18 Jun 2010, 05:43
10:00
މިއަހަރުގެ މެއި މަހާއި މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު މާލޭގެ އިންފްލޭޝަން 5.34 ޕަސެންޓް މަތިވެއްޖެ އެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގް އިން އާއްމުކޮށްފައިވާ މެއި މަހުގެ ކޮންސިއުމަރ ޕްރައިސް އިންޑެކްސް ( ސީ.ޕީ.އައި ) ދައްކާ ގޮތުގައި މިއަހަރުގެ މެއި މަހާއި މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު މަހުގެ އަގުތަކަށް އައި ބަދަލު ނުލައި ބަލައިފިނަމަ މިއަދަދު ވަނީ 5.60 ޕަސެންޓް މަތިވެފަ އެވެ. ހުސްވި މެއި މަހުގެ މާލޭގެ ބާޒާރުގެ އަގުތަކަށް ބަލާއިރު މައިގަނޑު ގޮތެއްގައި އަގުމަތިވެފައި ވަނީ ކާބޯތަކެތީގެ ބައިންނާއި މަހުގެ ބައިންނެވެ. އެގޮތުން މަހުގެ ބައިން މެއި މަހުގެ އިންފްލޭޝަން ރޭޓް 2.31 ޕަސެންޓް މައްޗަށް ގޮސްފައިވާކަން ފާހަގަކުރެވެ އެވެ.
2009 ޖޫން އިން 2008 މެއި އާއި 2008 ޖޫން އާއި 2009 މެއި އަޅާބަލާއިރު މާލޭގެ އިންފްލޭޝަން ރޭޓް ވަނީ 4.12 ޕަސެންޓް މަތިވެފަ އެވެ. އެގޮތުން މިމުއްދަތުގެ ތެރޭގައި މާލޭގެ ބާޒާރުގެ އަގުތަކަށްބަލާއިރު މައިގަނޑުގޮތެއްގައި އަގުމަތިވެފައިވަނީ ގޭގެކުއްޔާއި، ގެދޮރު މަރާމާތު ކުރުމާއި ބެލެހެއްޓުން، ފެނާއި ކަރަންޓާއި ގޭސް އަދި ތެލުގެ ބައިންނާ ތައުލީމުގެ ބައިންނެވެ. އަދި ކާބޯތަކެތީގެ އެހެނިހެން ބާވަތްތަކުގެ ބައިންނެވެ.
އެގޮތުން މަރާމާތު ކުރުމާއި ބެލެހެއްޓުން، ފެން، ކަރަންޓް، ގޭސް އަދި ތެލުގެ ބައިން އިންފްލޭޝަން ރޭޓަށް ވޭތުވެދިޔަ 12 މަސްދުވަހާއި އޭގެ ކުރީ 12 މަސްދުވަހުގެ ތެރޭގައި 62 ޕަސެންޓް ހިއްސާކޮށްފައިވެ އެވެ. އަދި ތައުލީމުގެ އިންފްލޭޝަން ރޭޓް 29 ޕަސެންޓް އަދި ކާބޯތަކެއްޗާއި އެހެނިހެން ބައިތަކުގެ އިންފްލޭޝަން ރޭޓަށް މިމުއްދަތުގައި ތެރޭގައި 13 ޕަސެންޓް ހިއްސާކޮށްފައިވާ ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.