29 Oct 2019, 10:47
ދިއްލީ (އޮކްޓޯބަރު 29): އިންޑިއާގެ ޓަމިލް ނާޑޫގައި މިދިޔަ ހުކުރު ދުވަހު ވަޅަކަށް ވެއްޓި ތާށިވި ކުޑަކުއްޖާ މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.
އިންޑިއާގެ ފުލުހުން ބުނި ގޮތުގައި ދެ އަހަރުގެ ސުޖިތު ވިލްސަން ވަޅަކަށް ވެއްޓުނީ ހުކުރު ދުވަހު ކުޅެން އުޅެނިކޮށް ހަވީރު ގަޑީގަ އެވެ. ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެވަޅުގެ ފުން މިނުގައި 600 ފޫޓު ހުންނާނެ އެވެ. އެހެން ރިޕޯޓުތަކުގައިވާ ގޮތުން އެވަޅުގެ ފުން މިނުގައި 1،000 ފޫޓު ހުންނާނެ އެވެ. އަދި އެއީ އެހެން މީހަކަށް ފޭބޭ ވަރަށް ފުޅާ ވަޅެއް ނޫނެވެ.
އެންޑީޓީވީން ބުނި ގޮތުގައި ސުޖިތު ފުރަތަމަ ތާށިވީ ވަޅުގެ 26 ފޫޓު އަޑީގަ އެވެ. ނަމަވެސް އެކުއްޖާގެ އަތުގައި ވާގަނޑެއް އައްސައިގެން ކުއްޖާ ނަގަން އުޅުމުގެ ތެރޭގައި 70 ފޫޓަށް ވުރެ އަޑިއަށް ވެއްޓި ތާށިވީ އެވެ.
އެހެންކަމުން ކުއްޖާ ވެއްޓިފައިވާ ވަޅު ކައިރީގައި އެހެން ވަޅެއް ކޮނެ، ދެ ވަޅު ބިންގަރާހަކުން ގުޅުވައިގެން ކުއްޖާ ނެގުމުގެ މަސައްކަތް ނެޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސްއިން ފެށީ ޖެހިގެން އައި ދުވަހުގަ އެވެ.

ޓަމިލް ނާޑޫގެ ސަރުކާރުން ވަނީ ސުޖިތު ސަލާމަތް ކުރުމަށް ބޮޑު އޮޕަރޭޝަނެއް ކުރިއަށްގެން ދިޔަ ކަމަށް ބުނެފައި -- ފޮޓޯ: އޭއެފްޕީ
ނަމަވެސް މިއަދު ހެނދުނު ރެސްކިއު އޮފިޝަލުންނަށް ސުޖިތުއާ ހަމައަށް ވާސިލުވެވުނު އިރު ކުއްޖާ މަރުވެފައިވާ ކަމަށާއި ކުއްޖާގެ ހަށިގަނޑު ކުނިވާން ފަށާފައިވާ ކަމަށް ޓަމިލް ނާޑޫގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ. އަދި ސުޖިތުގެ އޮޓޮޕްސީއެއް ހެދުމަށް ފަހު ވަގުތުން ޖަނާޒާ ބޭއްވުމަށް ގަބުރުސްތާނަށް ފޮނުވާފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
އިންޑިއާގައި އެފަދަ ހާދިސާތައް މީގެ ކުރިން ވެސް ހިނގާފައިވީ ނަމަވެސް، އެފަދަ ހާލަތެއްގައި އަމަލު ކުރާނެ ގޮތުގެ ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާއެއް ފުލުހުންނާއި ޑިޒާސްޓާ މެނޭޖްމެންޓު އިދާރާތަކުން ހަދާފައި ނުވެ އެވެ. އެހެންކަމުން ސަރުކާރަށް ގިނަ ބަޔެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.
މިދިޔަ ޖޫން މަހު ވެސް ޕަންޖާބުގައި އެފަދަ ހާދިސާއެއް ހިނގުމުން އެކުއްޖާ ވަޅުން ނެގުނީ ހަތަރު ދުވަސް ފަހުންނެވެ. އޭރު އެކުއްޖާ އޮތީ މަރުވެފަ އެވެ. އޭގެ ސަބަބުން ޕަންޖާބުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ވެސް ކުރި އެވެ.