19 Nov 2011, 20:34
ފުވައްމުލަކު މެދު ދާއިރާގެ ބައި އިލެކްޝަން އަމިއްލަ ގޮތުން ކުރިމަތިލެއްވި ޕީޕީއެމްގެ މެމްބަރު ކާމިޔާބުކުރެއްވެވި އިރު ހިމަންދޫ ކައުންސިލާއި ބިލެއްދޫ ދާއިރާ ބައި އިލެކްޝަން ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓުން ކާމިޔާބު ކުރައްވައިފި އެވެ.
އެމްޑީޕީއަށް ދެ ގޮނޑި އަދި ޕީޕީއެމްގެ މެންބަރަށް ގޮނޑިއެއް ލިބުނު އިރު އިދިކޮޅު ޕާޓީތަކުގެ ތެރެއިން އެންމެ މެންބަރުން ގިނަ ޑީއާރްޕީއަށް ގޮނޑިއެއް ކާމިޔާބެއް ނުވި އެވެ.
ތިން ކައުންސިލެއްގެ ބައި އިލެކްޝަންގެ ނަތީޖާ މިރޭ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރިއިރު ޏ. އަތޮޅު ކައުންސިލް ފުވައްމުލަކު މެދު ދާއިރާ ކާމިޔާބުކުރީ އަމިއްލަ ގޮތުން ކުރިމަތިލެއްވެވި ޕީޕީއެމް މެމްބަރު މާލެގަމު ހުނުބޮލި، ޢަބްދުﷲ މުޙައްމަދު ދީދީއެވެ. އޭނާ އަށް ލިބިލިބިލެއްވީ861 ވޯޓެވެ. ދެ ވަނައަށް ދިޔަ އެމްޑީޕީގެ ކެނޑިޑޭޓް މާލެގަން ސެންޓްގޭ މުޙައްމަދު ޢަބްދުﷲދީދީ އަށް ލިބިލެއްވީ 750 ވޯޓެވެ. އިދިކޮޅި ޑީއާރްޕީގެ ފަރާތުން ވާދަކުރެއްވި ކެނޑިޑޭޓޭ މިސްކިތްމަގު ލިލީގެ، މުޙައްމަދު ޢަލީ (ފޮންޓާނާ) އަށް ލިބުނީ 19 ވޯޓުއެވެ.
ފ. އަތޮޅު ކައުންސިލް ބިލެތްދޫ ދާއިރާ ކާމިޔާބުކުރީ އެމްޑީޕީ ކެނޑިޑޭޓް ފީއަލީ އަތިރީގެ، އިބްރާހީމް ނަޢީމްއެވެ. އޭނާއަށް ލިބިލެއްވީ 674 ވޯޓެވެ. ދެވަނައަށް ދިޔަ ޖުމްހޫރީ ޕާޓީން ވާދަކުރެއްވި ކެންޑިޑޭޓް ފީއަލީ ދުއްލިސާގެ، މުޙައްމަދު މުޞްޠަފާ އަށް ލިބިވަޑައިގަތީ 539 ވޯޓެވެ. ތިން ވަނައަށް ދިޔަ އަމިއްލަ ގޮތުން ވާދަކުރެއްވި ފީއަލީ ހިރުނދުމާގޭ، ޢަލީ ޒާހިރުއަށް ލިބިވަޑައިގަތީ 68 ވޯޓެވެ.
އއ. އަތޮޅު ހިމަންދޫ ކައުންސިލުން ހުސްވި ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެނޑިޑޭޓް ހިމަންދޫ ފައިންޝޭޑް ޝިމާލް އިބްރާހިމް އެވެ. އެނާ އަށް ލިބިލެއްވީ 195 ވޯޓެވެ. އަމިއްލަ ގޮތުން، ކުރިމަތި ލާފައިވާ ނޫމަރާގެ، ހިމަންދޫ، އަފްރާޙު ޢާދިލްއަށް ލިބިލެއްވީ 116 ވޯޓްއެވެ.
ވަގުތީ ނަތީޖާ އިއުލާން ކުރުމަށް ފަހު އިލެކްޝަން ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ ބައި އިލެކްޝަނާ ބެހޭ ގޮތުން ފޯނުން ބައެއް ޝަކުވާ ހުށައަޅާފައިވާ ކަމަށާއި
ފޯނުން ހުށައަޅާ ޝަކުވާ ތަކަކީ ބެލޭނެ ސަކުވާތަކެއް ނޫންކަމަށް އެފަރާތްތަކަށް ދަންނަވާފައިވާނެ ކަމަށެވެ. އަދި ޝަކުވާތައް ލިޔުމުން ހުށައެޅުއްވުމުން ބައްލަވާނެ ކަމަށް ވެސް ފުވާދު ވިދާޅުވި އެވެ.