29 Oct 2019, 14:57
ވޮޝިންޓަން (އޮކްޓޯބަރު 29): އައިއެސް ޖަމާއަތުގެ ލީޑަރު އަބޫބަކުރު އަލް ބަޣުދާދީގެ ހަށިގަނޑުގެ ބައިތައް ކަނޑު ފައްތައިފި ކަމަށް އެމެރިކާގެ ޕެންޓަގަންގެ އޮފިޝަލަކާ ހަވާލާދީ އޭއެފްޕީން ރިޕޯޓުކޮށްފި އެވެ.
އޭއެފްޕީގައިވާ ގޮތުން މިދިޔަ ހޮނިހިރު ދުވަހު މަރުވި ބަޣުދާދީގެ ހަށިގަނޑުގެ ބައިތައް ކަނޑު ފައްތާފައި ވަނީ ކޮން އިރަކު ކޮން ސަރަހައްދެއްގައި ކަމެއް ޕެންޓަގަންގެ އޮފިޝަލު ވިދާޅުނުވެ އެވެ.
ނަމަވެސް ޔޫއެސް ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން، ޖެނެރަލް މާކް މިލޭ ވަނީ ބަޣުދާދީގެ ހަށިގަނޑާ މެދު އަމަލުކޮށްފައި ވަނީ އެފަދަ ހާލަތްތަކުގައި އަސްކަރިއްޔާއިން ގެންގުޅޭ ޕްރޮސީޖާއަށް އެއްގޮތަށް ކަމަށް ވިދާޅުވެފަ އެވެ.
އެހެންކަމުން އެމެރިކާގެ މީޑިއާތަކުން ލަފާ ކުރާ ގޮތުގައި ބަޣުދާދީގެ ހަށިގަނޑުގެ ބައިތައް ވަނީ، 2011 ވަނަ އަހަރު އެމެރިކާއިން އަލްގައިދާގެ ލީޑަރު އުސާމާ ބިއްލާދީން މަރާލި ފަހުން އޭނާގެ ހަށިގަނޑި ފައްތާލި ގޮތަށް ފައްތާފަ އެވެ.
މިދިޔަ އާދިއްތަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި ބަޣުދާދީ މަރުވެފައި ވަނީ އެމެރިކާގެ އަސްކަރިއްޔާ އިން ސީރިއާގެ ބަރީޝާގައި ހިންގި އޮޕަރޭޝަނެއްގަ އެވެ. އަދި އޭނާ މަރުވީ ގޮވާތަކެތި ހަރުކޮށްފައިވާ ކަމަރެއް ގޮއްވާލައިގެން އަމިއްލައަށެވެ. އޭނާއާ އެކު އޭނާގެ ތިން ކުޑަކުދިން ވެސް މަރުވި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އައިއެސްއަކީ ފަހުގެ ތާރީޚުގައި އިސްލާމީ ދުނިޔޭގައި އުފެދުނު އެންމެ ހަރުކަށި އެންމެ މުއްސަނދި އަދި ނުރައްކާތެރި ޖަމާއަތެވެ. މިޖަމާއަތް 2012 ވަނަ އަހަރު އާދަޔާ ޚިލާފު ބާރުމިނެއްގައި ކުރިއަރަމުން ގޮސް 2014 ވަނަ އަހަރު އިރާގާއި ސީރިޔާގެ ބޮޑުބައި ހިފައި އިސްލާމީ ޚިލާފަތުގެ ނަމުގައި ތަކްފީރީ ވިސްނުމުގެ ވެރިކަމެއް ވެސް އިއުލާންކުރި އެވެ.
އަދި 29 ޖޫން 2014ގައި ބަޣުދާދީ، އިރާގުގެ މޫސަލްގެ ނޫރީ މިސްކިތުގައި އިސްލާމީ ޚިލާފަތެއް އިއުލާނުކޮށް، އޭނާއަކީ މުސްލިމުންގެ ޚަލީފާކަމަށް އިއުލާނުކުރި އެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުގެ މުސްލިމުން އެ ދައުލަތަށް ހިޖުރަކުރުމަށާއި މުދަލާއި ނަފްސާ އަދި ދުއާއިން އެދައުލަތަށް ވާގިވެރިވުރުމަށް އޭނާ ގޮވާލި އެވެ.
ނަމަވެސް ހަމަ އެ އަހަރު އެމެރިކާ އިސްވެ އޮންނަ ކޯލިޝަނަކުން އިރާގާއި ސީރިއާގައި އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރަން ފެށި އެވެ. އަދި 2017 ވަނަ އަހަރު އިރާގުން އައިއެސްގެ ޚިލާފަތު ނައްތާލާފައިވާ ކަމަށް އެގައުމުގެ އޭރުގެ ބޮޑުވަޒީރު ހައިދަރު އަލް އާބާދީ އިއުލާން ކުރެއްވި އެވެ. އަދި ސީރިއާގައި އެމެރިކާގެ އެހީއާ އެކު އައިއެސްއާ ހަނގުރާމަ ކުރި ސީރިއަން ޑިފެންސް ފޯސެސް (އެސްޑީއެފް)އިން، އެގައުމުންވެސް އައިއެސްގެ ޚިލާފަތު ނިމުމަކަށް ގެނެސްފައިވާ ކަމަށް މިދިޔަ މާޗް މަހު އިއުލާން ކުރި އެވެ.