29 Oct 2019, 00:28
ސަރުކާރުން ދޭ ހިތްވަރުދިނުމުގެ ގައުމީ އިނާމު، 20 ބޭފުޅަކަށާއި ޖަމިއްޔާއެއް ހިމެނޭ ގޮތަށް، ޖުމްކަ 21 ފަރާތަކަށް ދީފިއެވެ.
މީގެ ކުރިން ގައުމީ އިނާމު ދެމުން ގެންދިޔައީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމިއްޔާތުގައެވެ. ނަމަވެސް އިނާމު ދިނުން ގައުމީ ދުވަހުގެ ރަސްމިއްޔާތަށް ބަދަލުކުރެއްވުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ގައުމީ އިނާމަކީ ގައުމަށާއި މުޖުތަމައަށް ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި މަދަނީ މުއައްސަސާތަކުން ކުރާ މަސައްކަތާއި ހޯދާ ކާމިޔާބީ ސަރުކާރުން ވަޒަންކޮށް، އެބޭފުޅުންގެ ހިދުމަތް ގައުމީ ފެންވަރުގައި ފާހަގަކުރުމުގެ މަގުސަދުގައި ސަރުކާރުން ދޭ އިނާމެކެވެ.
މިރޭގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ 21 ފަރާތަކަށް ހިތްވަރުދިނުމުގެ ގައުމީ އިނާމު ދެއްވާފައެވެ. އޭގެ ތެރޭގައި ކީރިތި ގުރުއާނާއި ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާތަކާއި، ބަހާއި އަދަބިއްޔާތަށް ހިދުމަތްކުރުމުގެ ދާއިރާއާއި، ތައުލީމީ ދާއިރާއާއި، މަސައްކަތްތެރިކަމުގެ ދާއިރާއާއި، އިންސާނިއްޔަތަށް ހިދުމަތްކުރުމުގެ ދާއިރާއާއި އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާއާއި ޓޫރިޒަމް ދާއިރާގެ އިތުރުން ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއާއި ކުޅިވަރުގެ ދާއިރާ އަދި ޕަފޯމިންގް އާޓްސްއާއި އެޕްލައިޑް އާޓްސްގެ ދާއިރާއިން އެކި ބޭފުޅުން އިނާމު ހާސިލުކުރެއްވިއެވެ.
ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބުނު 21 ފަރާތް:
- ކީރިތި ގުރުއާން ކިޔެވުމާއި އުނގަންނައިދިނުމުގެ ރޮނގުން:އަލްގާރީ މުހައްމަދު ތައުފީގު އަލީ، މ. މުއިރި
- ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ އިލްމު އުނގަންނައިދިނުމުގެ ރޮނގުން:ޑރ. އަބްދުﷲ ޖަމީލް، މ. ސްޓާލިންގް އާގެ
- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ވާހަކަދެއްކުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން:މުހައްމަދު ޝިފާން، ހ. ތަރަބޫޒުގެ
- ތައުލީމީ ދާއިރާއިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ރޮނގުން:މަރިޔަމް ޝަތުރަތު ޝާކިރު، ދުންތަރި، ގދ. ތިނަދޫ
- ސިއްހީ ދާއިރާ ތަރައްގީކުރުމުގެ ރޮނގުން:އަހްމަދު އަފްއާލް، ގ. ޖަވާހިރުމާގެ އާގެ
- ހާއްސަ ރައްކާތެރިކަމާޢި އަޅާލުން ބޭނުންވާ ކުދިންނާއި މީހުންނަށް ހިދުމަތްކުރުމުގެ ރޮނގުން:ރަހުމާ އީސާ، ހ. ފިލްމީ ސައިޓް
- މަަސްވެރިކަން ކުރުމުގެ ރޮނގުން:އަބްދުﷲ ޝަފީގު، ނިޝާން، ހއ. ދިއްދޫ
- ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހީން ބިނާކުރުމަށާއި ޝައުގުވެރިކުރުވުމަށާއި އަހުލުވެރިކުރުމަށް މަސައްކަތްކުރުމުގެ ރޮނގުން:ޒީނާޒް ހުސައިން، އާސީނުގެ، ސ. ހިތަދޫ
- އިންސާނިއްޔަތަށް ހިދުމަތްކުރުމުގެ ދާއިރާއިން:ޓައިނީ ހާޓްސް އޮފް މޯލްޑިވްސް
- މަސައްކަތްތެރިކަމުގެ ދާއިރާއިން އެކި ބާވަތުގެ މަސައްކަތްކުރުމާއި ކުރިއެރުވުމުގެ ރޮނގުން:އަނީސާ މުހައްމަދު، ބީޗްހެވަން، ގދ. ގައްދޫ
- މަސައްކަތްތެރިކަމުގެ ދާއިރާއިން އެކި ބާވަތުގެ މަސައްކަތްކުރުމާއި ކުރިއެރުވުމުގެ ރޮނގުން:އިބްރާހިމް ސޯލިހު، ފަސްތަރި، ބ. ތުޅާދޫ
- ޑައިވިންގްގެ ދާއިރާއިން:ޝާޒިޔާ ސައީދު، މ/ ސްނޯފްލެކްސް
- ހެއާ އެންޑް ބިއުޓީގެ ދާއިރާއިން:އާއިޝަތު (ޝަރީފާ)، މ. ސަބުދެލިމާގެ
- ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން:މުހައްމަދު ޝާކިރު އަބްދުﷲ، ވ. ފައުނު
- ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން:ހުސައިން ފަރިޔާދު، ގ. ސިނަމާލެ 2 02-11
- ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި މީހުން ތަމްރީނުކުރުމުގެ ރޮނގުން:އިސްމާއިލް މަހްފޫޒް، މ. ވިނަލި
- ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި މީހުން ތަމްރީނުކުރުމުގެ ރޮނގުން:އިބްރާހިމް ޝިއުރީ، ގ. ގޯލްޑަންހައުސް
- ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމުގެ ރޮނގުން:ފަދުވާ ޒާހިރު، ގ. ގޯލްޑަންސްޓާ
- ޕަފޯމިންގް އާޓްސްގެ ދާއިރާއިން ލަވަކިޔުމާއި މިއުޒިކު ކުޅުމުގެ ރޮނގުން:އަބްދުއްރަޝީދު އަލީ، ހ. ނިއު ހެޕިނެސް
- އެޕްލައިޑް އާޓްސްގެ ދާއިރާއިން ޑިޒައިންކުރުމާއި ފެހުމުގެ ރޮނގުން:އާއިޝަތު ޝަމްލާ، ހ. ފެއަރީޕެލަސް