށް ބަލާލަމާ ހިނގާށެވެ. ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ އެވެ. އިންޑިޔާގެ މީހުނަކީ އެމީހުންގެ އަމިއްލަވަންތަކަމާއި ގައުމިއްޔަތާއި އާދަ ކާދައަށް ވަރަށް ބަލާ ބައެކެވެ. އެކަމަކު އެމީހުންގެ އެންމެ ބޮޑު، މިއަދު ސަރުކާރު ހިންގާ ޕާޓީގެ ރައީސަކީ އިޓަލީއަށް އުފަން އިޓަލީގެ ބޭފުޅެކެވެ. ރަޖީވް ގަންދީގެ ހުވަފެން އަނބިކަނބަލުން ސޯނިޔާ ގާންދީއެވެ. ނެހެރޫގެ އާއިލާއާއި ގުޅުމުން އަމިއްލަވަންތަކަމާއި އާދަކާދަ ވެސް ފަހަނަ އަޅާ ދިޔައީއެވެ. 1.2 ބިލިޔަން އިންޑިޔާ މީހުންގެ ތެރެއިން ކަމުދާ ބޭފުޅަކު އެމަގާމަށް ހަމަ ނުފެނުނީ ތޯއެވެ. ނޫނީ އިންޑިޔާ މީހުން މޮޔައީތޯއެވެ. ނޫނީ އިންޑިޔާގައި ކިޔަވައިގެން ތިބި ތަންދޮރު ދަންނަ މީހުން ނެތީ ތޯއެވެ. ނޫނީ އެއީ ހުސް ގަމާރުން ހެއްޔެވެ. ތިޔަ ބޭފުޅުން މިސުވާލުތަކުގެ ޖަވާބު ތިބޭފުޅުންގެ ހިތުގައި ވަޒަން ކުރައްވާށެވެ.
އަޅުގަނޑުމެން ދިވެހިރާއްޖޭގައި ވެސް ކަންތައްތައް މިވަނީ ދުނިޔޭގެ އެހެން ތަންތާވެސް ކަންތައްތައްވާ ގޮތަށެވެ. ފައިސާވެރި ނުފޫޒުގަދަ ސިޔާސީ ބާރުތަކުން ބޭނުންވާ ގޮތްގޮތަށް ކަންކަން އަނބުރާލަނީއެވެ. އެމީހުންގެ މަސްލަހަތަށްޓަކައި އަޅުގަނޑުމެންގެ ދިޔަ ފެލާލަނީއެވެ. އެމީހުންގެ ފައިސާ އާއި ބާރު ބޭނުންކޮށްގެން އަޅުގަނޑުމެންގެ އަނގަ ބަންދު ކުރަނީއެވެ. އެމީހުންގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން ދޮގު ޚަބަރު ފަތުރަނީއެވެ. ދިވެހިންނަށް މިޤައުމުގައި ވާކަންތައްތައް ނޭނގޭ ވަރަށް ގަމާރު ކަމަށް ބުނަންޏާ، އެމެރިކާއާއި އިނގިރޭސިންނާއި އަދި އިންޑިޔާގެ އާންމު ރައްޔިތުންނަށް އެތަންތަނުގައި ހިނގާ ކަންތައްތައް ނުހުއްޓުވެނީ އެމީހުން ސީޔާސީ ގޮތުން ހަމަ ގަމާރުވީމަ ހެއްޔެވެ. އެހެނެއް ނޫނެވެ. ކުރެވޭނެ ކަމެއް ނެތި އަތްބަނދެވިފައި ވާތީއެވެ.