30 Oct 2019, 13:35
ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް މަހާޒު އައްޔަން ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފައަކަށް އެދިލެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ. ރައީސް ހުށަހެޅުއްވި ނަމާއެކު ފަނޑިޔާރު ކަމަށް ކުރިމަތިލީ ފަރާތްތަކާ އިންޓަވިއުކޮށް ޖޭއެސްސީއިން ރައީސަށް ފޮނުވީ މަހާޒުގެ އިތުރުން ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދުގެ ނަމެވެ.
އެ ދެނަން ރައީސް ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފަ އެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިންވެސް ނިންމީ މަހާޒާއި ދިޔާނާގެ ނަން ތަޅުމަށް ހުށަހަޅައި ތަޅުމުން ގޮތެއް ނިންމަން ދޫކޮށްލުމަށެވެ.
މިއަދު މަޖިލީހުގެ މަހާޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން ފެންނަ ކަމަށް 55 މެމްބަރުން ވަނީ ވޯޓު ދީފަ އެވެ.
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަކީ އަބްދުﷲ ދީދީ މަގާމުން ވަކިކުރުމުން ހުސްވި މަގާމެކެވެ. އަބްދުﷲ ދީދީ ވަކިކުރީ އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ، އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަނުކުރަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފަހު އެ މަޖިލީހުން ރުހުން ހޯދުމަށް ފަހު އެވެ.