19 Nov 2011, 20:16
އަންނަ މަހުގެ ދޭކުން 11 އަށް އިންޑިއާގެ ވެރިރަށް ދިއްލީގެ ނެހްރޫ ސްޓޭޑިއަމްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ދިވެހި ޓީމަށް ސަޕޯޓް ކުރުމުގެ ގޮތުން ސޮނީ ސްޕޯޓްސް ފިހާރައިން "ޖޯޒީ ސެލާ" އެއް މިމަހުގެ 26 ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
ސޮނީ ސްޕޯޓްސް ފިހާރައިގެ މާކެޓިން އެގްޒެކެޓިވް އޮފިސާ އަރުޝަދު ޒުހައިރު ވިދާޅުވީ، މިފަހަރުގެ މުބާރާތަށް ސޮނީ ސްޕޯޓްސް ފިހާރައިން ތައްޔާރީތަކެއް ވަމުން އަންނަ އިރު، ބޮޑަށް ބަލާފައި ވަނީ ދިވެހި ޓީމަށް ސަޕޯޓް ކުރުމަށް ލާ ޖޯޒީ ގަންނަން ލިބޭނެ "ޖޯޒީ ސެލާ" ހުޅުވައިލުން ކަމަށެވެ. ޖޯޒީ ސެލާ މިމަހުގެ 26 ވަނަ ދުވަހުން މުބާރާތް ނިމެންދެން ކުރިއަށްގެންދާނެ ކަމަށް ވެސް ބުންޏެވެ.
"ސަޕޯޓަރުންގެ ޖޯޒީ ލިބެން ހުންނާނީ ހަމައެކަނި ސޮނީ ސްޕޯޓްސް ފިހާރައިން. އެހެންތާކުން ލިބޭކަށް ނުހުންނާނެ. ސަޕޯޓަރުންގެ ޖޯޒީގައި އެފްއޭއެމްގެ ލޯގޯއާއި ކުޅުންތެރިންގެ ނަމާއި ޖޯޒީ ނަންބަރު ވެސް ހުންނާނެ. ޖޯޒީގައި ބޭނުން ކުރާ އެފްއޭއެމްގެ ލޯގޯވެސް ހުންނާނީ ހަމައެކަނި ސޮނީއިން ވިއްކާ ޖޯޒީ ތަކުގައި. އަޅުގަނޑުމެން މިކަން ކުރަނީ އެފްއޭއެމް އާއެކު ހަދާފައިވާ އެގްރިމެންޓެއްގެ ދަށުން" އަރުޝަދު ވިދާޅުވިއެވެ.
އަރުޝަދު ވިދާޅުވީ، ދިވެހި ޓީމަށް ސަޕޯޓްކުރުމަށް ދިވެހިން ލާ ޖޯޒީ ސެލާ ކެމްޕޭން ފެށިގެން ކުރިއަށްދާއިރު، ހުރިހާ އުމުރު ފުރައަކަށް ހެޔޮވަރުގެ ޖޯޒީ ލިބެން ހުންނާނެ ކަމަށާއި ކެމްޕޭންގެ ތެރެއިން ތާފާތު ގިފްޓުތައް ވެސް ސަޕޯޓަރުންނަށް ލިބޭނެ ކަމަށެވެ.
"ހުރިހާ ސަޕޯޓުރުން ނަށް ވެސް ޖޯޒީ ލިބޭނެ. މިފަހަރުގެ ސަޕޯޓަރުންގެ ޖޯޒީއަކީ މުބާރާތުގައި ޤައުމީ ޓީމްވެސް ލާނެ ޖޯޒީ" އަރުޝަދު ވިދާޅުވިއެވެ.
އެފްއޭއެމްގެ އެކިއެކި ކުޅިވަރު ތަކުގައި ބޭނުން ކުރާ ސާމާނު ހަމައެކަނި ރާއްޖެއިން ލިބެން ހުންނަ ފިހާރައަކީ ސޮނީ ސްޕޯޓްސް އެވެ.
މިދިޔަ އަހަރު އިންޑިއާގައި ކޮމެންވެލްތް ގޭމްސް ބޭއްވި ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމް ގައި މިފަހަރުގެ މުބާރާތް ބާއްވާއިރު، އެދުވަހުގެ ދެވަނަ މެޗުގައި ނުކުންނަ ދެޓީމަކީ ރާއްޖެއާ ނޭޕާލެވެ. މިމެޗް ކުޅެނީ ރާއްޖެ ގަޑިން 5:30 ގައެވެ.
މިފަހަރުގެ މުބާރާތުގައި ރާއްޖެ ފަޅީގައި ހިމެނޭ ޤައުމުތަކަކީ ބަންގްލަދޭޝް އާއި ނޭޕާލް އަދި ޕާކިސްތާނެވެ.
މިމުބާރާތުގެ ތަށި ރާއްޖެ ހޯދާފައި ވަނީ 2008 ވަނަ އަހަރު އިންޑިއާތުން 1-0 ލަނޑުން މޮޅުވެގެންނެވެ. މެޗުގައި ދިވެހި ޓީމަށް ލަނޑު ކާމިޔާބު ކޮށްދިން ހަމައެކަނި ކުޅުން ތެރިޔަކީ އއ. ތޮއްޑޫއަށް އުފަން މުހުތާރު ނަސީރު ޓޫކިލޯއެވެ.