29 Oct 2019, 13:12
ގައުމީ ދުވަހުގެ މުނާސަބަތުގައިި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފި އެވެ.
މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް އާއި ދައުލަތުގެ ވަޒީރުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތިގައި ހާއްސަ ދުއާއެއް ކުރުން ވެސް އޮތެވެ. އިސްވެ މި ދުއާ ކޮށްދެއްވީ އިސްލާމީ މަރުކަޒުގެ އިމާމް ޝައިހް ނަސްރުﷲ އަލީ އެވެ.
ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ރަބީއުލްއައްވަލް މަހުގެ ފުރަތަމަ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ ޕޯޗުގީޒުންގެ އަނިޔާވެރިކަމުން ދިވެހި ގައުމު މިނިވަން ކުރުމަށް ބޮޑު ތަކުރުފާނު ކުރެއްވި މިންނެތް މަސައްކަތުގެ ހަނދާން އާކުރުމުގެ ގޮތުންނެވެ.
ގައުމީ ދުވަހާ ގުޅުވައިގެން ބާއްވާ ހާއްސަ ޖަލްސާ ރޭ ވަނީ ބާއްވައިފަ އެވެ. މި ޖަލްސާގައި ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ އިނާމު ދީފައިވެ އެވެ.