އަހަރީ ފީ ނުދައްކައިގެން 1000 އަށް ވުރެ ގިނަ ކުންފުނި އުވާލަން އިކޮނޮމިކް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އާންމުކުރި އުވާލާ ކުންފުނިތަކުގެލިސްޓުގައިހިމެނެނީ 2012 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރުގެ ނިޔަލަށް ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން އަހަރީ ފީ ނުދައްކާ 1200 ކުންފުންޏެކެވެ.

އެކުންފުނިތައް އުވާލަން ނިންމާފައިވަނީ ކުންފުނި އުވާލުމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީޒް ކަނޑައަޅައި، ކުންފުނިތައް އުވާލުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެވެ.

އެ ލިސްޓުގައި ހިމެނޭ އެއްވެސް ކުންފުންޏެއް ހިންގަން ބޭނުންވާ ނަމަ، އެކުންފުންޏަކުން ފުރިހަމަ ކުރަންޖެހޭ އެންމެހާ އިލްތިމާޒްތައް ފުރިހަމަ ކުރުމަށްފަހު، އެކަން އަންގައިދޭ ލިޔެކިޔުންތަކާއެކު އަންނަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ކުރިން ރެޖިސްޓްރާ އޮފް ކޮމްޕެނީސްއަށް ހުށަހަޅަން ޖެހޭނެ އެވެ.

އެ ލިޔެކިޔުންތަކާއެކު ކުންފުނި ހިންގަން ބޭނުންވާކަން އަންގައިދިނުމަށް އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކުރާ ގަރާރެއް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބަޔާންކޮށްފަ އެވެ.