ކޮލަމްބޯ (އޮކްޓޯބަރު 30): އެމެރިކާއިން ސްރީލަންކާއަށްދޭ 480 މިލިއަން ޑޮލަރުގެ އެހީ ބޭނުން ކުރަން އެގައުމުގެ ކެބިނެޓުން ރުހުން ދީފި އެވެ.

ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ އެހީއަކީ ކޮލަމްބޯގައި ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށާއި ބަސް ދަތުރުގެ ހިދުމަތް ޒަމާނީ ކުރުމަށާއި މަގުތައް ހެދުމަށާއި ބިން ދޫކުރުމުގެ މަޝްރޫއުތަކަށް ހަރަދު ކުރުމަށް ދޭ ފައިސާ އެވެ. އަދި އެ އެހީގެ ދަށުން ހިންގާ މަޝްރޫއުތައް ބަލަހައްޓާނީ ލަންކާއިން ކަމަށް ވެސް އެބަޔާނުގައިވެ އެވެ.

މީގެ ކުރިން އެމެރިކާ އިން ވަނީ އެ އެހީ ދިނުން ހުއްޓުވާފަ އެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރައީސް މައިތިރިޕާލާ ސިރިސޭނާ ކުއްލި ގޮތަކަށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މަގާމުން ދުރު ކުރައްވާ، ގާނޫނު ހަދާ މަޖިލީސް އުވާލެއްވުމުންނެވެ. ނަމަވެސް އެއީ ގާނޫނު ހިލާފަށް ސިރިސޭނާ ކުރެއްވި ކަމެއް ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން، ވިކްރަމަސިންހަ އަނެއްކާ ވެސް ބޮޑުވަޒީރު ކަމަށް އައްޔަން ކުރި އެވެ.

އޭގެ ފަހުން ވެސް އެ ދެ ބޭފުޅުންގެ ގުޅުން ރަނގަޅުވެފައި ނުވެ އެވެ. އަދި ސިރިސޭނާ ވަނީ އެމެރިކާގެ އެހީ ގަބޫލު ކުރައްވަން މީގެ ކުރިން ދެކޮޅު ހައްދަވާފަ އެވެ.

ނަމަވެސް ސިރިސޭނާ ހިމެނިވަޑައިގަންނަވާ ކެބިނެޓުން އިއްޔެ ވަނީ އެ އެ އެހީ ބޭނުން ކުރަން ރުހުން ދީފައި ކަމަށް ފިނޭންސް މިނިސްޓަރު މަންގަލަ ސަމަރަވީރަ ވިދާޅުވި އެވެ. އަދި އެ އެހީގެ ދަށުން ހިންގާ މަޝްރޫއުތައް ފަށާނީ އަންނަ އަހަރު ކަމަށް ވިދާޅުވެފަ އެވެ.