އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ކާރުކޮޅަށް އަމާޒުކޮށް ޕެޓްރޯލް ބޮމެއް ގޮއްލާފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން މިހެން ބުނެފައި ވަނީ ނޫސް ބަޔާނެއް މެދުވެރިކޮށެވެ.

ފުލުހުންގެ ނޫސް ބަޔާނުގައި ބުނަނީ އިއްޔެ ބައެއް މީޑިއާތަކުގައި ބުރާސްފަތި ދުވަހު ހެނދުނު އެޑިއުކޭޝަން މިނިސްޓަރުގެ ކާރުކޮޅަށް އަމާޒުކޮށް ޕެޓްރޯލް ބޮމެއް ގޮއްވާލާފައިވާ ކަމަށް ބުނެ ފަތުރާފައި ވަނީ ހަގީގަތާ ހިލާފު ވާހަކަ ތަކެއް ކަމަށެވެ.

"... އެ ދެފުޅިއަކީ ޕެޓްރޯލް ބޮމެއްކަމަށް ފުލުހުން ހާމަކޮށްފައި ނުވާއިރު ވެސް، ޖަމާލުއްދީން ސްކޫލްގެ ގޯތިތެރޭގައި އެޑިއުކޭޝަން މިނިސްޓަރުގެ ކާރުކޮޅު އޮއްވާ އެ ކާރުކޮޅަށް އަމާޒުކޮށް ޕެޓްރޯލް ބޮމެއް ގޮއްވާލާފައިވާ ކަމަށް ބުނެ ބައެއް މީޑިޔާތަކުގައި އެ ޚަބަރު ގެނެސްދީފައި ވަނީ ހަޤީޤަތާއި ޚިލާފު މަޢުލޫމާތު އެޚަބަރު ގައި ހިމަނައިގެންނެވެ" ބަޔާނުގައިވެ އެވެ.

ފުލުހުން ބުނީ ބުރާސްފަތި ދުވަހު ހެނދުނު 8:00 އެހާކަންހާއިރު ފުޅިއެއް ގޮވާފައި ވަނީ ޖަމާލުއްދީނުގައި ނޫން ކަމަށާއި އެކަން ހިނގާފައި ވަނީ އިމާދުއްދީން ސްކޫލްގެ ގޯތިތެރޭގައި ކަމަށެވެ. އެ ބަޔާނުގައި ބުނަނީ ފުޅިއެއް ގޮވި ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުނު ކަމަށާއި ފުލުހުން އެތަނުގައި ހަރަކާތްތެރިވަމުން ދަނިކޮށް އެ ސްކޫލްގެ އިރުމަތީފަރާތު ގޯތިތެރޭގައި އޮތް އެފަދަ ދެވަނަ ފުޅިއެއް 8:20ގައި ގޮވި ކަމަށެވެ.

މިޑިޔާގައި ފެތުރި ހަބަރާ ގުޅިގެން ބައެއް ޝަކުވާތައް ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.