28 Oct 2019, 19:39
ގައުމީ މަސްލަހަތާ ހިލާފު އަދި ގައުމުގައި ފިތުނަ އުފެދޭ ވާހަކަތައް ސިވިލް ސާވިސް މުވައްޒަފުން ނުދެއްކުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން އިލްތިމާސްކޮށްފިިއެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި، ސިވިލް ސާވަންޓުންނަށް އިލްތިމާސްތަކެއްކޮށް ސީއެސްސީއިން ނެރުނު ބަޔާނެއްގައި ބުނީ ގައުމީ ދުވަހުގައި، ގައުމުގައި ދެމުންދާ އޮއިވަރުތަކާއި، ގައުމީ މަސްލަހަތަށް ލޮޅުން އަރާފާނެ ކަންކަމާ މެދު ކޮންމެ ސިވިލް ސާވަންޓަކުވެސް ވިސްނުން މުހިންމު ކަމަށެވެ.
"ގައުމީ ދުވަހަކީ ގައުމުގެ ކަންކަމާ މެދު ވިސްނައި އަދި ތިމާއަށް ގައުމަށްޓަކައި ކޮށްދެވިދާނެ ކަންކަމާ މެދު ނަޒަރު ހިންގައި، ގައުމީ ލޯތްބާއި ގައުމިއްޔަތު ދިރުވައި އާލާކުރުމަށް ފާހަގަކުރެވޭ އެންމެ މުހިންމު ދުވަސްކަމުން، ގައުމުގައި ދެމުންދާ އޮއިވަރުތަކާއި، ގައުމީ މަސްލަހަތަށް ލޮޅުން އަރާފާނެ ކަންތަކާމެދު ކޮންމެ ސިވިލް ސާވެންޓަކުވެސް ވިސްނުމަކީ މުނާސަބު ކަމެއްކަމުގައި ކޮމިޝަނުން ދެކެމެވެ،" ސީއެސްސީގެ ބަޔާނުގައިވެއެވެ.
ގައުމީ މަސްލަހަތާ ފުށޫ އަރާ އަދި ގައުމީ އެއްބައިވަންތަކަމަށް ގުޑުން އަރާފަދަ ކަންކަން ހިނގާ އިރުވެސް، މަޝްވަރާގެ އުސޫލުތަކަށް ކަމޭހިތައި، ގައުމުގެ މަސްލަހަތު އިސްކޮށް، ފަރުދީ ޒިންމާ އަދާ ކުރުމަކީ ގައުމުގެ އަމަންއަމާން ކަމާއި ސުލްހަމަސަލަސްކަން ދަމަހައްޓަން އެންމެ ބޮޑު އެހީތެރިކަމަށް ސީއެސްސީގެ ބަޔާނުގައިވެއެވެ.

ސިވިސް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ---ސަން ފޮޓޯ: ފަޔާޒު މޫސާ
އަދި ހިޔާލު ތަފާތުވާ ކަންކަމުގައި ރުޅި އިސްނުކޮށް، ކެތްތެރިކަމާއި، ހެޔޮވިސްނުމުގެ ބޭނުން ހިފައި، ގައުމާއި ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ފިތުނަ ފަސާދައަށް ޖާގަ ނުދެވޭ ގޮތެއްގެ މަތިން ބަސްމަގާއި އަމަލުތައް ގެންގުޅުމަކީ އެންމެ މޮޅު ގޮތް ކަމުގައިވެސް އެ ބަޔާނުގައި ވެއެވެ.
"މީހަކު ބުނީތީ ކަމުގެ ދެކޮޅު ބެލުމެއް ނެތި، ކަންކަމުގައި ޝިއާރުފާޅުކޮށް ހަރުކަށި އަމަލުތައް ހިންގުމަށް ހިތްވަރުދީ ހެދުމަކީ ސިވިލް ސާވަންޓުންގެ ސުލޫކީ މިންގަނޑާ ހިލާފުވާ ކަންކަން ކަމުގައިވެސް ހަނދާންކޮށްދެމެވެ،" ސީއެސްސީގެ ބަޔާނުގައި ވެއެވެ.
ސިވިލް ސާވިސްގެ މުވައްޒަފުން ރަސްމީ ގަޑީގައި އޮފީހުގެ ތެރޭގައި މަސައްކަތާ ނުގޫޅޭ ކަންކަމުގައި މަސްއޫލުނުވުމަށާއި، ރަސްމީ ގަޑީގެ ބޭރުންވެސް ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށާއި ބައިބައިވުމާއި ދެބަސްވުންތައް ނުވަތަ ފިތުނަައާއި ފަސާދަ އުފެދޭ ގޮތަށް ފުރުސަތު ނުދިނުމަށާއި، ކަންބޮޑުވުމާއި ނުތަނަވަސްކަމަށް ފަހިވާގޮތަށް އަމަލު ނުކުރުމަށް ސީއެސްސީއިން އިލްތިމާސްކުރިއެވެ.
ސިވިލް ސާވަންޓުން އިސްކަން ދޭން ޖެހޭނީ ގައުމީ މަސްއޫލިއްޔަތާއި ރައްޔިތުންގެ ލާބައާއި މަންފާކަން ސިވިލް ސާވިސްގެ ގަވައިދު 2014ގެ 19 ވަނަ މާއްދާގެ (ށ) އަދި 20ގެ (ހ) އަދި (ށ)ގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށްފައެވެ.
އެ ބަޔާނުގައިވާ ގޮތުން، ސިވިލް ސާވިސްގެ މުވައްޒަފުންނަކީ ސަރުކާރަށާއި މަޖިލީހަށާއި ރައްޔިތުންނަށް ވަފާތެރިކަމާއި އިހްލާސްތެރިކަމާ އެކު ހިދުމަތް ކުރާ، ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހޭ، ގާނޫނާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކަށް ހެދުމަށް ސިވިލް ސާވިސް ކޮމިޝަނުގެ މައްޗަށް ސިވިލް ސާވިސްގެ ގާނޫނު ލާޒިމު ކުރެއެވެ. އެހެންކަމުން، އެ މިންގަނޑުތަކުގެ ތެރޭގައި ސިވިލް ސާވަންޓުންގެ އުޅުމާއި އަހުލާގު ބަހައްޓަން އެ ބަޔާނުގައި ވަނީ ހަނދާންކޮށްދީފައެވެ.
ސިވިލް ސާވަންޓުން ގައުމީ މަސްލަހަތާ ހިލާފު ވާހަކަތައް ނުދެއްކުމަށް ސީއެސްސީއިން އިލްތިމާސްކުރި އިރު، މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)ގެ ރިޕޯޓެއްގައި ދީނާ ހިލާފު ވާހަކަތަކެއް ހުރި މައްސަލަ ހޫނުވެ އެ މައްސަލައިގައި ބައެއް މީހުން ވަނީ މަރުގެ އިންޒާރު ދިނުމަށާއި ހަމަނުޖެހުމަށް ގޮވާލާފައެވެ. ފުލުހުން ބުނެފައި ވަނީ އެފަދަ ވާހަކަތައް ދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މިހާތަނަށް އެފަދަ ކަންކަމާ ގުޅިގެން ދެ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
އެމްޑީއެންގެ ރިޕޯޓު ކުށްވެރިކޮށް މިދިޔަ ހުކުރު ދުވަހު ރަސްފައްނުގައި ވަނީ އެއްވުމެއްވެސް ބާއްވައިފައެވެ.