28 Oct 2019, 22:00
ދީނަށް ފުރައްސާރަކޮށް ހައްދުފަހަނަ އަޅައިދިޔުމާއި ދީނުގެ ނަމުގައި ހަރުކަށިވެ ހައްދުފަނައަޅައިދިޔުމަކީ ރާއްޖޭގައި ގައުމިއްޔަތު ދިރުވަން ހުރި ހުރަހެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި މިރޭ ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ، ބަވަނަވެފައިވާ މި ދުނިޔޭގައި ކަންކަމާ ކުރިމަތިލާން ޖެހޭނީ މިއަދުގެ ވިސްނުމާއި ފިކުރުގެ ތެރެއިން ކަމަށެވެ.
މިއަދު ދީނަށް ފުރައްސާރަ ކުރުމާއި، ދީނުމުގެ ނަމުގައި ހަރުކަށި އަމަލުތައް ހިންގުމަކީ ގައުމިއްޔަތު ދިރުވުމަށް ފަރުވާ ކުރަން ޖެހިފައިވާ ކަމެއްކަމަށް އިމްރާން ވިދާޅުވިއެވެ.
އޭނާ އެދިވަޑައިގެންނެވީ އެކަންކަން ހައްލުކުރުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ސަރުކާރަށް އެއްބާރުލުން ދިނުމަށެވެ.
"މިކަމުގައި އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ހިކުމަތްތެރި ވިސްނުންފުޅު އިސްކުރައްވާ ގޮތްކޮޅަކީ މިކަމުން ދިވެހިރާއްޖެ ސަލާމަތް ކުރުމުގައި މުހިންމުވެގެންވާ ސިފަތަކެއް. އެެހެންކަމުން މި ނުރައްކާތެރި ކަންކަމުން އަރައިގަތުމުގައި އަދުގެ ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރަށް އެއްބާރުލުން ދީގެން ދިވެހި ހުރިހާ ރައްޔިތުން ގައުމުގެ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ތެރެއިން ކުރިއަށް ދިޔުމަކީ އަޅުގަނޑު ގައުމީ ދުވަހުގެ މުނާސަބަތުގައި ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރާ ކަމެއް،" އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ، ކޮންމެ ގައުމެއްވެސް މިނިވަންކަމާ އެކު ދެމި އޮންނަނީ އެ ގައުމެއްގެ ގައުމިއްޔަތުކަމުގެ އަސާސްތަކެއް އޮވެގެން ކަމަށެވެ. އަދި ރާއްޖޭގެ ގައުމިއްޔަތުގެ އަސާސްތަކަކީ ދިވެހިބަހާއި ދިނާއި ދިވެހީންގެ ސަގާފަތް ކަމަށް ވިދާޅުވިއެވެ.
"އެހެންކަމުން ދިވެހި ދައުލަތުގެ މިނިވަންކަމާއި ރައްކާތެރިކަމަށްޓަކައި ގައުމިއްޔަތުގެ އަސާސްތައް ދިރުވާ އާލާކުރުމަކީ އަޅުގަނޑުމެން އެންމެންގެ މަސްއޫލިއްޔަތެއް،" އިމްރާން ވިދާޅުވިއެވެ.