28 Oct 2019, 19:07
ބިދޭސީންނަށް ރަށްރަށުގައި ގަވާއިދާ ޚިލާފަށް އުޅުމަށް މަގުފަހިވުމުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އާއި ކައުންސިލްތަކުގެ އިހުމާލު ވަރަށް ބޮޑު ކަމަށް ވިދާޅުވެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރު އީސާ ވިދާޅުވީ ނުގަވާއިދުން ރަށްރަށުގައި ބިދޭސީން އުޅޭ މައްސަލަ މިހާ ބޮޑުވެފައިވާއިރު، ގާނޫނީ އެއްވެސް ހުރަހެއް ނެތި އެލްޖީއޭއާއި ކައުންސިލުތަކަށް އެޅެން ހުރި ފިޔަވަޅުތަކެއް ނާޅައި ދޫކޮށްލާފައިވާ ކަމަށެވެ.
"މުޅި ރާއްޖެއަށް ފެތުރިއްޖެ ގަވާއިދާ ހިލާފަށް އުޅޭ ބޭރު މީހުން. މާލޭގައިނަމަ ފުލުހުންނަށް އެމީހުން މޮނީޓަރު ކުރަން ފަސޭހަ ވާނެ. އެކަމަކު މުޅި ރާއްޖެއަށް ފެތުރުނީމަ ފުލުހުންނަށްވެސް ވަރަށް ބޮޑު އޮޕަރޭޝަނެއް އެއީ ހިންގަން ޖެހޭ. މުޅި ރާއްޖެއަށް ފެތުރުމުގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެލްޖީއޭއާ ކައުންސިލުތަކުގެ އިހުމާލު މީގައި ވަރަށް ބޮޑަށް އެބައޮތް." އީސާ ވިދާޅުވި އެވެ.
މެމްބަރު އީސަ ވަނީ، މި މައްސަލައިގައި އެލްޖީއޭއާއި ކައުންސިލުތަކަށް ކުރެވިދާނެ ބައެއް ކަންކަން ފާހަގަކުރައްވާފައެވެ. މެމްބަރު ފާހަގަކުރެއްވި ބައެއް ކަންކަމަކީ:
ބިދޭސީއަކު ހުންނަނީ ކޮން ފަރާތެއްގެ ބެލުމުގެ ދަށުގައިތޯ، ކުރަނީ ކޮން ފަރާތެއްގެ މަސައްކަތެއްތޯ އަދި ދިރިއުޅެނީ ކާކުގެ ގެއެއްގައިތޯ ބެލުން
- ގަވާއިދާ ހލާފަށް އުޅޭ ބިދޭސީއެއްގެ ބަލަދުވެރިޔާ ޖޫރިމަނާ ނުވަތަ ޒިންމާދާރުކުރެވޭނެ ގޮތްތަކެއް ގަވާއިދަކުން ކަނޑައެޅުން
- ރަށްރަށަށް އެތެރެވާ ބިދޭސީން އަތުގައި އެރަށުގައި މަސައްކަތްކުރުމުގެ ހުއްދަ އޮތްތޯ ބެލުން
- ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ގެދޮރު ކުއްޔަށް ދިނުން މަނާކުރުން
- ރަށުގައި ދިރިއުޅޭ އާންމުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި ރަށަށް އެތެރެވާ ބިދޭސީންގެ އަތުގައި މެޑިކަލް ސެޓްފިކެޓް އޮތްތޯ ބެލުން
އީސަ ވިދާޅުވީ މި މައްސަލައިގައި ފިޔަވަޅު ނޭޅެނީ އެހެން މުއައްސަސާތަކުން ލިބެންޖެހޭ މައުލޫމާތު ނުލިބިގެން ކަމަށް ބުނެ ފިޔަވަޅު ނާޅައި ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، ކޮންމެ މުއައްސަސާއެއްގެ މައްޗަށްވެސް ގާނޫނުން ލާޒިމުކުރާ ޒިންމާތައް އެ މުއައްސަސާއަކުން އުފުލަންޖެހޭނެ ކަމަށެވެ.
އެލްޖީއޭގެ ކަންބޮޑުވުން ގިނަ
އެ ބައްދަލުވުމުގައި އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް އަހްމަދު ވިދާޅުވީ ކައުންސިލުތައް ރެގިއުލޭޓުކުރާނެ ގަވާއިދުތަކަކާއި އުސޫލުތަކެއް އެކުލަވާލުމުގެ މަސައްކަތް 2011 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެކަން ކުރުމުގެ ބާރު އެލްޖީއޭއަށް އޮންނަކަމާ މެދު ސަރުކާރުގެ މަރުކަޒީ އިދާރާތަކުން ދެބަސްވާ ކަމަށެވެ.
އެލްޖީއޭއިން ބުނީ ގަވައިދުތަކާއި އުސޫލުތައް އެކުލަވާލައިގެން އެޓާނީ ޖެނެރަލްގެ އޮފީހާ މަޝްވަރާކުރުމުން، އެލްޖީއޭއަށް އެކަން ކުރެވޭނެކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ގަބޫލުނުކުރާ ކަމަށެވެ. ސަބަބަކީ އެލްޖީއޭއިން ހެދުމަށް ގާނޫނުގައި ސާފުކޮށް ލިޔެފައިވަނީ އެ އޮތޯރިޓީގެ ހިންގާ ގަވައިދާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގަވައިދާ ބެހޭގޮތުން އެކަނި ކަމަށް ވުމުންނެވެ.
އަދި ރަށްރަށަށް ބިދޭސީން އެތެރެވުމާ ބެހޭ އާންމު އުސޫލެއް އެކުލަވާލަން އިމިގްރޭޝަނުން އެދިގެން، އެ އުސޫލު އެކުލަވާލުމުން އެޓާނީ ޖެނެރަލްގެ އޮފީހުން އެކަމާ މެދު ގެންގުޅުނު ރައުޔު ތަފާތުވުމުން އެކަންވެސް ނުވިކަމަށް އެލްޖީއޭއިން ބުންޏެވެ.
ފާއިތުވެދިޔަ 8 އަހަރު ދުވަހު ހިނގިކަމަށް އެލްޖީއޭއިން ބުނި މި ކަންކަން އޭރު ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނެސް، ގާނޫނުތައ އިސްލާހުކުރަން މަސައްކަތް ނުކުރީ ކީއްވެގެންތޯ މެމްބަރު އީސަ ސުވާލު އުފެއްދެވިއެވެ.
އެޓާނީ ޖެނެރަލްގެ ޖަވާބު
އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭޓް ކައުންސެލާ ސަލްމާ ހަބީބު ކޮމިޓީގައި ވިދާޅުވީ އެލްޖީއޭއިން ފާހަގަކުރި މައްސަލައަކީ ސީދާ ކޮން މައްސަލައެއްކަން ނޭނގޭ ކަމަށެވެ. އަދި ރަށެއްގައި ގާނޫނާއި ގަވައިދާ ހިލާފަށް އުޅޭ މީހަކު ރިޕޯޓުކުރުމަށް ގަވައިދު ހެދުމާ ގުޅޭގޮތުން އެއްވެސް ރިކުއެސްޓެއް އައިސްފައި ވޭތޯ، ނުވަތަ އެޓާނީ ޖެނެރަލްގެ އޮފީހުން ލަވައެއް ދީފައިވޭތޯ ބެލުމަށްފަހު ކޮމިޓީއަށް ލިޔުމުން އަންގަވާނެ ކަމަށެވެ.
އެހެން ނަމަވެސް ލާމަރުކަޒީ ގާނޫނުގައި ވަކި ކަންކތައްތަކަކާ ގުޅޭގޮތުން ގަވައިދު ހެދުމުގެ ބާރު ދީފައިވާއިރު، ބިދޭސީންނާ ގުޅޭ ގަވައިދު ހެދުމުގެ ބާރު، އިމިގްރޭޝަން ގާނޫނުގެ ދަށުން މޯލޤޑިވްސް އިމިގްރޭޝަނަށް ލިބޭ ކަމަށެވެ.
"ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީންގެ ވޯކް ވިސާއާއި ބެހޭ ގަވާއިދެއްވެސް ހަދާފައި އެއަށް ވެސް އަމަލު ކުރަމުން އަންނަނީ. އެ ގަވާއިދުގެ ދަށުން ވެސް ގަވާއިދު ތަންފީޒު ކުރަން ޖެހެނީ އިމިގްރޭޝަނަށް،" ސަލްމާ ވިދާޅުވިއެވެ.
އެ ހުރިހާ ވާހަކަތަކަކާ ގުޅިގެން މެމްބަރު އީސާ ވިދާޅުވީ އެއްވެސް ހާލެއްގައި އެލްޖީއޭއަކީ ނާގާބިލު ބައެއްކަމަށް ވިދާޅުނުވާ ކަމަށާއި މައްސަލައަކީ މުއައްސަސާތަކުން ޒިންމާތަކުން ރެކި، އެހެން މުއައްސަސާއަށް ބޮލުގައި ޒިންމާތައް އަޅުވާތީ ކަމަށެވެ.
މައްސަލަތަކަށް ހައްލު ލިބޭނީ މަޖިލީހުގެ މެމްބަރުންނާއި ހުރިހާ މުއައްސަސާތައް ވެސް ގުޅިގެން ޒިންމާދާރުކޮށް ކަންތައްތައް ކުރުމުން ކަމަށް އީސާ ވިދާޅުވި އެވެ.