19 Nov 2011, 17:02
ބާލީ (ނޮވެމްބަރ 19) : އިންޑޮނީޝިޔާގެބާލީގައި ކުރިޔަށްދާ އާސިޔާންގެ ޤައުމުތަކުގެ އިސްވެރިންގެ ސަމިޓް ބައްދަލުވުމުގެ އަރިމަތީގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި ޗައިނާގެ ބޮޑުވަޒީރު ވިންގޖިޔާބާއޮ ބައްދަލުކުރައްވައިފިއެވެ. ދެބޭފުޅުން މިބައްދަލުކުރެއްވީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާބެހޭގޮތުން ދެޤައުމުގެ އިސްވެރިން ބަހުގެ ޙަމަލާތަކެއް ދެއްވާފައިވާތާ ހަފްތާއެއްހާ ދުވަސްފަހުންނެވެ.
މިބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެމެރިކާގެ ޤައުމީ ސަލާމަތާބެހޭ މުސްތަޝާރު ޓޮމް ޑޮނީލިޔޮން ވިދާޅުވީ އޮބާމާއާއި ވިންޖިޔާބާއޮގެ ބައްދަލުކުރެއްވުމުގައި އޮބާމާ އިސްކަންދެއްވީ ސައުތް ޗައިނާ ކަނޑުގައިވާ އެމެރިކާގެ ސްޓްރެޓީޖިކް މަސްލަޙަތުތައް ޙިމާޔަތް ކުރުމާށާއި ޗައިނާގެ ފައިިސާ (ޔުވާން) ގެ އަގުމަތިކުރުމަށް ޗައިނާގެ ކިބައިން އެދުމަށެވެ. ޔުވާންގެ އަގުމަތިކުރުމަށް ތަކުރާރުކޮށް އެމެރިކާ އެދޭއެދުންތަކަށް ޗައިނާ ސަމާލުކަމެއްނުދެއެވެ.
އާސިޔާންގެ ސަމިޓަށް ވަޑައިގަތް މަގުމަތީގައި ދެއްވި ބަޔާނެއްގައި އޮބާމާވަނީ ޗައިނާ ހިމެނޭ އޭޝިޔާ ޕެސިފިކް ސަރަޙައްދަށް އެމެރިކާ ދޭސަމާލުކަން ކުރިޔަށްވުރެ އިތުރުކުރާނެކަން ހާމަކުރައްވާފައެވެ. ހަލުއިކަމާއެކު ކުރިއަރަމުންދާ ޗައިނާގެ ޢަސްކަރީ ބާރާކުރިމަތިލުމަށްޓަކައި އޮސްޓްރޭލިޔާގެ ބިންބޭނުންކޮށްގެން އަސްކަރީ ސްޓްރެޓެޖީތަކެއް ރާވަމުން ގެންދާކަމަށް އެމެރިކާގެ މަސްއޫލުވެރިންނާ ޙަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެއެވެ. އަދި ޗައިނާ ކޮންޓެއިން ކުރުމަށްޓަކައި އޮސްޓްރޭލިޔާގެ ބިމުގައި އެމެރިކާގެ 2500 ސިފައިން ރުކުރުވާލާނެކަން މިދިޔަ ހަފްތާގައި އޮބާމާ އިޢްލާން ކުރައްވާފައިވެއެވެ. މިމައްސަލާގައި ޗައިނާ ވަނީ ރުޅިވެރިކަން ފާޅުކޮށްފައެވެ. (ނޫސްއެޖެންސީތައް)