29 Oct 2019, 17:28
ލ. ގަމާއި ފުނަދޫ ގުޅުވައިދޭ ލިންކް ރޯޑުގެ އެއްކޮޅުން އަނެއް ކޮޅަށް ފެންފޯއް ރުއް ޖެހުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
ފެންފޯއް ރުއް އިންދުމުގެ ޕްރޮގްރާމަކީ ފޮނަދޫގެ ޖަމިއްޔާއެއްކަމުގައިވާ ފޮނަދޫ އެންވަޔަރަމެންޓް އެންޑް ސަސްޓޭނަބަލް ޑިވަލޮޕްމެންޓް (ފެސްޑް)އިން އިސްނަގައިގެން ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ފެށި ޕްރޮގްރާމެކެވެ.
އެގޮތުން ރުއް އިންދުމުގެ އެ ޕްރޮގްރާމް މިއަދު ފައްޓަވައި ދެއްވީ ލ.އަތޮޅު ކައުންސިލުގެ ރައީސް އަބްދުﷲ ޝަރީފެވެ.
ފެސްޑުގެ މެމްބަރުން ރުއް އިންދަން ފަށާފައިވާއިރު، ލާމު ލިންކް ރޯޑުގެ ފޮނަދޫ ސަރަހައްދުގައި މިހާރު ވަނީ ރުއް އިންދާ ނިންމާލާފައެވެ. އެ މަސައްކަތަކީ ފެސްޑުން މުޅި ލ. އަތޮޅުގައި ހިންގާ އެކިއެކި ތިމާވެށީގެ ޕްރޮގްރާމްތަކުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެއްކަން އެ ސޮސައިޓީގެ ރައީސް އަބްދުލްއަޒީޒް ވިދާޅުވިއެވެ.

ލ. ލިންކް ރޯޑްގައި ރުއް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން --- ފޮޓީ: ފެސްޑް
"ފެސްޑަކީ އުފެދުނުތާ މާ ގިނަ ދުވަސްތަކެއް ވެފައިވާ ކޮމިއުނިޓީއެއް ނޫން ނަމަވެސް، މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް އެބަދޭ މިހާރުވެސް. ވަރަށް ބޮޑަށް ތިމާވެށީގެ އެވެއާނެސް އިތުރުކުރުމުގެ ގޮތުން، ބޮޑެތި ބަދަލުތަކަކާ ދިމާލަށް ޖަމިއްޔާގެ މިސްރާބު މިހާރުވެސް މިހުރީ. ރުއް އިންދުމުގެ ފުރަތަމަ ފޭސް މި ނިންމާލެވުނީ، ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި މުޅި މަގުގައި އެއްކޮޅުން އަނެއް ކޮޅަށް ރުއް ޖަހާ ނިންމާލެވޭނެ. މިކަހަލަ ކުދިކުދި ކަންތަކުންވެސް ވަރަށް ބޮޑަށް މީހުންގެ ވިސްނުމަށް ބަދަލުތަކެއް އެބަ ގެނެވޭ. އެހެންވީމަ ކުރިއަށް އޮތްތަނުގައި ބޮޑެތި ޕްރޮޖެކްޓްތަކަކަށް ވާނީ އަމާޒު ހިފާފައި،" އަޒީޒު ވިދާޅުވިއެވެ.
ލާމު ލިންކް ރޯޑަކީ 17 ކިލޯ މީޓަރުގެ ދިގު މަގެކެވެ. ލ. ގަން-ފޮނަދޫ ސަރަހައްދަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އެއްފަސް ސަރަހައްދުވެސް މެއެވެ.

ލ. ލިންކް ރޯޑްގައި ރުއް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން --- ފޮޓީ: ފެސްޑް
ފެސްޑަކީ މީގެ މަހެއްހާ ދުވަސް ކުރިން ވުޖޫދަށް އައި ޖަމިއްޔާއެއް ކަމުގައި ވިޔަސް ތިމާވެއްޓާއި ރައްޓެހި އަދި ދިވެހި ސަގާފަތް ދިރުވާ އާލާކުރުމަށް ބިޔަ ޕްރޮޖެކްޓުތަކެއް ފެށުމަށް އެ ޖަމިއްޔާއިން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ފެސްޑްއިން ހިންގުމަށް ރޭވިފައިވާ ޒީރޯ ޕުލާސްޓިކް ޕުރޮގުރާމް އަދި ފެހިމަލަ އެވޯޑް ވަނީ މިނިސްޓަރ އޮފް އެންވައިރަމެންޓް ޑރ. ހުސައިން ރަޝީދު މިމަހުގެ ތެރޭގައި އިފްތިތާހުކޮށްދެއްވާފައެވެ. އަދި ކުރިއަށްއޮތް ނޮވެމްބަރ 11 ވަނަ ދުވަހު ފެސްޑް ކޮރަލް ސެންޓަރުން، މުރަކަ އަލާކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް ފެސްޑްގެ ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ދިވެހި ސަގާފަތް ދިރުވާ އާލާކުރުމުގެ ގޮތުން ސަގާފީ އާސާރުތަށް އެއްތަނަކުން ދައްކުވައި ދިނުމަށް ވޮޑަދޮނަ ދިވެހިރާއްޖެ ދާރުލްއާސާރު ކޮންސެޕްޓު ތައްޔާރުކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން މިނިސްޓަރ އޮފް ހެރިޓޭޖް އެންޑް އާރޓް ޔުމްނާ މައުމޫނާއެކު މަޝްވަރާ ކުރެވިފައިވާ ކަމަށްވެސް ރައީސް ހާމަކޮށް ދެއްވިއެވެ.