30 Oct 2019, 13:05
ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރު އައްޔަން ކުރުމަށް ވޯޓު ދިނުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ތްރީލައިން ވިޕެއް ނެރެފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް މަހާޒު އައްޔަން ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފައަކަށް އެދިލެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ. ރައީސް ހުށަހެޅުއްވި ނަމާއެކު ފަނޑިޔާރު ކަމަށް ކުރިމަތިލީ ފަރާތްތަކާ އިންޓަވިއުކޮށް ޖޭއެސްސީއިން ރައީސަށް ފޮނުވީ މަހާޒުގެ އިތުރުން ކުރީގެ ބަނޑާރަނައިބު ދިޔާނާ ސައީދުގެ ނަމެވެ.
އެ ދެނަން ރައީސް ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފަ އެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިންވެސް ނިންމީ މަހާޒާއި ދިޔާނާގެ ނަން ތަޅުމަށް ހުށަހަޅައި ތަޅުމުން ގޮތެއް ނިންމަން ދޫކޮށްލުމަށެވެ.
މިއަދު މެންދުރު އެމްޑީޕީއިން ބޭއްވި ޕީޖީ ގުރޫޕުގެ ބައްދަލުވުމުގައި މެމްބަރުންގެ ވޯޓުން ނިންމީ މަހާޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަނު ކުރުމަށް ތްރީލައިން ވިޕެއް ނެރުމަށެވެ. އެމައްސަލާގައި ވޯޓަށް އެހުން އޮންނާނީ މިއަދުގެ ޖަލްސާގައި މެންދުރު 1:30 ގަ އެވެ.
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަކީ އަބްދުﷲ ދީދީ މަގާމުން ވަކިކުރުމުން ހުސްވި މަގާމެކެވެ. އަބްދުﷲ ދީދީ ވަކިކުރީ އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ، އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަނުކުރަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފަހު އެ މަޖިލީހުން ރުހުން ހޯދުމަށް ފަހު އެވެ.