ވިކްޓްރީ ސްޕޯޓްސް ކުލަބަކީ މިވީހާތަނަށް ވެސް ގައުމުގައި ފަނޑުނުވާ ކުލަބެއް ކަމަށާއި އަނެއްކާ ވެސް ރާއްޖޭގެ އެންމެ ކާމިޔާބް ކުލަބަށް ހަދައި ކުރީގައި އޮތް ހިސާބަށް ޖައްސާނެ ކަމަށް އެކުލަބްގެ އައު ޗެއާ ޕާސަން އީވާ ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ވިކްޓަރީގެ އަހަރީ ޖައްލްސާގައި އަލަށް އިންތިޙާބްވި ޗެއަޕާސަން އީވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ކުރިއަށް އޮތްތާގައި ވެސް ވިކްޓްރީގެ ކޯޗަކަށް ހުންނަވާނީ މިހާރު ވެސް އެ ޓީމުގެކޯޗުކަން ކުރަމުން ގެންދާ ސުޒައިން ކަމަށް އީވާ ކަށަވަރު ކޮށްދެއްވި އެވެ.

ވިކްޓަރީ ސްޕޯޓްސް ކުލަބްގެ އައު ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ޒަރިއަންދު ވިދާޅުވީ، ކުރިއަށް އޮތްތާ ވިކްޓަރީ ސްޕޯޓްސް ކުލަބަގެ މަސައްކަތްތައް ވަރަށް ހަލުވިކަމާއި ޒިންމާދާރުކަމާ އެކު ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ވިކްޓަރީގެ މަސައްކަތްތައް މައިގަޑު ތިން ދިމާލަށް ބަހައްޓާނެ ކަމަށް ވެސް ޒަރިއަންދު ވިދާޅުވި އެވެ.

"އަޅުގަޑުމެން ބަހުސްކޮށް ނިންމީ މައިގަނޑު ތިން ދިމާލަކަށް މަސައްކަތް ބައްޓަން ކުރަން. އެއީ އިދާރީ ގޮތުން ކްލަބްގެ ޙާލަތު ދެނެގަނެ، ޙާއްސްކޮށް މެންބާޝިޕް ދަފްތަރު ވަރުގަދަ ކުރުމަށް މަސައްކަތް ކުރުމާއި ޓެކްނިކަލީ މިވަގުތަށް އެންމެ މުހިންމީ ކޮން ކޮން ކަންކަމެއްކަން، ޓީމުތަކުގެ މެނޭޖަރުންނާއި ކޯޗުންނާއި އެކުގައި ވާހަކަ ދައްކައިގެން ދެނެގަތުން އަދި ކުޅުންތެރިންގެ ކަންކަން އިތުރަށް ފުރިހަމަ ކުރެވޭނޭ ގޮތްގޮތް ބެލުން. މާލީ ޙާލަތު ވަރަގަދަ ކުރުން،” ޖެނެރަލް ސެކްރަޓަރީ ޒަރިޔަންދު ވިދާޅުވި އެވެ.

މި ތިން ދިމާލަށް މަސައްކަތް ކުރުމަށަޓަކައި ބޯޑުގެ ބޭފުޅުން އިސްކޮށް ތިއްބަވައިގެން ހިންގާނެ ތިން ކޮމިޓީއެއް އެކުލަވާލައި އަލުން އަނބުރާ ބޯޑަށް ރިޕޯޓް ކުރުމަށް 10 ދުވަހުގެ މުއްދަތެއް ކަނޑައެޅިފައިވާ ކަމަށް ވެސް ޒަރިއަންދު ވިދާޅުވި އެވެ.

މިކަންކަމުގެ އިތުރުން، ޔޫތް ޑިވެލަޕްމަންޓް ޕްރޮގްރާމެއް ހިންގުމަށް އަދި އެކަމަށް ބޭނުންވާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ވެސް ފެށިއްޖެ ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.