28 Oct 2019, 21:02
މަރުގެ އިންޒާރު ދޭ މީހުންނާ މެދު ހަރުކަށިކޮށް އަމަލު ކުރުމަކީ ގޯހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިރޭ ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، މަރުގެ އިންޒާރުދީ މީހުންނަށް ބިރުދައްކާ މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުން ބޭނުންތެރި ކަމަށެވެ. އެކަމަކު އެފަދަ މީހުންނާ ދޭތެރޭ ހަރުކަށިކޮށް ހިތުމަކީ ގޯހެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ހައްޔަރުކުރުމުގެ ސަބަބުން ނަފުރަތު އިތުރުވެގެން ނުވާނެ. އަމާޒަކަށް ވާން ޖެހޭނީ ނަސޭހަތްދީ އިސްލާހުކުރުން،" ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު އެހެން ވިދާޅުވި އިރު، މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ޝާއިއު ކުރި ރިޕޯޓެއްގައި ދީނާ ހިލާފު ވާހަކަތަކެއް ހުރި މައްސަލަ ހޫނުވެ، އެކަމާ ގުޅިގެން ވަނީ އެކި މީހުންނަށް މަރުގެ އިންޒާރު ދީފައެވެ. އޭގެ ތެރޭގައި އެމްޑީއެންގައި މަސައްކަތް ކުރާ މީހުންނަށާއި، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުވެސް ހިމެނެއެވެ.
އެމްޑީއެންގެ ރިޕޯޓާ ގުޅިގެން، މުޖުތަމައުގައި ހަމަނުޖެހުން އުފެދޭ ވާހަކަތައް ނުދެއްކުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެފަދަ ވާހަކަތަކެއް ދައްކައިގެން ފުލުހުން މިހާތަނަށް ދެ ޒުވާނަކު ހައްޔަރުކޮށްފައިވެއެވެ.