19 Nov 2011, 19:51
އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޑިމޮކްރަސީ ހައުސް އާއި އިންސްޓިޓިއުޓް އޮފް ގަވަނަންސް އެންޑް ޑިވެލޮޕްމަންޓް ގުޅިގެން ކުރިއަށް ގެންދާ "ޔޫތު ލީޑާޝިޕް" ޕްރޮގްރާމް މިއަދު އިފްތިތާހު ކޮށްފިއެވެ. ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ ހެލްތް މިނިސްޓަރުގެ ނައިބު ފާތިމަތު އާފިޔާ އެވެ.
ތިން ހަފްތާގެ މުއްދަތަކަށް ބަނޑޮސް ރިސޯޓުގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމުގައި އަތޮޅުތަކުންނާއި މާލެއިން 40 ކުދިން ބައިވެރިވެ އެވެ.
ޒުވާން ލީޑަރުން އުފެއްދުމުގެ މަގުސަދުގައި ފެށި ޕްރޮގްރާމްގައި އިސްވެ ހަރަކާތްތެރިވެ އުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި ޑިމޮކްރަސީއަށް ހޭލުންތެރި ކޮށް ތަރައްގީގައި ވިސްނަންވީ އުސޫލުތައް ދަސްކޮށްދިނުމަށް ވަނީ ހަމަޖައްސާފަ އެވެ. މީގެ އިތުރުން އަދި ދިވެއްސަކަށް ވީތީ ފަހުރުވެރިވުމަށާއި ގައުމިއްޔަތަށް ލޯބިކުރުމަށް ބާރު އެޅުމަކީވެސް ޕްރޮގްރާމުގައި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިއެކެވެ.
ޕްރޮގްރާމް އިންތިޒާމް ކުރި ފަރާތުން ބުނީ މި ޕްރޮގްރާމުގެ މުހިއްމު އެއްބައެއްގެ ގޮތުގައި ޕާލިމެންޓަރީ އެޑިއުކޭޝަން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއި މަސްއޫލިއްޔަތުތަކަށް ޕްރޮގްރާމުގެ ބައިވެރިން ހޭލުންތެރި ކުރުމަށް ހަމަޖެހިފައިވާކަމަށާއި މަޖިލީހުގައި ބަހުސް ހިގަމުންދާ ބިލަކާ ގުޅޭގޮތުން ދިރާސާކޮށް ބައިވެރިންގެ މެދުގައި ބަހުސް ކުރާ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވުމަށްފަހު އާފިޔާ މިއަދު ވިދާޅުވީ ކަންކަމުގައި އިސް ނަގައި އުޅުން މުހިއްމު ކަމަށާއި ރަނގަޅު މުސްތަގުބަލެއް ބިނާ ކުރެވޭނީ އޭރުން ކަމަށެވެ.