އައްޒިންތާން (ނޮވެމްބަރ 20) : އަވަހާރަކޮށްލާފައިވާ ލީބިޔާގެ ކުރީގެ ޒަޢީމް މުޢައްމަރުލް ޤައްޒާފީގެ ދަރިކަލުން ސައިފުލްއިސްލާމްގެ މައްޗަށް އިންސާފުވެރި ގޮތެއްގައި ޝަރީޢަތް ހިންގުމަށް ލީބިޔާގައި ވެރިކަންކުރާ ޤައުމީ އިންތިޤާލީ މަޖިލީހުން ވަޢްދުވެއްޖެވެ.

އިންތިޤާލީ މަޖިލީހަށް ނިސްބަތްވާ ލީބިޔާގެ ހަނގުރާމަވެރިން ބުނިގޮތުގައި ސައިފުލްއިސްލާމް އިއްޔެ މެންދުރެއްހާއިރު ހައްޔަރުކުރީ ލީބިޔާގެ ހުޅަނގު ދެކުނުގެ ރަށެއް ކަމަށްވާ އުބާރީގެ ކައިރީގައި އޭނާގެ ބައެއް ހަށިފާރަވެރިންނާއެކު ހުންނަވަނިކޮށެވެ. އުމުރުން 39 އަހަރުގެ ސައިފް ހުންނެވީ އެސަރޙައްދުގައި ދިރިއުޅޭ ތަވާރިޤް ޤަބީލާގެ މީހުން ބޭނުންކުރާ ބަދަވީ ހެދުމެއް ތުރުކުރައްވައިގެންނެވެ.

ސައިފްއާއި އޭނާގެ ހަށިފާރަވެރިން ހައްޔަރުކުރީ ލީބިޔާގެ ހަނގުރާމަވެރިންގެ އަބޫބަކްރުއްސިއްދީޤް ފައުޖުގެ ދަށުން ޙަރަކާތްތެރިވި ޚާލިދްބިންވަލީދު ޢަސްކަރީ ގުރޫޕަށް ނިސްބަތްވާ ހަނގުރާމަވެރިންނެވެ. ސައިފް އާއި އޭނާގެ ހަށިފާރަވެރިން ހައްޔަރުކުރުމުގެ ކަންތައް ދިޔައީ ތަޅާފޮޅުމާއި ލޭއޮހޮރުވުންނެތި ސުލްޙަވެރިގޮތަކަށް ކަމަށް އިންތިޤާލީ މަޖިލީހުގެ މެންބަރެއް ކަމަށްވާ މޫސާއަލްކޫނީ ވިދާޅުވިއެވެ.

ސަިއފް ހައްޔަރުކުރުމަށްފަހު ޢަސްކަރީ ހެލިކޮޕްޓަރެއްގައި ހަނގުރާމަވެރިންވަނީ ލީބިޔާގެ ސިޓީއެއް ކަމަށްވާ އައްޒިންތާންއަށް އޭނާ ގެންގޮސްފައެވެ. ސައިފް ދަތުރުކުރެއްވި ހެލިކޮޕްޓަރު ޒިންތާންގައި ޖެއްސުމާއެކު އެރަށުގެ ޢާންމުންގެ ބަޔަކުވަނީ އެހެލިޕޮޓަރަށް ގަދަބާރުން އަރައި ސައިފަށް ޙަމަލާދޭން މަސައްކަތް ކޮށްފައެވެ. ސައިފް ހައްޔަރުކުރިއިރު އޭނާގެ އަތުގައި އަޅާފައިވާ ބޭސްގަނޑަކީ ނޭޓޯގެ ވައިގެ ޙަމަލާއެއްގައި ޒަޚަމްވެގެން އަޅާފައިވާ ބޭސްގަނޑެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ލީބިޔާގެ ބޮޑުވަޒީރު ކަމަށް އިޚްތިހާރު ކޮށްފައިވާ ޑރ. ޢަބްދުއްރަޙީމް އަލްކީބް ވިދާޅުވީ ސައިފްއާމެދު މުޢާމަލާތްކުރާނީ އިންސާފުވެރި އަދި އިސްލާމީ އަޚްލާޤާއެއްގޮތްވާ ގޮތުގެ މަތިންކަމުގައެވެ. ލީބިޔާއިން ސައިފްގެ މައްޗަށް އިންސާފުވެރި ގޮތެއްގައި ޝަރީޢަތް ހިންގަން ބޭނުންވާއިރު ބަިއނަލްއަޤްވާމީ ޖިނާއީ ކޯޓުންވެސްވަނީ އިންސާފުވެރި ގޮތެއްގައި ސައިފްގެ މައްޗަށް ޝަރީޢަތް ހިންގާނެ ކަމަށް ބުނެފައެވެ.

ސައިފް، ބައިނަލްއަޤްވާމީ ޖިނާއީ ކޯޓާ ޙަވާލުކުރުމަށް އެކޯޓުގެ ޕްރޮސެކިއުޓަރ ޖެނެރަލް ލުއިސް އޮކަންބޯ އިއްޔެ ލީބިޔާއަށް ގޮވާލެއްވިނަމަވެސް ލީބިޔާގެ އިންތިޤާލީ މަޖިލީހުންބުނީ ސައިފްގެ މައްޗަށް ޝަރީޢަތް ހިންގާނީ ލިބިޔާގެ ކޯޓްތަކުގައި ކަމުގައެވެ. ލީބިޔާ މިހެން ބުނުމުން މިމައްސަލާގައި އިންތިޤާލީ މަޖިލީހާއެކު މަޝްވަރާ ކުރުމަށްޓަކައި އަންނަ ހަފްތާގައި ލިބިޔާއަށް ޒިޔާރަތް ކުރައްވާނެ ކަމަށް އޮކަމްބޯ ވިދާޅުވިއެވެ.

ސައިފްގެ މައްޗަށް ޝަރީޢަތް ހިންގުމުގެ މައްސަލާގައި ލީބިޔާގެ އިންތިޤާލީ މަޖިލީހާއި ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު ގެންދަނީ އަރާރުންވަމުންނެވެ. އުމުރުން 39 އަހަރުގެ ސައިފްއަކީ އިނޖިނޭރިންގެ ރޮނގުން އިނގިރޭސިވިލާތުން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ހައްދަވާފައިވާ ބޭފުޅެކެވެ. -- އަލްޖަޒީރާ