ދިވެހި ދައުލަތުން އަރުވާ ނިޝާން ޢިއްޒުއްދީނުގެ އިއްޒަތުގެ ޝަރަފު ދެ ބޭފުޅަކަށް މިރޭ އަރުވައިފި އެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ޝަރަފު ލިބިވަޑައިގެންނެވި ދެ ބޭފުޅުންނަކީ ރާއްޖޭގެ އެންމެ ފުރަތަމަ ސެޓިފައިޑް އިންޖިނިއަރު ހ. ހިކަރީ، އަހްމަދު އާދަމާއި ދިވެހި ބަހުގެ އުސްތާޒު ހ. އާމުލީގޭ އަބްދުﷲ ސޯދިގު (ސޯދުބެ)އެވެ.

މި ދެ ބޭފުޅުންނަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތް އެރުއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

މިރޭ ނިޝާނު އިއްޒުއްދީނުގެ އިއްޒަތް ލިބިވަޑައިގެންނެވި ހ. ހިކަރީ، އަހްމަދު އާދަމްއަކީ އިންޖިނިއަރިން ދާއިރާއިން ރާއްޖެއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ދ. މާއެނބޫދޫއަށް އުފަން އަހްމަދު އާދަމް ސްރީލަންކާގައި ކިޔަވައި ވިދާޅުވާން އުޅުއްވި ދުވަސްވަރުވެސް އިންޖިނިއަރިން ދާއިރާގެ އެކިއެކި ތަމްރީނުތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ސަރުކާރުން ރާއްޖެއަށް ބައްލަވައިގެންނެވި ފުރަތަމަ އާގުބޯޓު "މޯލްޑިވްސް ސްޓާ"ގެ ޖޫނިއާ އިންޖިނިއަރަކަށް މަސައްކަތް ކުރައްވަމުން ގެންދެއްވުމަށް ފަހު، އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރު ހޯދައިދެއްވި ފުރުސަތެއްގައި އިނގިރޭސިވިލާތަށް ވަޑައިގެން އިންޖިނިއަރިން ދާއިރާއިން މަތީ ތައުލީމު އޭނާ ހާސިލުކުރެއްވިއެވެ. ތައުލީމަށްފަހު މާލެ ވަޑައިގެން ހިދުމަތްކޮށްދެއްވީ އިލެކްޓްރިކް ޑިޕާޓްމެންޓުގައެވެ.

މިހާރު އުމުރުފުޅުން 83 އަހަރުވެފައިވާ އަހްމަދު އާދަމް ވަނީ މޯލްޑިވްސް ޝިޕިންގް ލިމިޓެޑުގެ ޑިރެކްޓަރުކަމާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިންޖިނިއަރިން ކޮންސަލްޓަންޓުކަމާއި އެމްޓީސީސީގެ މެނޭޖިންގް ޑިރެކްޓަރުކަން ކުރައްވާފައެވެ.

މީގެ އިތުރުން އޭނާ ވަނީ ރާއްޖޭގައި ޓެލެވިޒަންގެ ހިދުމަތް ފެށުމަށް ކުރި މަސައްކަތުގައި ވަރަށް ބޮޑު ދައުރެއް އަދާކުރައްވާފައެވެ. ދޯނިފަހަރުގައި އިންޖީނު އެޅުމުގެ މަސައްކަތުގައި ވެސް ގިނަ ހިދުމަތްތަކެއް ކުރެއްވި އިރު، އޭނާއަކީ ރާއްޖޭގައި ދެވަނައަށް ހުޅުވުނު ޓޫރިސްޓު ރިސޯޓު ބަނޑޮސް އައިލެންޑް ރިސޯޓުގެ ފުރަތަމަ މެނޭޖަރު ވެސް މެއެވެ.

ދެވަނައަށް އިއްޒަތް ލިބިވަޑައިގެންނެވި 84 އަހަރުފުޅުގެ އަބްދުﷲ ސޯދިގު (ސޯދުބެ)އަކީ ދިވެހި ބަހާއި ދިވެހިބަހުގެ އަދަބިއްޔާތަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައެވެ.

ސޯދުބެއަކީ ބަހާއި އަދަބިއްޔާތާއި އަދި ތައުލީމީ ދާއިރާއަށްވެސް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ބޭރު ބަސްބަހުން ދިވެހިބަހަށް ފޮތްފޮތާއި ޅެން ތަރުޖަމާކުރެއްވުމުގެ އިތުރުން، ދިވެހި އަދަބިއްޔާތުގެ ވަޒަންބަހުރުވައިގެ އެކި ބާވަތްތައް ވެސް ހައްދަވައެވެ.

އަދި ތަފާތު މައުޟޫއުތަކާށް ޅެމާއި ލަވަވެސް ސޯދުބެ މިހާރުވެސް ގެންދަވަނީ ހައްދަވަމުންނެވެ. ސޯދުބެ ޅެން ހެއްދުމުގެ މަސައްކަތް ފެއްޓެވީ އުމުރުފުޅުން އެންމެ އަށް އަހަރުގަ އެވެ.

ސޯދުބެއަށް 1980 އަދި 1983 ގައި އާންމު ހިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާ އިރު، 1992 ގައި ޅެންވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމާއި، 1998 ގައި ދިވެހި ބަހަށް ހިދުމަތްކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމާއި މިނިވަން 25ގެ އާންމު ހިދުމަތުގެ އިނާމު ވެސް ވަނީ ލިބިވަޑައިގެންފައެވެ.

އަދި ނޫސްވެރިކަމުގެ ރަން ގަލަމާއި އަލިމަސް ގަލަން ވެސް ވަނީ ލިބިވަޑައިގެންފަ އެވެ.