ދިވެހި ރައްޔިތުންނަށް ހަމަޖެހިލައިގެން ދިރިއުޅެން ކުޑަވެސް ފުރުސަތެއް ދިނުމެއް ނެތްތޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިވެހިރާއްޖޭގެ ސިޔާސީ މީހުންނަށް ސުވާލު ކުރައްވައިފި އެވެ.

ރައީސް އެހެން ވިދާޅުވި އިރު، އެމްޑީއެންގެ ރިޕޯޓެއްގައި ދީނަށް ފުރައްސާރަ ކުރި މައްސަލަ ވަރަށް ބޮޑަށް ހޫނުވެ އެ ޖަމިއްޔާ އުވާލަން ސަރުކާރަށް ވަނީ ޕްރެޝަރު އައިސްފައެވެ. ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެ މައްސަަލަ ހޫނުކޮށްގެން އުޅެނީ އިދިކޮޅު ފަރާތްތަކުން ސިޔާސީ ބޭނުމަކަށެވެ.

މިރޭ އޮތް ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް ސޯލިހު ވަނީ ފުރަތަމަ ފަހަރަށް އެކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފައެވެ. އެމަނިކުފާނު ވިދާޅުވީ، ބައެއް ފަރާތްތަކުން އެއްވެސް އިމެއް، މިނެއް ނެތި މިނިވަންކަން ބޭނުންކުރުމުގެ ނަތީޖާއެއްގެ ގޮތުން ދިވެހީންގެ ގައުމިއްޔަތަށާއި އާންމު ދިރިއުޅުމަށްވެސް އަސަރުކޮށްފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެއް ބަޔަކު ދީނާށާއި ކީރިތި ރަސޫލާއަށް ކުޑައިމީސް ބަސް ބުނަމުންދާއިރު އަނެއް ބަޔަކު ދަނީ ދީނުމުގެ ނަމުގައި ހަރުކަށި ކަންތައްތައް ކުރަން ހިތްވަރު ދެމުންދާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އެ ކަންކަމަކީ "އިއްޔެއަކު މިއަދަކު" ފެށިގެން އުޅޭ ކަމެއް ނޫން ކަމަށެވެ. އަދި އެ ކަންކަން ފެށިގެން އައި އިރު، މިއަދު ޝުއޫރު ފާޅު ކުރަމުންދާ ސިޔާސީ މީހުން ތިބީ ކޮންތާކުތޯ ރައީސް ސުވާލު އުފެއްދެވިއެވެ. އޭރުވެސް ވެރިކަމުގައި ބަޔަކު ތިބިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ވެރިކަމުގައި ތިބި ސިޔާސީ މީހުން އެ ދުވަހު ފިޔަވަޅު ނާޅައި މިއަދު އެ ވާހަކަ ދައްކަނީ އެއްވެސް އިހުލާސްތެރިކަމެއް އޮވެގެންތޯ ސުވާލު އުފެދޭ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދު ލޮބުވެތި ރައްޔިތުންނަށް ޔަގީންކަން މި އަރުވަނީމީގެ ކުރިން މި ކަންކަމާ ދޭތެރޭގައި އޭރު އޮތް ސަރުކާރުން ފިޔަވަޅު ނޭޅިއަސްމާތްވެގެންވާ އިސްލާމްދީނާ ދިވެހި ގައުމިއްޔަތުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއް އަދި ދީނުގެ ނަމުގައި ހަރުކަށި އަމަލުތައް ކުރުން ހުއްޓުވަން ޖެހުނު ކޮންމެ ކަމެއް މާތްﷲގެ އިރާދަފުޅާއެކު މި ސަރުކާރުން ކުރާނެކަން،" ރައީސް ވިދާޅުވިއެވެ.

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

އެމްޑީއެންގެ މައްސަލަ ބޮޑު ކުރާކަމަށް ބުނާ ސިޔާސީ މީހުންގެ ވާހަކަފުޅު ދެއްކެވުމުގެ އިތުރުން، ދީނީ އިލްމުވެރިންނަށްވެސް އެމަނިކުފާނު ވަނީ މެސެޖެއް ދެއްވައިފައެވެ.

"ރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިންނަށް މިއަދު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ހެދުމަށް އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވާށޭ. އިސްލާމީ އަގީދާގެ މަތިވެރިކަމާއި މޫރިތިކަމަށް ބުރޫ އަރާފަދަ ކަންކަން މީހުންގެ ސިކުނޑިތަކަށް ވެރިވުމަށް ފުރުސަތު ނުދެއްވާށޭ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ހަމަޖެހިލައިގެން ދިވެހި ރައްޔިތުންނަށް ނެތް ހައްގެއްތޯ ހިތަށް އަރާވަޑައިގަންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ހިތައް އަރަނީ އުފާވެރިކަމާ އެކު ހިތްހަމަޖެހިލައިގެން ދިރިއުޅުމަކީ އަޅުގަނޑުމެން ދިވެހީންނަށް ނެތް ހައްގަކީ ބާވައޭ. ސުލްހަވެރިކަން އަޅުގަނޑުމެންނާ މިހާ ބީރައްޓެހިވެގެން މި އުޅެނީ ކީއްވެބާއޭ. އަޅުގަނޑު މިއަދު ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ އަރިހުން އަހާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ރައްޔިތުން ދުވަސްކޮޅަކަށް ނަމަވެސް ހަމަޖެހިލައިގެން އުޅެން ފުރުސަތު ދެއްވާކަށް ނުވޭތޯއޭ؟"

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ދީނަށް ފުރައްސާރަ ކުރުމާއި ދީނުގެ ނަމުގައި ހަރުކަށިވުމަށް ދިވެހީން ނޫނެކޭ ބުނަންޖެހޭ ކަމަށެވެ. އަދި އެކަންކަމަށް ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް އެެމަނިކުފާނު ވިދާޅުވިއެވެ.

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ-- ފޮޓޯ/ ރައީސް އޮފީސް

"މިއަދު އެއްފަހަރާ އެއް އަޑުން އަޅުގަނޑުމެން މި ކަންކަމަށް ނޫނެކޭ ބުނަން އެބަ ޖެހޭ. މި ގައުމުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް މާތް ނަބިއްޔާއަށް ކުޑައިމުސްވާ ގޮތަށް ވާހަކަ ދެއްކުމުގެ ފުރުސަތު މި ސަރުކާރުން ނުދޭނެކަމުގެ ޔަގީންކަން ލޮބުވެތި ދިވެހި ރައްޔިތުންނަށް އަޅުގަނޑު އަރުވަން. ހަމަ އެފަދައިން، އިސްލާމްދީނުގެ ނަމުގައި ހަރުކަށިކަން އިސްކޮށް ބިރުވެރިކަން އުފައްދައި މީހުން މެރުމަށް ގޮވައި ޓެރަރިސްޓު ހަނގުރާމަތަކުގައި ބައިވެރިވުމަށްވެސް މި ސަރުކާރުން ފުރުސަތު ނުދޭނެ ވާހަކަ ދަންނަވަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

އެ ކަންކަމަށް ފުރުސަތު ނުދިން ނަމަވެސް، ރައްޔިތުންގެ ހައްގުތައް ބޭނުން ކުރެވޭނެ އެންމެ ފުޅާ މިނުގައި ބޭނުން ކުރަން ފުރުސަތު ދެއްވާނެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފުލުހުން މިހާރު ދަނީ ބަލަމުންނެވެ. އެ ރިޕޯޓާ ގުޅޭ ދިރާސާއެއް ހެދުމަށް ފުލުހުން ވަނީ ދީނީ އިލްމުވެރިންތަކަކާ ހަވާލުކޮށްފައެވެ. އެ މަސައްކަތް މި ހަފްތާގެ ތެރޭގައި ނިމޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެ އިތުރުން، ޔޫތު މިނިސްޓްރީއިން މިހާރު ވަނީ އެމްޑީއެން ސަސްޕެންޑުކޮށްފައެވެ.