ހއ. އަތޮޅާއި ޅ. އަތޮޅާ ދެމެދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ސްރީލަންކާއާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށް މެޓް އޮފީހުން މިއަދު ވަނީ ބުނެފަ އެވެ. އަދި މުޅިރާއްޖެއަށްވެސް އެ ވިއްސާރައިގެ އަސަރު ކުރާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މިރޭ މެޓް އޮފީހުން ވަނީ ބައެއް ސަރަހައްދު ޔެލޯ އެލާޓު އަދި އަނެއްބައި ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައެވެ. ހއ. އަތޮޅާއި ޅ. އަތޮޅާއި ދެމެދަށް ޔެލޯ އެލާޓް ނެރެފައިވަނީ މިރޭ 11:30 އިން ފެށިގެން ހަވީރު ހަތަރަކާއި ހަމައަށެވެ. ޔެލޯ އެލާޓްގެ މާނައަކީ ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ކަނޑުމަތިން ނުކުރުމެވެ.

އޭގެ އިތުރުން ކ. އަތޮޅާއި އަައްޑޫ ސިޓީއާ ދެމެދަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ. އެއީ މިރޭ 11:30 އިން ފެށިގެން ފަތިހު ފަހެއް ޖެހުމާ ހަމައަށެވެ. ވައިޓް އެލާޓްގެ މާނައަކީ މޫސުމަށް ބަލައިގެން ދަތުރުކުރުމަށެވެ.

މިރޭ 40 މޭލާ 45 މޭލާ ދެމެދަށް ވައިގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާ ކުރެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ލަފާކުރާ މޫސުން

  • ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ
  • ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވޭ
  • ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ
  • އެހެން ހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ
  • ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވޭ
  • ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް

މެޓް އޮފީހުން އިލްތިމާސް ކުރަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށެވެ.